ދުނިޔެ

އެމެރިކާއިން ފަލަސްތީންގެ ރެފިއުޖީންނަށް ދޭ އެހީ ކަނޑާލަނީ

ފަލަސްތީންގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ ގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (އަންރާ) އަށް އެމެރިކާއިން ދޭ ހުރިހާ އެހީއެއް ކަނޑާލައި، އެ ފައިސާ އދ ގެ އެހެން އިދާރާތަކަށް ބަހާލަނީ އެވެ.

މިކަން މި ގޮތަށް ކުރުމަށްޓަކައި އެމެރިކާ ސަރުކާރުން މިހާރު ވަނީ އެ ގައުމުގެ ގާނޫންހަދާ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެދޭ ގޮތަކީ އަންރާއަށް ދޭ ހުރިހާ އެހީއެއް އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމަށާއި އދ ގެ ކުޑަކުދިންނަށް ބެހޭ އިދާރާއަށް ދިނުމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުން އދ ގެ އެހެން އިދާރާތަކަށް އެހީ ބަހާލި ނަމަވެސް، އެމެރިކާއިން ޣައްޒާއަށް ދޭ އެހީއަށް ބަދަލެއް ނާންނާނެ އެވެ.

އެމެރިކާއިން ބޭނުންވަނީ އެ ގައުމުން ފޯރުކޮށްދޭ އެހީ ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބޭ ގޮތް ކަށަވަރުކުރަން ކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލް ވިދާޅުވި އެވެ.

އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމަށް އަދި ކުޑަކުދިންނަށް އެހީތެރިވުމަށް އދ އިން ހިންގާ އިދާރާއަށް ފައިސާ ދިނުމުން، ހަމަ އެ ފައިސާ ޣައްޒާއަށް ލިބޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ހަމައެކަނި ތަފާތަކީ އެހީ ފޯރުކޮށްދިނުމުގައި މެދުވެރިވާ ފަރާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދޭ އެހެން އޮގަނައިޒޭޝަންތައް މެދުވެރިކޮށް ވެސް އެހީތެރިވާނެ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

އެމެރިކާއިން އަންރާއަށް އިދާރާއަށް އެހީވުން ހުއްޓާލާ ސަބަބަކީ މިދިޔަ އަހަރު އޮކްޓޯބަރުގައި، ޔަހޫދީ އާބާދީތަކަށް ހަމަށްގެ ހަނގުރާމަވެރި ވަދެގަނެ ދިން ހަމަލާތަކުގައި އަންރާގެ އޮފިޝަލުން ބައިވެރިވުމެވެ.

އެމެރިކާ ބުނި ގޮތުން އަންރާގެ މުވައްޒަރުން އިޒުރޭލާ ދެކޮޅަށް ހަމަލާތަކުގައި ހަމާސްއާ ބައިވެރިވެ ހަރަކާތްތެރިވި ކަމަށް އިޒުރޭލުން ކުރި ޝަކުވާ ރަނގަޅު ކަމަށެވެ. އަންރާއިން ވެސް ވަނީ މިކަމަށް އެއްބަސްވެފައި ކަމަށް އެމެރިކާ ބުނެ އެވެ.

ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ ގެ އޭޖެންސީއެއްގައި ޓެރަރިސްޓުން ހަރަކާތްތެރިވުމަކީ އެެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އޮކްޓޯބަރު ހަމަލާއާ ގުޅިގެން 18 ގައުމަކުން ފަލަސްތީނަށް އެހީދިނުން ހުއްޓާލި އެވެ. މިއީ ޣައްޒާއަށް ވަރަށް ބޮޑަށް އެހީއަށް ބޭނުންޖެހިފައި އޮތް ދަނޑިވަޅެއްގައި މެދުވެރިވި ވަރަށް ދެރަ ހާލަތެކެވެ.

އެމެރިކާ ސަރުކާރުން ގާނޫންހަދާ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި 118.3 ބިލިއަން ޑޮލަރަށް ވަނީ އެދިފަ އެވެ. އެއީ ބޯޑަރު ބެލެހެއްޓުމަށާއި ޔުކްރޭނަށާއި އިޒްރޭލަށް އެހީވުމަށެވެ. އެއިން އެއްވެސް މިންވަރެއް އަންރާއަށް ކަނޑައަޅާފައެއް ނުވެ އެވެ.