ރައްޔިތުންގެ މަޖިލިސް

ދެ މެންބަރަކު ޕީއެންސީއަށް ބަދަލުވިކަން އިއުލާނުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވިކަން މަޖިލީހުގައި މިއަދު އިއުލާނުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ދަފުތަރުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ޕީއެންސީއާ ގުޅިވަޑައިގެން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދު

  • އެމްޑީޕީ - 42 މެންބަރުން
  • ޕީއެންސީ - 16 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީޕީއެމް - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖޭޕީ - 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ - 3 މެންބަރުން

އަސްލަމް ވިދާޅުވީ މި ބަދަލާއި ގުޅިގެން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި އެ ބަދަލު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް ގެނައުމަށް މަޖިލީހުގެ އިދާރާއިން ހުށަހަޅާ ހުށަހެޅުން މެންބަރުންގެ ޕޯޓަލްއިން ފެންނާނެ ކަމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށް މިއަދު ވޯޓަށް އަހާނެ ކަމަށާއި ކޮމިޓީތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާޢިދުގައިވާ ގޮތުން ދާއިމީ ކޮމިޓީއަށް ޕާޓީއަކުން އައްޔަންކުރެވޭ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އެ ކޮމިޓީއެއްގެ މެންބަރުކަމުން ވަކިވާނެ އެވެ.

"މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޓީތަކުގައި އިއްޒަތްތެރި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް ބަދަލު އައިސްފައިވާ ޕާޓީތަކުން ކޮމިޓީތަކުގައި ތަމްސީލު ކުރައްވާނެ މެންބަރުންގެ ނަންފުޅުތައް މިއަދު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ފޮނުއްވާ ދެއްވުން އެދެން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޕާޓީތަކުން ނަން ނުފޮނުއްވާ ބޭއްވުމަކީ ކޮމިޓީތައް ހުއްޓިގެންދާންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންކަމުން ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއެކު ކޮމިޓީތައް ކުރިއަށްދާނެ ކަމަށެވެ.