ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ލިބިފައިވަނީ 15 މީހެއްގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ. ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިއްޔެގެ ނިޔަލަށް ފޯމު ހުށަހެޅުއްވީ ޖުމްލަ 15 ބޭފުޅުން ކަމަށެވެ. އިއްޔެ އެކަނިވެސް ހަތަރު ފޯމު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އިއްޔެ ލިބުނީ 4 އެޕްލިކޭޝަން. އެއީ ޕީއެންސީ ގެ 2، އެމްޑީއޭގެ 1، އަމިއްލަގޮތުން 1. ހަތަރު އެޕްލިކޭޝަން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައި،" ހަބީބް ވިދާޅުވި އެވެ.
އީސީން ބުނި ގޮތުގައި މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅާނީ އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގެ އަށެވެ.
އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް މަޖިލީހުން މިހާރު ދަނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސްކުރުމަށް ތައްޔާރުވަމުންނެވެ.
މަޖިލިސް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ނިންމި ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ މުއްދަތު އިތުރު ނުކުރާނެ ކަމަށް އީސީ އިން ބުނެ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.