ވާހަކަ

މިލްކުވާނެބާ

( 6 ފެބްރުއަރީ 2024 އާ ގުޅޭ )

"އަހަރެން މިހެން އުޅެގެން ނުވާނެ. އަހަރެންގެ ވިސްނުން ބަދަލު ކުރަންވެއްޖެ. މިހާރު މުހިންމުވާން ޖެހޭނީ އަހަރެންގެ ބަނޑުގައި މިއޮތް ބޭބީ. އިޒީކިއަލް ވެސް ކަންބޮޑުވޭ ބޭބީއަށް ކަމެއްވެދާނެތީ. މި ބޭބީ އަހަރެމެންގެ ދެމެދުގައި މިވާ ދުރުކަން ގާތްކޮށްދީފާނެ. ބޭބީ ލިބުނީމަ އަހަރެން ފޫހިވެގެން އުޅޭނޭ ވަގުތެއް ނުވާނެ. އިޒީކިއަލް ކިތަންމެ ބިޒީ ވިޔަސް އަހަރެންގެ ގާތުގައި އަހަރެންގެ ވަގުތުތައް ކުރުކޮށްދޭން ބޭބީ ހުންނާނެ. އާން... މިހާރުއްސުރެ ވިސްނަންވީ ރަނގަޅަށް. ޑިސެޕޮއިންޓްވާ ކަންކަމަށްވުރެ އިޒީކިއަލް އަހަރެންނަށް ކޮށްދޭ ރަނގަޅު ކަންކަމާމެދު ވިސްނާ ހަނދާންކުރުން މުހިންމު." މިޔާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވި އެވެ. އަދި އޭނާ ނިދޭތޯ ލޯ މަރާލައިފި އެވެ.

* * * * *

ކައިވެނީގެ ހަޤީޤީ އުފާވެރިކަމަކީ ކޮބާކަމެއް ބަލިވެ އިންއިރު ވެސް މިޔާއަށް އިޙްސާސެއް ނުކުރެވެ އެވެ. އިޒީކިއަލްއަށް ހިތާއި ނަފްސު މިޔާ ޤުރުބާން ކޮށްފި އެވެ. އެހެންވިޔަސް އޭނާ ވާ ލޯތްބާއި ގާތަށް ވެސް އިޒީކިއަލްގެ ފުށުން ގާތްކަމެއް ނުލިބެ އެވެ. ހަށިގަނޑުގެ އެދުންތަކަށް އިޖާބަދޭ ވަގުތު އިޒީކިއަލްގެ ލޯބި ފެނެ އެވެ. އެ އުފާވެރިކަމާއި ގާތްކަން އެ ވަގުތާއެކު ނިމިގެން ދަނީ އެވެ. މިޔާގެ އެންމެ ބޮޑު ހިތްދަތިކަމަކީ އިޒީކިއަލް އޭނާއަށް ވަގުތު ނުދިނުމެވެ. ދެމަފިރިން އެކުގައި ކުރެވޭނޭ ކިތަންމެ ކަމެއް ހުރެމެ އިޒީކިއަލް އެއްވެސް ކަމަކަށް އިސް ނުނެގުމެވެ. މިޔާ ގޮވައިގެން ގެއިން ބޭރަށް ނުކުމެލަން ވެސް އޭނާ ބޭނުންނުވާ ކަހަލަ އެވެ. ޑަކްޓަރަށް ދައްކަން ނޫން ގޮތަކަށް މިޔާއަށް މާލެ ދާނޭ ފުރުޞަތެއް ނުލިބެ އެވެ. ދިރިއުޅުން މިހިސާބަށް އައިއިރު މިޔާ އެންމެ ހައިރާންވަނީ އިޒީކިއަލް އެއްފަހަރު ވެސް ލޯބިވެޔޭ ނުބުނާތީ އެވެ. ލޯބީގެ ވާހަކަތަކެއް ދައްކާފައި ވެސް ނުވަނީ އެވެ. އޭނާގެ ފުށުން ލޯބީގެ ގޯނާއާއި ސަމާސާ ކުރުން ފެނިއްޖެނަމަ އެ އަންގައިދެނީ ފިރިމީހާ އަނބިމީހާއަށް ބޭނުންވެފައިވާކަމެވެ. އެއީ ހިތާއި ހިތުގެ ގުޅުމަކަށްވުރެ ޖިސްމުގެ ގުޅުމެކެވެ. އެނޫން ގޮތަކަށް އިޒީކިއަލްއަށް ލޯބި ފާޅުކުރަން ނޭނގެނީބާއޭ މިޔާ ސުވާލު އުފެދެ އެވެ.

ކޯތާފަތް ފުހެލާފައި މިޔާ ބަނޑަށް ބަލާލި އެވެ. ހަ މަހުގެ ބަނޑުގައި އޭނާ ފިރުމާލި އެވެ. އެކަނިވެގެން ގޮސް ރޮވޭ ވަގުތު ގިނަ އެވެ. އެހެންނަމަވެސް އޭނާގެ އެކަނިވެރިކަން އިޒީކިއަލްއަށް އިޙްސާސެއް ނުކުރެވެ އެވެ. ބަނޑުގައި ދަރިފުޅު އޮވެ ބޮޑުވަމުންދާއިރު އިޒީކިއަލްގެ ބަފާވަންތަކަމުގެ ސިފައެއް ނުފެނެ އެވެ. ދަރިފުޅު އުފަންވާނޭ ވަގުތު ޖެހެންވާއިރަށް ކޮންމެ ބައްޕައަކާއި މަންމައެއް އެތައް ތައްޔާރީތަކެއް ވާނޭކަން މިޔާއަށް އެނގެ އެވެ. އޭނާ މާބަނޑުވީ އިޒީކިއަލް ނުހަނު ބޭނުންވެގެންނެވެ. އެހެންނަމަވެސް ދަރިފުޅާ ބައްދަލުވާންވާއިރަށް އިޒީކިއަލް އެއްވެސް ތައްޔާރީއެއް ވާތަނެއް ނުފެނެ އެވެ. އެއްވެސް ކަހަލަގެ މަޝްވަރާއެއް އިޒީކިއަލް ކޮށްފައެއް ނެތެވެ. މިޔާގެ ޚިޔާލެއް ހޯދާފައެއް ވެސް ނެތެވެ. ގޭގައި ކުޑަދަރިފުޅު އޮންނާނީ މިޔާމެންނާއެކީ އެ ކޮޓަރީގައި ކަމެއް ނޫނީ ކޮޓަރިއެއް ތައްޔާރު ކުރަނީ ކަމެއް ވެސް ނޭނގެ އެވެ. މިޔާގެ ކަމަކީ ފޯނުން ކުޑަކުދީންގެ އެކިއެކި ސާމާނު ބަލާލައި ހިތްހަމަޖައްސާލައިގެން އިނުމެވެ. އިޒީކިއަލް ގާތު ދަރިފުޅާ ބައްދަލު ވާންވާއިރަށް ތައްޔާރުވާން ޖެހޭނެކަން އެކި ގޮތްގޮތަށް މިޔާއަށް ބުނެވިއްޖެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އިޒީކިއަލް ދެނީ އެއް ޖަވާބެކެވެ. އަދި ވަގުތު ނުޖެހޭކަމެވެ.

ބަލިވެ އިންކަން އެނގުނު ފަހުން މިޔާއަށް ނަފީޒާ ކުރާ ޖެއްސުން ކުޑަވި އެވެ. އެހެންވިޔަސް އޭނާގެ ދޫ ހިމޭނެއް ނުވެ އެވެ. މިޔާއާ ދިމާއަށް އެކި ކަހަލަ ގަނާ ކުރުމުގެ ބަސްތަކުން ޖަހަ އެވެ. އިޒީކިއަލްއާ ގުޅުމަކީ މިޔާއަށް ހެދުނު ގޯހެކޭ ހީވާހާ އެއްޗެހި ނަފީޒާ ކިޔަ އެވެ. އެއްފަހަރު ވެސް އެފަދައިން އޭނާ އެކަން ކުރާ ސަބަބެއް ނުބުނެ އެވެ. ނަފީޒާއާ ދެބަސްވާކަށް މިހާރު މިޔާ ނުހަދަ އެވެ. އޭނާ ކިޔާނޭ އެއްޗެއް ކިޔަން ދޫކޮށްލާފައި ބަހައްޓަނީ އެވެ. ޚުދު މިޔާ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އިޒީކިއަލްގެ ގޮތެއް އޭނާއަށް ދަހެއް ނުވި އެވެ. އިޒީކިއަލްއާ ދިމާވެ ދިރިއުޅުން ބަދަލުވީ ނުހަނު އަވަހަށްކަން މިޔާއަށް އެނގެ އެވެ. ޖެހުނު ނިކަމެތި ހާލުން އަރައިގަތުމަށް އިޒީކިއަލް ދިއްކޮށްލި އަތުގައި މިޔާ ހިފީ ވަރަށް އުންމީދާ އެކީ އެވެ. އެކަމުގައި މިޔާގެ އަމިއްލަ އެދުން ވިއެވެ.

"ކީއްވެފަ ތިހުރީ؟." އިޒީކިއަލްގެ އަޑު އިވުނެވެ. ފެންކަޅިވެފައި ދެ ލޯ މިޔާ އަނެއްކާ ވެސް ފުހެލި އެވެ.

"ރޮނީތަ؟. ކިހިނެއްވީ؟." އިޒީކިއަލް އައިސް މިޔާގެ ކައިރީ މަޑުކޮށްލި އެވެ. ދަތްދޮޅީގައި ހިފައި މިޔާގެ މޫނު އިޒީކިއަލްއާ ދިމާއަށް އުފުލާލި އެވެ.

"އިޒިކް އަހަރެންނާ މެރީ ކުރީ ކީއްވެ؟." މިޔާއަށް އަހާލެވުނެވެ.

"ކިހިނެއްވީ؟." ސީރިއަސް ގޮތަކަށް އިޒީކިއަލް އަހާލި އެވެ.

"ފިރިމީހާ ވާތަނެއް އަހަރެންނަކަށް ނޭނގޭ. މި ރަށަށް އަހަރެން ގެނެސް މިގެއަށް ވެއްދި ގޮތަށް މި އިންނަނީ... އަހަރެން ގޮވައިގެން ބޭރަށް ނުކުމެލީ ކޮންދުވަހަކު؟. މިހެން އިންނަންވީމާ އަހަރެންގެ ހާސްކަންވަނީ އިތުރު. އިޒިކްއަށް އަހަރެން ގޮވައިގެން ނުދެވޭތާ އަހަރެން އެކަނި ނުކުމެލާ އުޅޭން ވެސް ޤަބޫލުވަނީއެއްނޫން. ދެމަފިރިން އެކުގައި ޑިނާއަކަށް އެންމެފަހުން ދިޔައީ ކޮންއިރަކު؟. އަހަރެން އުފާވާ ކަންކަމަކީ ކޮބާކަން ދެނެގަންނަން އިޒިކް މަސައްކަތް ކުރީންތަ؟. ތަނަކަށް ނުދާތަނުގައި އަހަރެންނާއެކީ ވާހަކަދައްކާލަން ވެސް މަޑުކޮށްނުލާ." މިޔާއަށް ރޮވި އިތުރަށް ވާހަކައެއް ނުދެއްކުނެވެ.

ދެ އަތުން ކަރުނަތައް ފުހެމުން ނުރޯން މަސައްކަތް ކުރާ މިޔާގެ ހިތުގައި ޖެހިފައިވާވަރު އިޒީކިއަލްއަށް ފެނެ އެވެ. ކައިރިވެފައިވާ ދެބުމަ ދުރުވެލައި އިޒީކިއަލްގެ މޫނުމަތިން ސީރިއަސްކަން ގެއްލުނެވެ. މަޑުމަޑުން މިޔާގެ ދެކޮނޑުގައި ހިފާލައި ގެނެސް އިޒީކިއަލްގެ މޭގައި ބޮނޑިކޮށްލި އެވެ.

"ނުރޮއެ... ކީއްކުރަން މިޔާ ބޭނުމީ. އަހަރެން މިއައީ ވެސް މިޔާ އުފާވާނޭ ޚަބަރެއް ހިފައިގެން. އެނގޭ ދެމީހުން އެކުގައި ޓައިމް ސްޕެންޑް ނުކުރެވޭކަން." އިޒީކިއަލް ބުންޏެވެ. އެ ވާހަކަތަކުން މިޔާގެ ހިތަށް ކުރި އަސަރު ބޮޑުވީ އެވެ. ކޮންމެ ފަހަރަކު ޝަކުވާގެ އިންތިހާއަށް ދިއުމުން އިޒީކިއަލް އޭނާ ރުއްސުމަށް ޓަކައި ކޮންމެވެސް ކަމެއް ކޮށްލާނެ އެވެ. ދެން އަނެއްކާ ވެސް އޭނާގެ އާންމު ދިރިއުޅުމަށް ރުޖޫޢަ ވެދާނެ އެވެ. މިފަހަރު ވެސް އިޒީކިއަލް އެ އުޅެނީ އެފަދައިން ކަންތައް ކުރާށޭ މިޔާއަށް ހީވަނީ އެވެ.

"މިޔާ. ލިސެން... އަހަރެން މިއައީ ޑަކްޓަރ އިޒްމީލްއާ ވާހަކަދައްކާފައި. މިޔާ ގޮވައިގެން ފުރަން ގަސްތު ކުރާތީވެ. ދަތުރު ކުރުމުގެ ހުއްދަ އޭނާ އޮތީ ދީފައި. އަދި ޓްރެވެލް ކުރެވިދާނޭ އިޒްމީލް ބުނީ." އިޒީކިއަލް ވާހަކަދެއްކި އެވެ.

"ކޮންތާކަށް؟." އިޒީކިއަލްގެ މެޔާ ދުރުވެލައި ހަތަރުކަޅި ހަމަކޮށްލަމުން މިޔާ އަހާލި އެވެ.

"ނިއުޔޯކަށް. ވިހައިގެން މިކޮޅަށް އަންނާނީ." އިޒީކިއަލް ބުނެލި އެވެ.

"ދެން އިޒީކިއަލްއޯ. އޮފީހޯ." މިޔާއަށް ބުނެވުނެވެ.

"ވިހަންވަންދެން މިޔާއާ ދުރަކަށް ނުދާނަން. ދެން ނުރޮއެ ހުއްޓާލާ. ބޭބީ ލިބުނީމަ އެއްޗެހި ހަމަކުރާނީ. އެނގޭ މިޔާ ޝޮޕިން ކުރާ ހިތުންކަން ތިހުންނަނީ... އެކަމަކު އަދި ކެތްކޮށްލާ. ބޭބީ ލިބުނީމަ ހުރިހާކަމެއް ވެސް ކުރެވޭނެ. އަހަރެން މިޔާ ނުހިފައްޓާނަން." އިޒީކިއަލް މިހެންބުނެ މިޔާގެ ކަރުނުން ތެމިފައިވާ ކޯތާފަތް ދެ އަތުން ފުހެލަ ދިނެވެ.

"ޕްރޮމިސް." މައުސޫމްކަމާއެކު މިޔާ ބުނެލި އެވެ.

"ޕްރޮމިސް." ލުއި ހިނިތުންވުމަކާއެކު އިޒީކިއަލް ބޯޖަހާލަމުން ވަޢުދުވި އެވެ. އަދި މިޔާގެ މޫނުގައި ދެ އަތުން ހިފާލައި ގާތްކޮށްލުމާއެކު ނިތްކުރީގައި އެނާ ބޮސްދީފި އެވެ. ނިކަން އަވަހަށް ފިރިމީހާގެ ގައިގާ މިޔާ ބައްދާލައިފި އެވެ. އިޒީކިއަލްއާ މެދު ނުރުހިފައި ހުންނަން ބޭނުންވިޔަސް އޭނާ މިޔާ ރުއްސަން މާކުޅަދާނަ އެވެ.

ބެލްކަނީގައި ތިބެފައި ދެމަފިރިން އެކުގައި ގޭތެރެއަށް ވަނެވެ. ހަފްތާއެއްގެ ތެރޭ ފުރަންވީކަން އިޒީކިއަލް ބުންޏެވެ. ހިލްމީ ވީ ޓިކެޓު ހަމަޖައްސަން ގޮސްކަން ވެސް އިޒީކިއަލް ބުންޏެވެ. މިޔާގެ ހަޔާތުން ރާއްޖޭން ބޭރަށް ދެވުނީ އެންމެ ދެ ފަހަރެވެ. ދަތުރު ކުރާހިތް ނުވަނީއެއް ނޫނެވެ. ބައްޕައަށް ވަގުތުނުވެގެން ކުރީން ނުދެވިފައި ހުރީ އެވެ. އެހެންވެ މީހަކާ އިނުމަށްފަހު ހިތް އެދޭ މަންޒިލްތަކަށް ދަތުރުކޮށްލުމުގެ ހުވަފެން މިޔާ ދުށްޓެވެ. ނަމަވެސް އެއްވެސް ހުވަފެނެއްގައި ކުލަޖެހޭ ގޮތެއް ނުވި އެވެ. ފުރަތަމަ ފަހަރަށް ނިއުޔޯކަށް ދެވެން އުޅޭތީވެ މިޔާ އުފާވި އެވެ. އެކަމަކު ސުވާލު ވެސް އުފެދެ އެވެ. ދެމަފިރިން އެކުގައި ވަގުތު ހޭދަކޮށްލަން ލޯބީގެ އެތައް މަންޒިލެއް ދުނިޔޭގައިވާއިރު ސީދާ ނިއުޔޯކަށް ދާން އިޒީކިއަލް ނިންމީމަ އެވެ. މިޔާ ބޭނުންވަނީ ހަށިހިމޭންކޮށްލެވޭނޭ ފަދަ ހިތްގައިމު މަންޒިލަކަށް ދާށެވެ. ހަލަބޮލިކަމުން އެއްފަރާތްވެލައި ފިރިމީހާއާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ މާޙައުލަކަށް ދާށެވެ.

* * * * *

ޖޭއެފްކޭ އިންޓަނޭޝަނަލް އެއަރޕޯޓަށް އެމިރެޓްސް ޕްލައިޓް ޖެއްސީ ރޭގަނޑު އަށްގަޑިފަނަރައިގަ އެވެ. އެއަރޕޯޓުން ނުކުމެ ޓެކްސީއަށް އެރެންދެން މިޔާގެ އަތުން އިޒީކިއަލް ދޫކޮށްނުލަ އެވެ. ބައިގަޑިއިރު ތެރޭގައި ލޯންގް އައިލެންޑް ސިޓީގައި އިޒީކިއަލް ހިފާފައި ހުރި އެޕާޓްމެންޓު އިމާރާތުގެ ކައިރިއަށް ޓެކްސީ އައިސް މަޑުކޮށްލި އެވެ. މިޔާ ވިހަންވަންދެން ދިރިއުޅޭނޭ ތަނަކީ އެއީ އެވެ. އެހެންވެ ޗުއްޓީއަކަށް އަންނަ ބަޔަކަށްވުރެ ގިނަ ލަގެޖު އެމީހުންގެ ހުއްޓެވެ. ޓެކްސީއަށް ފައިސާ ދައްކާފައި ބޮޑު ދެ ފޮށި ހިފައިގެން އިޒީކިއަލް އިމާރާތާ ދިމާއަށް ހިނގައިގަތީ މިޔާއަށް އަންނަން އިޝާރާތް ކުރަމުންނެވެ. ނުގެންދެވި ހުރި ކުޑަ ފޮށި ދަމަމުން އިޒީކިއަލްގެ ފަހަތުން މިޔާ އައެވެ. އެ އިމާރާތުގެ ތިރީގައި ހުރި ސެކިއުރިޓީ ގާޑު އިޒީކިއަލް ހުއްޓުވައި ވާހަކަދެއްކި އެވެ. ކޮންބައެއްކަން އޭނާ ޔަގީން ކުރީ ކަހަލަ އެވެ. އަދި އޭގެ ދެމަފިރިން ވަނުކޮށް ބިއްލޫރި މައިދޮރު ހުޅުވާލަ ދިނެވެ.

ތޭރަވަނަ ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓަށް ދެމަފިރިން ވަނެވެ. ބަޔަކު ދިރިއުޅޭން ބޭނުންވާނޭ ހުރިހާ އެއްޗެއް އެތަނުގައި ހުއްޓެވެ. ހުރިހާ ދިމާލަކުން ފެންނަނީ ހުދުކަމެވެ. އިޒީކިއަލް އައިސް ފަރުދާތައް ކަހާލި އެވެ. އެއާއެކު ބިތްވަރުގެ ބޮޑެތި ބިއްލޫރި ކުޑަދޮރުތައް ހާމަވެގެން ދިޔަ އެވެ. ސިޓިންރޫމުގައި ވަނީ ކުކުޅުބިސް ކުލައިގެ ސޯފާތަކެވެ. ފާރުގައި ފަސްދޮޅަސްފަސް އިންޗީގެ ފަތި ޓީވީއެއް ހުއްޓެވެ. ބަދިގެވަނީ ސިޓިންރޫމާ ގުޅިފަ އެވެ. ހުދުކުލައިގެ ކަބަޑުސެޓުތަކާއެކު ހުދުކުލައިގެ މާބަލްޓޮޕް އެވެ. އިޒީކިއަލް އަންނާށޭ ބުނުމުން މިޔާ ހިނގައިގަތެވެ.

"ރޫމް އޯކޭތަ؟." ނިދާކޮޓަރިއަށް ވަދެފައި އިޒީކިއަލް އަހާލި އެވެ.

އެއީ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އެނދުގެ އެއްފަރާތުން ބޮޑު ކުޑަދޮރެއް ހުއްޓެވެ. އެނދުގެ ތަންމަތި ހުރީ ތައްޔާރުކޮށްފަ އެވެ. ހުދުފާރުތަކާއެކު ލަކުޑިކުލައާއި ބިސްތޮށި ކުލައިގެ ފަރުނީޗަރެވެ. މިޔާ އައިސް އެނދުގައި އިށީނެވެ. މަޑުތަންމައްޗެއްކަން އިޙްސާސް ކުރެވުނެވެ.

"އޯކޭތަ ފަހުން ފޮށި ހުޅުވިޔަސް. މިވަގުތު އޮށޯވެލަން ބޭނުންވެފަ މިއިނީ." އިޒީކިއަލްއަށް ބަލާލާފައި މިޔާ އަހާލި އެވެ.

"ފެންވަރާލައިގެން އަންނަމާ. އަހަރެން ވެސް އެނދަށް އަރާނަން." އިޒީކިއަލް ބުނެލި އެވެ. އެގޮތަށް މިޔާއަށް ކަމުދިޔަ އެވެ.

ގޭގައި މިޔާ ފެންވަރާހާ ބޮޑު ފާޚާނާއަކަށް ނުވިޔަސް ދެމަފިރިންނަށް އުނދަގުލެއްނެތި އެ ފާޚާނާގައި އުޅެވެ އެވެ. އިޒީކިއަލް ފާޚާނާއަށް ވަނީ ފޮށީގައި ހުރި ފާޚާނާއަށް ބޭނުންވާނޭ އެއްޗެހި ހިފައިގެންނެވެ. ވަރުބަލިވެފައި ހުރިވަރުން މިޔާ އެއްޗެއް ކާކަށް ވެސް ބޭނުމެއްނުވި އެވެ. އޭނާ ބޭނުންވަނީ ނިދާލާށެވެ. އަނބިމީހާއަށް ހޭލެވޭއިރު ހުންނާނީ ބަނޑުހައިވެފައިކަން އިޒީކިއަލްއަށް އެނގޭތީ ކެއުމުގެ އިންތިޒާމު އޭނާ ހަމަޖެއްސި އެވެ.

ފިރިމީހާގެ އަތުގެތެރޭގައި ނިދާފައި އޮތް މިޔާއަށް ހޭލެވުނީ ކުޑަކޮށް ހޫނުވާތީ އެވެ. އޭރު އިޒީކިއަލް އޮތީ އޭނާގެ ގައިގާ ބައްދާލައިގެން ނިދިފަ އެވެ. އެގޮތުގައި އޮންނަން މިޔާގެ ހިތް ނުހަނު އެދުނެވެ. ނަމަވެސް ވާންފެށި ހޫނަކުން ދާހިތްލާ ފޯވަންދެން ކެތެއްނުކުރެވޭނެކަން އެނގެ އެވެ. މަޑުމަޑުން އިޒީކިއަލްގެ އަތުގެ ތެރެއިން މިޔާ ދުރަށް ޖެހިލި އެވެ. ހޭލެވުނީތީ މިޔާއަށް ބަނޑުހައިކަން ވެސް އިޙްސާސް ކުރެވެންފެށި އެވެ. އެމީހުން ނިދުމުގެ ކުރީން އިޒީކިއަލް ހުރީ ކާއެއްޗެހި ގެނުވާފައިކަން ހަނދާންވުމުން މިޔާ ގަސްދުކުރީ އިހަށް ގޮސް ކާށެވެ. އޭނާ އެނދުން ތެދުވަން އުޅެނިކޮށް އިޒީކިއަލްގެ ފޯނު ވައިބްރޭޓްވާން ފެށި އެވެ. އިޒީކިއަލްއަށް ގޮވާލަން ހިތަށް އަރާފައި ވެސް ފިރިމީހާ ނިދާފައި އޮތްލެއް އަރާމުކަން ފެނި މިޔާގެ ހިތް ގޮވަން އެއްބަސްނުވީ އެވެ. ލޯބިން ފުރިގެންވީ ބެލުމަކުން އިޒީކިއަލްއަށް ބަލާލާފައި މިޔާ ގާތްވެލައިފި އެވެ. އަދި އިޒީކިއަލްގެ ކޯތާފަތުގައި އޭނާ ބޮސްދިނީ ނިކަން ސިއްރުންނެވެ. އުފާވެރިކަމުގެ ރަކި ހިނިތުންވުމެއް މިޔާގެ ތުންފަތަށް ވެރިވެގެން އައެވެ. މަޑުމަޑުން އެނދުން ފައިބައިގެން އައިސް އިޒީކިއަލް އޮތް ފަރާތުން އެނދު އަރިމަތީގައި ހުރި ކަބަޑާ މިޔާ ކައިރިވެލި އެވެ. ބަންޑުން ބާއްވާފައި އޮތް ފޯނު މިޔާ ނެގީ ހިލްމީއަށް ވެދާނޭ ހީކޮށެވެ. ފޯނުގެ އިސްކުރީނަށް އަރާފައި އޮތް ނަން ފެނުނު ހިނދު މިޔާގެ ނަޒަރު އެނދުގައި އޮތް އިޒީކިއަލްއަށް ހުއްޓުނެވެ.

(ނުނިމޭ)