ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު: އަދި ހުށަހެޅީ ދެ ފޯމު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ލިބިފައިވަނީ ދެ މީހެއްގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ.

ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މިހާތަނަށް ފޯމު ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ފޯމު ހުށަހެޅުއްވީ ގަމު ދާއިރާއަށް ވާދަކުރެއްވުމަށް ކަމަށާއި ދެވަނަ ބޭފުޅަކު ފޯމު ހުށަހެޅުއްވީ ނިލަންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ކަމަށެވެ. ދެ ބޭފުޅުންވެސް ފޯމު ހުށަހެޅުއްވީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށެވެ.

ދެ ފޯމުވެސް ބަލައިގަނެ ކޮމިޝަނުން ވަނީ ފޯމު ހުށަހެޅުއްވި ބޭފުޅުންނަށް އެކަން އަންގާފަ އެވެ.

އީސީން ބުނި ގޮތުގައި މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅާނީ އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގެ އަށެވެ.

އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މަޖިލިސް އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.