ރައްޔިތުންގެ މަޖިލިސް

މަޖިލިސް އިންތިހާބަށް ސަރުކާރުން އުޅެނީ ފްލެޓްތައް ބަހާލަން: މީކާއީލް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފްލެޓްތައް ބަހާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެހެން މައްސަލައަކަށް ކުރިއަށް ދިޔަ ބަހުސްގައި މީކާއީލް ވިދާޅުވީ މަޖިލިސް އިންތިހާބަށް ފްލެޓްތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭސީސީ އާއި ގުޅިގެން އެދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފްލެޓްތައް ބަހާލަން، ފްލެޓްތަކުގެ ބޭނުން ނާޖާއިޒު ކުރަން އެ ދިމާކުރަނީ،" މީކާއީލް ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ އެކަމުގައި އެމްޑީޕީން ދޫނުދޭނެ ކަމަށާއި އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ލިޔުމެއް ލިބިފައިވާނަމަ އެ ލިޔުމުގެ ދިފާއުގައި އެޕާޓީ އޮންނާނެ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓަށް ދާން ޖެހިއްޖެނަމަ ކޯޓަށްވެސް ދާނެ ކަމަށް ވިދާޅުވި އެވެ.

"މި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހަނި ފުރުސަތެއްވެ އަޅުގަނޑުމެންނަށް ލިބޭހާ ހިނދަކު އަޅުގަނޑުމެން މި ހައްގުތަކުގެ ދިފާއުގައި ތިބޭނަން،" މީކާއީލް ވިދާޅުވި އެވެ.

މީކާއީލް މިހެން ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 59 ޕަސަންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފައި ވަނިކޮށެވެ.

ފްލެޓްތަކުގެ މައްސަލައާއި ގުޅޭ ގޮތުން އޭސީސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ކޮމިޝަނުން ތަހުގީގުކުރި 4،048 ފޯމުގެ ތެރެއިން 59.6 ޕަސަންޓް ފޯމުގެ -- ގާތްގަނޑަކަށް 2،400 ފޯމުގެ ޝަރުތު ހަމަނުވެ އެވެ.