ޑރ. އައިޝަތު ރަމީލާ

މަސައްކަތަށް އެނބުރި އާދެވުމަކީ ލިބުނު އުފަލެއް: ރަމީލާ

ކެންސަރު ބައްޔަށް ކުރަންޖެހޭ ފަރުވާގެ ފުރަތަމަ ބައި ނިންމުމަށްފަހު އެނބުރި މަސައްކަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ބޮޑު އުފަލެއް ކަމުގައި މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަނާ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އަދި މިހާތަނަށް ސައިޑް އިފެކްޓެއް ނެތި ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭތީ ﷲއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޑރ. ރަމީލާ ވިދާޅުވީ ފަރުވާގެ ދެވަނަ ބައި ފެށުމުގެ ކުރިން ލިބިފައިވާ މަދު ހަފްތާތަކުގެ ތެރޭގައި ފުރިހަމަ މަސައްކަތެއް ކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.

މިނިސްޓަރު ރަމީލާ ވަނީ އެކަމަނާ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އެނގުމާ އެކު ހެޔޮ ދުއާ ކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ޑރ. ރަމީލާ ހާމަކުރެއްވީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ކެންސަރު ޖެހިފައިވާ ކަމާއި އެކަން އެނގިވަޑައިގަތީ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް އެކަމަނާ އޭރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ޑރ. ރަމީލާގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރު ރަމީލާއަށް ގުޅުއްވާ ހިތްވަރު ދެއްވަވާ ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހި ދުވަހު ޑރ. ރަމީލާ ރުހުން ދެއްވީ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.