ބޭރު ކުޅިވަރު

ވެންބްލީގައި ލިބޭ ތައްޓަކީ ހާއްސަ ކާމިޔާބީއެއް: ޕެލެގްރީނީ

Feb 29, 2016

އިނގިރޭސިވިލާތުގެ ވެންބްލީ ސްޓޭޑިއަމުގައި ލިބޭ ކޮންމެ ކާމިޔާބީއަކީ ވެސް ހާއްސަ ކާމިޔާބީ އެއް ކަމަށް މެންޗެސްޓާ ސިޓީން ބުނެފި އެވެ.

އެ ޓީމުގެ ކޯޗު މެނުއަލް ޕެލެގްރީނީ މިހެން ބުނީ އިނގިރޭސި ލީގު ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް ތަށި ހޯދި މެޗަށް ފަހު އެވެ.

މި ސީޒަނަށް ފަހު ސިޓީއާ ވަކިވާ ކޯޗު ބުނީ މެޗުގައި އޭނާގެ ޓީމަށް ލިބުނު ގިނަ ފުރުސަތުތަކެއް ގެއްލުމުން ކަންބޮޑުވި ކަމަށާއި ޓީމަށް ރަނގަޅަށް ކުޅެވުނީ އެކްސްޓްރާ ޓައިމްގެ 30 މިނިޓްގައި ކަމަށެވެ.

އަދި މިއީ ސީޒަނުގެ ބާކީ ހުރި މުބާރާތްތަކުން ކާމިޔާބު ހޯދަން ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި ރޭގެ މެޗުގައި އޭނާގެ ޓީމުގެ ކީޕަރަށް ކުޅުނު ކަބަޔޭރޯ އަށް ތައުރީފް ހައްގު ކަމަށެވެ.

"އޭނާ އަށް ތަށީގައި ބޮސްދިނުން ހައްގު. މުޅި މެޗުގައި ވެސް އޭނާ މޮޅަށް ކުޅުނު،" ކޯޗު ބުންޏެވެ.