ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށް ދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހައްލުކުރަން އެމަނިކުފާނު ވައުދުވެފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން ކަމަށެވެ.
"މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ހައްގެއް. އަދި އަސާސީ ހައްގެއްވެސްމެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އަޅުގަނޑު ދެންނެވި ފަދައިން ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަގީންކުރުން ކަމަށެވެ. މާލެ ސަރަހައްދުގައި ގުޅިފަޅާ ގިރާވަރުފަޅުން ހިއްކަން ކުރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑަށް ހިއްކުމަށްފަހު މާލެ ސަރަހައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދެވޭނީ އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއްގެ މަގުފަހިކުރެވޭނީ ރަސްމާލެ މަޝްރޫއާ އެކު ކަމަށްވެސް ވިދާޅުވި އެވެ.
"ރަސްމާލެ ތަރައްޤީ ވެގެންދާނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ 'ސޭފް އައިލެންޑް ސްޓޭންޑަޑް'އަށް. އަދި 'ނެޓް ޒީރޯ ކާބަން އިކޯ ސިޓީ'އެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ފުރިހަމަ އެކްސެސިބިލިޓީ ލިބިދީފައިވާ ފަސޭހަ ސިޓީއެއްގެ ގޮތުގައި. އާދެ! ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޯތި ލިބޭނެކަމުގެ ލިޔުމެއް ކުރީން ލިބިފައި އޮތް ހަމަ ކޮންމެ ރައްޔިތެއްގެ ހައްގު ލިއްބައިދޭނެ ކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަހައްދެއް ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށައި އެކަން ކާމިޔާބުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. މިގޮތުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅާލުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މި އަހަރު ފަށާނެ ކަމަށާއި ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަންޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ސަރުކާރުން ބަލަމުންދާ ކަމަށެވެ. އެމަނިކުފާނު ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި ވާނީ ކުޑަކޮށްދީފައި ކަމަށްވެސް ވިދާޅުވި އެވެ.
"ހިޔާ ފުލެޓްތަކުގެ 7000 ހައުސިން ޔުނިޓުގެ ފިނިޝިން ހަރަދު ފުލެޓުގެ އަގުން މިހާރު ވަނީ އުނިކުރެވިފައި. ހިޔާ ފުލެޓްތަކުގެ 7000 ހައުސިން ޔުނިޓްގެ ފިނިޝިން ހަރަދުގެ ގޮތުގައި 200،000 ރުފިޔާ ކަމަށް ބަލައި، ޖެނުއަރީ 2024 އިން ފެށިގެން ހަތް އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5500 ރުފިޔާ އިން 3984.21 ރުފިޔާއަށް ވަނީ ކުޑަކުރެވިފައި. މިގޮތަށް ކުޑަކުރުމުން 110،526 ރުފިޔާ ފުލެޓްގެ އަގުން ކުޑަކޮށްދެވޭ. އަދި ބާކީ 89،473 ރުފިޔާ ކުޑަކުރުމުގެ ގޮތުން ފުލެޓްގެ އަގު ދައްކަން ދީފައިވާ 27 އަހަރުން އެއް އަހަރު އުނިކޮށް 26 އަހަރަށް ވަނީ ކުރުކޮށްދެވިފައި،" ހިޔާ ފްލެޓްތަކުގެ ކުއްޔަށް ގެނައި ބަދަލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފުލެޓްތަކުގެ ޑައުންޕޭމެންޓުން 50 ޕަސަންޓް ކުޑަކޮށް މަހު ކުލިން އެވްރެޖްކޮށް 4200 ރުފިޔާ ވެސް މިހާރު ވަނީ ކުޑަކުރެވިފައި ކަމަށެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ފުލެޓްތަކުގެ ކުލިން 20 ޕަސަންޓް ކުޑަކުރެވި، ސިފައިންނާއި ފުލުހުންގެ ފުލެޓުގެ ކުލި ދައްކަން ފެށުން އެއް އަހަރު ދުވަހަށް ފަސްކޮށްދެވިފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖޫރިމަނާ މިހާރު ވާނީ މައާފުކުރެވިފައި ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަސް ޕަސަންޓަށް ވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ގެދޮރު އެޅުމަށާއި ގެދޮރު މަރާމާތު ކުރުމަށާއި ފްލެޓް ގަތުމަށް ފައިސާ ހަމަޖެހޭނެ ގޮތް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ގޯތި ހޯދަން ކުރިމަތިލާން ރައްޔިތުންނަށް ޖެހޭ ތަކްލީފް ކުޑަކޮށްދިނުމަށްޓަކައި، ގޯތިގެދޮރަށް ބޭނުން ޖެހިފައިވާ ހުރިހާ ރައްޔިތުންގެ ރަޖިސްޓްރީއާއި ހާލަތު އަބަދުވެސް އަދާހަމަވަމުންދާ ހާއްސަ ޕޯޓަލްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ގޯތިތަކުގެ ރަޖިސްޓްރީތައް އަދި ފަޅުތެރެއިން ދޫކޮށްފައިވާ ހުރިހާ ގޯތިތަކަށް ވަގުތީ ލިޔުން ވަނީ ހަދާ ނިމިފައި. އެ ރަޖިސްޓްރީތަކާއި ލިޔުންތަކާއި ހަވާލުވުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައި. އަޅުގަނޑު އުއްމީދުކުރަނީ ގޯތި ލިބިލެއްވި ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަށް މި ރަޖިސްޓްރީ ނުވަތަ ލިޔުމާއި ހަވާލުވެވަޑައިގަތުން،" މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމު އާބާދުކޮށް ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އެކުލަވާލާނެ ކަމަށެވެ. މިކަން ކުރާނީ ރަށްރަށުގެ އާއިލާތަކާ ހަމައިން، ވީހައި ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށްވެސް ވިދާޅުވި އެވެ.
"ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއެކު މި އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.