ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިން 50 ވައުދު ފުއްދަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކާ، ރައްޔިތުންގެ އިހްސާސްތަކާ އުއްމީދުތަކާ ގުޅިފައިވާ ގިނަގުނަ ކަންކަން ހާސިލްކޮށްދިނުމަށް އެމަނިކުފާނު ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފްތާގައި -- ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް ވާނީ އެކުލަވާލާފައި ކަމަށެވެ.
ރައީސް ވިދާޅުވީ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވައުދުތަކާއި، ހަތަރު ހަފްތާ، ނުވަ ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ކަނޑައަޅާފައިވާނެ ކަމަށާއި އެ މަގުޗާޓުގައި ޖުމްލަ 161 ވައުދު ހިމެނިފައިވާނެ ކަމަށެވެ.
"މިއަދާ ހަމައަށް 11 ހަފްތާ ނިމިފައިވާއިރު ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު ވަނީ 100 ޕަސަންޓް ފުއްދިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 14 ހަފްތާ ނިމުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 111 ވައުދުގެ 78 ޕަސަންޓް މިހާރު ފުދިފައިވާ ކަމަށެވެ. ބާކީ އޮތް 111 ވައުދުވެސް 14 ހަފްތާ ނިމުމުގެ ކުރިން 100 ޕަސަންޓް ފުއްދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިފުރުސަތުގައި މި ވައުދުތައް ފުއްދުމަށް ކެނޑިނޭޅި ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކެބިނެޓުގެ އެއްމެހާ މެންބަރުންނަށާއި، ސަރުކާރުގެ އެކިއެކި ސިޔާސީ އަދި ސިވިލް ސާވިސް މަގާމުތަކުގައި ތިއްބެވި މުވައްޒަފުންނަށާއި ދައުލަތުގެ މުއައްސަސާތަކަށާއި، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ބާކީ ހުރި ހުރިހާ ވައުދެއް ފުއްދާނޭ ގޮތުގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާ އެކު މަސައްކަތް ކުރަމުން ކަމަށެވެ. މިކަމަށް ޔޫއެންޑީޕީ އިން ދެއްވާ އެހީތެރި ކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.