ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭނެ އިންތިޒާމު ހަމަަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.
ވަޒީފާއާއި ބެހޭ ގާނޫނު މިހާރު އޮތް ގޮތުން ދައުލަތުގެ ވަޒީފާއެއްގައި ހުރި މީހެއް ނަމަ އުމުރުން 65 އަހަރުވުމުން ވަަޒީފާ އިން ރިޓަޔާ ކުރުމަށް ލާޒިމުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ އިސްރަށްވެހީންގެ ތަޖުރިބާ އާއި ވިސްނުން ގައުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ ހިދުމަތުގައި މެދުކެނޑުމެއް ނެތި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު އުމުރުން 65 އަހަރުވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔަވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ބޭފުޅުންނަށް އުނދަގޫ ހާލަތަކަށްވާ ކަމަށެވެ.
"އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށްވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމައަށް ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން މިއަހަރު އިސްރަށްވެހީންގެ ހާއްސަ ދަފްތަރެއް އެކުލަވާލާނެ ކަމަށެވެ.
އިސްރަށްވެހީންގެ ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް މާލެއާއި އަތޮޅުތަކުގައި ގާއިމުކުރަން ކެބިނެޓުން ނިންމާ، އެ މަސައްކަތްވެސް ހަފްތާ 14ގެ ތެރޭގައި ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން މާލޭގެ މިފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވޭނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
މާލޭގައި ހަދާ މަރުކަޒު ހެދުމަށް ނިންމާފައިވަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައެވެ.
މީގެއިތުރުން އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރުމަށް ކަނޑައެޅިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.