ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވަގުތު ހަމަވަނީ، ރީ-ރަޖިސްޓްރީއަށް ހުށަހެޅީ 7،350 ފޯމު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރީރަޖިސްޓްރީވުމަށް މިހާތަނަށް ހުށަހަޅާފައިވަނީ 7،350 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

ރީ ރަޖިސްޓްރީކުރުމަށް އީސީ އިން މިމަހުގެ އެއްވަނަ ދުވަހު ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4:00ގެ ނިޔަލަށް ހަމަވާނެ އެވެ.

އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާތަނަށް 6،465 މީހުންގެ ރީ-ރަޖިސްޓަރީ ނިންމާފައިވާ ކަމަށާއި 885 ފޯމެއް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ރީ-ރަޖިސްޓްރީވުމަށް ހުށަަހަޅާފައި ނުވާ މީހުން މަޖިލިސް އިންތިހާބުގައި ވޯޓުލާނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ ރަށެއްގައި ހުރެގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2019 ވަނަ އަހަރު 21،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްފައިވެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. މިއިންތިހާބު އެ ތާރީހުގައި ބާއްވާނަމަ 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާއިރު މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަަތު ހުޅުވާލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.