ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންވެސް މާދަމާގެ ޖަލްސާ ބޮއިކޮޓްކޮށްފި

ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރުހުން ނުދިން ތިން ވަޒީރުންނަށް މަޖިލީހުގެ އިދާރާ އިން ދައުވަތު ދެއްވާފައިވާތީ ދަ ޑިމޮކްރެޓް އިން އެކަން ކުށްވެރިކޮށްފި އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރުހުން ނުދިން ވަޒީރުންނަށް ދައުވަތު ދީފައިވާ ކަމަށް އެ ޕާޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ރުހުން ނުދޭ ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދިނުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއް ކަމަށެވެ. ސަރުކާރުގެ ޣައިރު ގާނޫނީ މިފަދަ އަމަލުތަކަށް ހިތްވަރާއި ބާރު ލިބިދެވޭ ގޮތަށް ހިންގޭ ކަންކަމުގައި އެ ޕާޓީން އެއްބާރުލުން ނުދޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މި ސަބަބުތަކަށްޓަކައި މާދާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލިމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ އެމްޑީޕީންވެސް ވަނީ މާދަމާ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.