ސޮވްރިން ޑިވްލޮޕްމަންޑް ފަންޑް (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސޮވްރިން ފަންޑަށް ޑޮލަރު ޖަމާކުރަން ފަށައިފައިވާ ކަމަށާއި ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި ބެހޭ ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
ދަރަނި އަދާކުރަން 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސޮވްރިން ފަންޑުން ރުފިޔާ ބޭނުންކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން ދައްކަންޖެހޭ 9.8 ބިލިއަން ރުފިޔާގެ ތެރެއިން އެސްޑީއެފްއިން 3.8 ބިލިއަން ރުފިޔާ ދައްކަން ވަނީ ނިންމާފަ އެވެ.