ޑރ. މުހައްމަދު މުއިއްޒު

ނުފޫޒު ފޯރުވައިގެން ރައްޔިތެއްގެ ހައްގު ގެއްލުވައެއް ނުލެވޭނެ: ރައީސް

ނުފޫޒެއް ފޯރުވައިގެން އެއްވެސް ރައްޔިތެއްގެ ހައްގެއް މިސަރުކާރުގައި ގެއްލުވާލުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ ސިލްސިލާގައި ސޯޝަލް ހައުސިންގެ ދަށުން ދޫކުރުމަށް ތައްުޔާރުވަމުންދާ ފްލެޓްތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށެވެ.

ސުވާލުގައި މައިގަނޑު ގޮތެއްގައި އަހާފައިވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވާ ލިސްޓަކަށް ފްލެޓް ދޫކުރަން އުޅޭ ކަމަށް ބުެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަށް އެއްވެސް މީހެއްގެ އެއްވެސް ނުފޫޒަކަށް އެއްވެސް ކަމެއް ކުރަން ޖާގައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް އަދި އަޅުގަނޑުގެ އަންހެނުން ވިޔަސް އަދި އަޅުގަނޑުގެ ރަށްޓެއްސެއް ވިޔަސް ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހެއް ވިޔަސް އަދި އެއްވެސް ކަހަލަ ނުފޫޒެެއް އެއްވެސް ދިމާލަކުން ފޯރުވައިގެނެއް މިސަރުކާރުންނެއް އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގެދޮވެރިކަމަށް ދޫކުރާ ފްލެޓެއް ކަމަށްވިޔަސް އަދި އެހެން ހައްގެއް ކަމަށްވީ ނަމަވެސް އެ ހައްގަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރަން އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިންސާފުވެރިކަމާއި ހަމަަހަމަކޮށް އަދި ދެފުށް ފެންނަ ގޮތަށް ނޫން ގޮތަކަށް މިސަރުކާރުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ނުފޫޒު ފޯރުވައިގެން ރައްޔިތެއްގެ ހައްގު ގެއްލުވާލަން މަސައްކަތް ކުރާކަން އެނގިވަޑައިގަންނަނާ ހިސާބުން އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ނެރޭ ލިސްޓް ނޫނީ އެ ކަހަލަ ކަމަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަމެއް ނޫން. އެއީ ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ.

ފްލެޓް ދޫކުރާނީ ނުފޫޒެއް ނެތި ކަމަށް ރައީސް ވިދާޅުވެފައި މިވަނީ ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި އަޅާފައިވާ އަދި ނިންމުމުގެ މަސައްކަތް ކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅިއިރު އޭގެތެރެއިން 60 ޕަސަންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީ އިން ބުނެފައި ވަނިކޮށެވެ.