ވިޔަފާރި

މޮބައިލް މަނީގެ ހިދުމަތް އުރީދޫން މިއަދު ތައާރަފުކުރަނީ

Feb 29, 2016
  • ހިދުމަތް ފަށަނީ 1.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން
  • ހިދުމަތުގައި ފައިސާގެ ގިނަ މުއާމަލާތްތަކެއް ހިންގޭ

މޮބައިލް ފޯނު ބޭނުންކޮށްގެން ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ހިންގޭ "މޮބައިލް މަނީ" ހިދުމަތް އުރީދޫން މިއަދު ތައާރަފު ކުރާނެ އެވެ.

"އުރީދޫ މޯބައިލް މަނީ" ގެ ހިދުމަތް އުރީދޫން ދެނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާ ގުޅިގެންނެވެ. އެ ކުންފުނިން ވަނީ މި ހިދުމަތް ފެށުމުގެ ގޮތުން ޓްރަސްޓް އެކައުންޓް ބެލެހެއްޓުމަށް އެ ބޭންކާއެކު ސޮއިކޮށްފަ އެވެ.

ފޯނު މެދުވެރިކޮށް ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭ "އުރީދޫ މޯބައިލް މަނީ" ގެ ހިދުމަތް ފެށުމަށް ބޭނުންވާ ޓްރަސްޓް އެކައުންޓް ބެލެހެއްޓުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއެކު އުރީދޫ އިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައިވާ ގޮތުގައި މޯބައިލް މަނީގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިވާނެ ކަމަށެވެ. އަދި މި ހިދުމަތް ބިލްތަކަށް ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުން ފަދަ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. މިއީ ލުއި ފަސޭހަ ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ހިދުމަތެއް ކަމަށް ވިކްރަމް ވިދާޅުވެފައިވެ އެވެ.

އުރީދޫން ކުރިން ބުނެފައިވަނީ މޮބައިލް މަނީ ނުވަތަ "މޮބައިލް ވޮލެޓް" ގެ ހިދުމަތް ތައާރަފު ކުރަނީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުން ކަމަށެވެ.