ދުނިޔެ

އިޒުރޭލަށް އެހީދޭ ބިލު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ބޭރުކޮށްފި

އިޒުރޭލަށް އެހީދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވި 17.6 ބިލިއަން ޑޮަލަރުގެ ބިލު ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.

މި ބިލު ފާސްކުރަން މަޖިލީހުގެ ތިންބައިކުޅަ ދެބައި ލިބެން ޖެހެ އެވެ. ފާސްކުރަން ނުފެންނަ ކަމަށް 250 އަދި ފާސްކުރަން ފެންނަ ކަމަށް ލިބުނު 180 ވޯޓާ އެކު މި ބިލު ވަނީ ތަޅުމުން ބޭރުކޮށްފަ އެވެ.

ބިލު ފާސްނުވި އެންމެ ބޮޑު ސަބަބަކީ އިޒުރޭލުން ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތަކެވެ. ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޔަހޫދީން ހުރަސްއެޅުމަކީވެސް މެމްބަރުން ފާހަގަކުރެއވި ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން މި ބިލާ ބެހޭ ގޮތުން ވިދާޅުވީ ހީކުރެއްވި ވަރަށް ވުރެ އަދަދު ބޮޑު ކަމަށެވެ. މި ބިލު މަޖިލީހަށް ވަނުމުގެ ކުރިންވެސް ވައްދާ ތަނުން ބޭރުކޮށްލާނެ ކަމަށް ބައެއް މެމްބަރުން ދިޔައީ ބުނަމުންނެވެ.

މަޖިލީހުގެ ގިނަ މެމްބަރުން ފާހަގަކުރި ގޮތުން އިޒުރޭލަށް އެހީވުމުން އެ މީހުން ހުއްޓުވަނީއެއް ނޫނެވެ. ނަމަވެސް ދަނޑިވަޅުގެ ގޮތުން އެ ވަރުގެ ބޮޑު އަދަދެއް ފާސްކުރަން ނުފެންނަނީ އެވެ.

ޣައްޒާގައި ހަމަލާތަައް ހުރީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުން ގަތުލުއާންމަކާ ދިމާއަށް ކަމަށް މެމްބަރުން ފާހަގަކުރި އެވެ. އަދި އެހީދޭ ޖަމާއަތްތަކަށް ހުރަސްއަޅައި ޣައްޒާގެ ހާލަތު އިތުރަށް ގޯސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މެމްބަރުން ފާހަގަކުރި އެވެ.

މެމްބަރުން ފާހަގަކުރި ގޮތުން ޣައްޒާއަށް އިންސާނީ އެހީތެރިކަން -- ކާނާ އާއި ބޯފެން އަދި ބޭސްވަރުވާ ވެއްދޭނެ ގޮތްތައް ހަމަޖައްސަން ޖެހެ އެވެ.

އެމެރިކާއިން އިޒުރޭލަށް ވެދޭ އެހިތެރިކަމަކީ ޣައްޒާއަށް އަދަބަކަށް ވެގެން ނުވާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒުރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 27،585 މީހަކު ވަނީ މަރާލާފަ އެވެ. މިއީ ހިިސާބު ބެލެހެއްޓުމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބޭނުންކުރާ އަދަދެއް ނަމަވެސް ޔަހޫދީންގެ ހަމަލާތަކުގައި މިއަށް ވުރެ ގިނަ މީހުން މަރުވެފައި ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.