ވިޔަފާރި

ގައުމީ ފެން ކުންފުނިން ރިސޯޓު މާކެޓަށް ޕްރިމިއަމް ބްރޭންޑެއް ނެރެނީ

Feb 28, 2016
4
  • ކަނޑުގެ އަޑިން ފެންނަގައިގެން ނެޗުރަލް މިނަރަލް ފެން އުފައްދަން ފަށާނެ
  • ރިސޯޓުތަކަށް ފެން ސަޕްލައި ކުރަން ފަށާނެ
  • ހާއްސަ އުޅަނދެއް ދަނީ ޑިޒައިން ކުރަމުން

ރިސޯޓު މާކެޓަށް ހާއްސަ ފެނުގެ "ޕްރިމިއަމް ބްރޭންޑެއް" ނެރުމުގެ މަސައްކަތް ގައުމީ ފެން ކުންފުނިން ފަށައިފި އެވެ.

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ފެނުގެ އިތުރު ޕްރިމިއަމް ބްރޭންޑުތައް އުފެއްދުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ކުރިއަށް އޮތްތާގައި ޕްރިމިއަމް ބްރޭންޑެއްގެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ، ފައިތިލަ ސާބިތުކޮށްދޭނަން،" ފަޒްލީ ވިދާޅުވީ އެވެ.

އޭނާ ވިދާޅުވީ ކަނޑުގެ 800-1000 މީޓަރު އަޑިން ފެން ނަގައިގެން ފެން އުފެއްދުމުގެ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި އޮތް 130 ރިސޯޓަށް ފެނުގެ ޕްރިމިއަމް ބްރޭންޑުތައް ފޯރުކޮށްދޭން އެ ކުންފުނިން އަމާޒު ހިފާފައިވާ ކަމަށެވެ.

"ކަނޑުގެ އަޑިން ނެގޭ ފެނަނީ ނެޗުރަލް މިނަރަލައިޒް ނޫނީ ނެޗުރަލީ މިނަރަލައިޒް ހުންނަ ފެން. މިއިން ވިޔަފާރި ފުޅާ ކުރެވެންވެސް އެބައޮތް. އެކަމުގެ ފީޒިބިލިޓީ ވެސް ދަނީ ހެދެމުން. ޑީޕްސީ ވޯޓާ އަކީ ޕްރިމިއަމް ބްރޭންޑެއް. މި އަމާޒު ކުރެވިގެންދާނީ ތަފާތު ބައިޕްރޮޑަކްޓްތަކަށް،" ފަޒުލް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ނަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ."

އޭނާ ވިދާޅުވީ މާލެ ކައިރި ހިސާބުތަކަށް ފެން ފޯރުކޮށްދިނުމަށް ހާއްސަ އުޅަނދެއް ޑިޒައިން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޕްލާންޓްތައް ނުހުންނަ ހިސާބުތަކުގައި ފެން އުފެއްދުމަށް "މޮބައިލް ބޮޓެލިން ޕްލާންޓްސް" ތަކެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"މީގެ ފީޒިބިލިޓީ ހަދަމުން މިދަނީ. މި މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެ، އަންނަ އަހަރު އިންވެސްޓް ކުރެވޭވަރުވާނެ. މި އަހަރު ދުވާފަރުފައި ޕްލާންޓެއް ގާއިމް ކުރެވޭތޯ ބަލަމުން މިދަނީ،" ފަޒުލް ވިދާޅުވި އެވެ.