އިލެކްޝަންސް ކޮމިޝަން

ވޯޓް ކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯއާ ލޯގޯ ޖަހަން ފުރުސަތު ދެނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ކަރުދާހުގައި ފޮޓޯއާއި އެކު ލޯގޯ ޖެހުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދީފި އެވެ.

މީގެކުރީގެ އިންތިހާބުތަކުގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ފޮޓޯއާއި އެކު ލޯގޯ ޖެހެނީ ހަމައެކަނި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެކަންޏެވެ. އެ ބޭފުޅުންނަށް ޖެހެނީ އެ ބޭފުޅަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ އާއި ލޯގޯ ވޯޓު ކަރުދާހުގައި ޖަހާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ތެރޭގައި ނިންމާފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ލޯގޯ އަކަށް ވާނީ އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯ. އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް، އީސީން ފާސްކޮށްފައިވާ، އެ ކެންޑިޑޭޓަކު ހުށަހަޅާ ލޯގޯ އެއް [ޖެހިދާނެ]،" ހަބީބް ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭއިން، އެއް ކެންޑިޑޭޓެއްގެ ހުށަހަޅާ ލޯގޯއެއް އެހެން ކެންޑިޑޭޓަކަށް ބޭނުން ނުކުރެއްވޭނެ ކަމަށެވެ. ދެ ލޯގޯ އެއްގޮތް ވެއްޖެނަމަ ފުރުސަތު ލިބޭނީ ކުރިން ލޯގޯ ހުށަހެޅުއްވި ކެންޑިޑޭޓަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.