ޑރ. އައިޝަތު ރަމީލާ

ރަހުނަކާ ނުލާ ދަނޑުވެރިކަމަށް ނެގޭ ލޯނު 5 ލައްކަ ރުފިޔާއަށް ބޮޑުކުރަނީ

"ދަނޑުވެރި ނަފާ ލޯނު" ޕްރޮގްރާމުގެ ދަށުން ރަހުނަކާ ނުލާ ނެގޭ ލޯނުގެ އަދަދު ފަސްލައްކަ ރުފިޔާއަށް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމަށް ހާއްސަ "ދަނޑުވެރި ނަފާ ލޯނު" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 16 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި މި ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރަހުނަކާ ނުލާ މިހާރު ނެގޭ އެއްލައްކަ ރުފިޔާގެ ލޯނު ފަސްލައްކަ ރުފިޔާއާ ހަމައަށް ނެގޭ ލޯނަކަށް ބޮޑުކުރުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވީ ދަނޑުވެރިކަމަށް ދޫކުރާ ލޯނުތަކަކީ އިސްލާމިކް ފައިނޭންސިން އުސޫލުގެ ދަށުން ދޫކުރާ ލޯނުތަކަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން ސަރުކާރާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ ބިޒްނަސް ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު 12 ރަށެއްގައި ނަމޫނާ ގްރީން ހައުސް ތައްޔާރުކޮށްފައިވާ ކަމަށާއި ފަސް ރަށެއްގައި ނަމޫނާ ގްރީން ހައުސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ގްރީން ހައުސްތަކަށް ދަނޑުވެރިން އަމިއްލައަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މީގެތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ހިލޭ އެހީ ދޫކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށްވެސް މިނިސްޓަރު ރަމީލާ ވިދާޅުވި އެވެ.