ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓުތަކަށް ފައިސާ ދައްކާއިރު ނަގާ އިންޓަރެސްޓް ހަ ޕަސަންޓަށް ކުޑަކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންގެ އަތުން ނަގާ އިންޓަރެސްޓް ރޭޓު ނުވަ ޕަސަންޓުން ހަ ޕަސަންޓަށް ކުޑަކޮށްފި އެވެ.

އެޗްޑީސީ އިން މިބަދަލު މިއަދު ގެނެސްފައި މިވަނީ ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ކުލި ކުޑަ ނުކުރާ ކަމަށް ބުނެ ވިނަރެސް ފްލެޓް ލިބުނު ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.

ޕެޓިޝަންގައި އެދިފައި އޮތީ ވިނަރެސް ފްލެޓްތަކުގެ ކުލިތައް 10،000 ރުފިޔާއަށް ކުޑަކޮށްދިނުމަށެވެ.

އެޗްޑީސީ އިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ގެނައި ބަދަލާ އެކު ވިނަރެސް ފްލެޓް ލިބުނު މީހުންނަށް ދިގު މުއްދަތަކަށް ބަހާލައިގެން ފްލެޓަށް ފައިސާ ދެއްކުމަށް މިހާރު ލުއިތަކެއް ލިބިފައިވާނެ ކަމަށެވެ. އެގޮތުން ފްލެޓް ލިބުނު މީހުންގެ އަތުން ނަގާ އިންޓަރެސްޓް ރޭޓު ނުވަ ޕަސަންޓުން ހަ ޕަސަންޓަށް ކުޑަކޮށް، ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 ޕަސަންޓްވެސް ކުޑަކޮށް، އެ 50 ޕަސަންޓް ފްލެޓް އަގުން އުނިކޮށްދީފައިވާ ކަމަށެވެ.

އެޗްޑީސީ އިން ބުނީ ވިނަރެސް ފްލެޓް ގަނެފައިވާ މީހުންގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާ އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ގަނެފައިވާ މީހުންނަށްވެސް މިއަދު ދިން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެޗްޑީސީ އިން ވިނަރެސް ފްލެޓްތަކުގެ ކުއްޔަށް ގެނައި ބަދަލާ ގުޅިގެން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9،000 ރުފިޔާ އާއި 13،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަވާނެ އެވެ.

މިގެނައި ބަދަލާ އެއްގޮތަށް އެއްބަސްވުންތަކަށްވެސް ބަދަލު ގެންނާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފައިވެ އެވެ.

ވިނަރެސް ފްލެޓު ލިބުނު 288 މީހަކާ އެކު އެޗްޑީސީ އިން ކުރިން އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އަދި ބައެއް އެޕާޓްމަންޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފަ އެވެ.

ވިނަރެސް ފްލެޓްގެ އާންމު މައުލޫމާތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވިނަރެސް ފްލެޓް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހުރެ އެވެ. އެއީ ތިން ކޮޓަރީގެ ޖުމްލަ 1،344 އެޕާޓްމަންޓެވެ. މީގެތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނުމުގައި 902-883 އަކަފޫޓު ހުންނައިރު އެޕާޓްމަންޓް ވިއްކުމަށް އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ 2.5 އަކާއި 2.7 މިލިއަން ރުފިޔާގެ އަގެއްގަ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ޕާކިން ޒޯން އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ހާއްސަކުރަން ނިންމާފައިވަނީ ކޮމާޝަލް ސްޕޭސް އަށެވެ. ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.