ޔުކްރޭން ހަނގުރަމާ އާއި ޣައްޒާ ހަނގުރާމައާ މެދު މުޅި ދުނިޔެ ދެކެނީ މުޅިން ތަފާތު ދެ މަންޒަރެއް ގޮތުގައި ކަމަށް ޔޫރަޕިއަން ޔޫނީއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
ބޮރެލް ވިދާޅުވި ގޮތުން ޣައްޒާ މައްސަލާގައި ޔޫރަޕިއަން ޔޫނިއަން ވެސް އޮތީ ބައިބައި ވެފަ އެވެ. އޭނާ އަދި ވިދާޅުވީ ޣައްޒާ މައްސަލާގައި އެކި ގައުމުން ދެކެނީ އެކި ގޮތަށް ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުން ފަލަސްތީންއާ މެދު ދެކެނީ ޔުކްރޭނާ މެދު ދެކޭ ގޮތަށް ނޫން ކަމަށް ބުނެ ނޫސްވެރިއަކު ބޮރެލްއަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ކޮންމެ ގައުމަކުން ވެސް އެ ގައުމަކުން ދެކޭ ގޮތް އެނގުން ބޭނުންތެރި ކަމަށެވެ.
ޔޫރަޕަކީ ދެފުށް ދެގޮތް ނާތަހުޒީބު ބައިގަނޑެއް ކަމަށް ނޫސްވެރިއަކު ބުނުމުން ބޮރެލް ވިދާޅުވީ އެކަހަލަ ކިތަންމެ ފާޑުކިޔުމެއް އޭނާއަށް ހުށަހެޅިއްޖެ ކަމަށެވެ. އަދި އެ މީހަކަށް ފެންނަ އެއްޗެއް ބުނުމުގައި މައްސަލައެއް ނެތް ކަމަށެވެ.
ޣައްޒާ މައްސަލާގައި ހުރިހާ ގައުމަކުން އެކައްޗެއް ބުނުމަކީ ނާދިރު ކަމެއް ކަމަށް ބޮރެލް ވިދާޅުވި އެވެ. އެނާ ވިދާޅުވި ގޮތުން ޔޫރަޕްގެ ހުރިހާ ގައުމަކަށް އެއް ގޮތަކަށް އެއްބަސްވެވެނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ކަމަށެވެ.
އަސީރުން ދޫކޮށްލުމާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި ޒަރޫރީ ހުރިހާ ކަމެއް ފުރިހަކުރުމަށް އީޔޫއަށް އެއްބަސްވެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބޮރެލް ވިދާޅުވީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އދ ގައި ނެގި ވޯޓުގައި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ބައިވެރިވި ކަމަށެވެ. އެކަމަކު ކޮންމެ ގައުމަކުން ވޯޓު ދިނީ އެ ގައުމަކަށް ފެންނަ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް އެއް ގޮތަކަށް ވޯޓު ދިނުމަށް މަޝްވަރާކޮށް އެއްބަސްވެފައި ނުވާ ކަމަށެވެ.
ބޮރެލް ވިދާޅުވީ ޣައްޒާ މައްސަލާގައި ފަލަސްތީނަށް އޯގާތެރިވާ ގައުމުތައް ޔޫރަޕުގައި ހިމެނޭ ކަމަށެވެ. އަދި އިޒުރޭލު ދެމިއޮތުމަށް ބައެއް ގައުމުތަކުން ބާރުއަޅާ ކަމަށްވެސް ވިދާޅުވި އެވެ.
ބޮރެލް ވިދާޅުވި ގޮތުން އެއްވެސް ހަނގުރާމައެއް ކުރިއަށް ގެންދިއުމުން އީޔޫ އިން ޖުމުލަ ގޮތެއްގައި ނުނިންމާނެ އެވެ. އަދި އިންސާނީ ނަސްލު ނައްތާލުން ކަމަށް ބެލެވޭ އެއްވެސް ކަމަކަށް އީޔޫ ރުހުން ނުދޭނެ އެވެ.
ގައުމުތަކުގެ ޝައުގުވެރިކަން އޮތް ކޮންމެ ގޮތަކަށް އެހެން ގައުމުތަކާ މުއާމަލާތްކުރުމަކީ ޔޫރަޕިއަން ޔޫނިއަންގައި މަނާކަމެއް ނޫން ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ.