ދުނިޔެ

ހަންގޭރީގެ ރައީސް ނޮވަކް އިސްތިއުފާ ދެއްވައިފި

ހަންގޭރީގެ ރައީސް ކަޓަލިން ނޮވަކް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ ޖިންސީ ކުށެއް ސާބިތުވެފައި ހުރި މީހަކަށް މައާފު ދިނުމާ ގުޅިގެން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރާ ހެދި އެވެ.

ނޮވަކް އަކީ އެ ގައުމުގެ ބޮޑުވަޒީރު ވިކްތަރު އޯބަންގެ ވަރަށް އަރިސް ކަނބަލެކެވެ. މިހެން ކަން އޮތުމުން ދައުލަތާއި ސަރުކާރު ހިންގުމުގެ ބާރުތައް ނޮވަކް އަށް އޮންނަނީ ހިތަކަށް ލިބިވަޑައިގެންފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުޮން ނޮވަކް ވަނީ ރައީސްއަށް ލިބިވަޑައިގަންނަވާ ރިޔާސީ ބާރު ބޭނުންކުރައްވައި އެތައް ކުށްވެރިންނަކަށް މައާފުދެއްވާފަ އެވެ.

މީގެ ތެރޭގައި ކުށުގެ ޒާތަށް ބަލާއިރު މައާފުނުދެއްވޭ ވަރުގެ މީހުން ވެސް ހިމެނެ އެވެ.

މި މައްސަލަގަނޑުގައި ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރުގައި ދެން ހައްދަވާނެ ގޮތެއް ނެތުމުން ދައުލަތުގެ ޓީވީއަށް އަރާ ވަޑައިގަންނަވައި ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ދެއްކެވި ވާހަކަތަކުގައި، ބައެއްގެ އިހްސާސްތަކަށް އަސަރުކޮށްފައިވާ ނަމަ، މައާފަށް އެދޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވައި މިއީ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާނެ ފަހު ފަހަރު ކަމަށް ވިދާޅުވި އެވެ.

ކަޓަލިން ނޮވަކް ވަނީ ގޯހެއް ހެއްދެވުނު ކަމަށް ވިދާޅުވެ އެކަމަށްވެސް މައާފަށް އެދިވަޑައިގެންފަ އެވެ.

ނޮވަކް ވިދާޅުވި ގޮތުން މައާފުދެއްވި މީހުންގެ ތެރޭގައި ތިބި ވަކި ބަޔަކަށް ލުއިދެއްވުނީ އެ ކުށުގެ ބޮޑުކުޑަމިން ބައްލަވައި ނުލައްވާ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް މައާފުދެވެން ޖެހޭ ހާލަތެއް ނޫން ކަމަށްވެސް އޭނާ އެއްބަސްވެ ވަޑައިގެންނެވި އެވެ.

ނޮވަކްގެ މި އިއުތިރާފާ ގުޅިގެން ހަންގޭރިގެ އިދިކޮޅު ޕާޓީތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ރައީސް ކުރެއްވީ ކުށެއް ކަމަށާއި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އިދިކޮޅުން އޮތީ ގޮވާލާފަ އެވެ.

ހަންގޭރީ އަކީ ޖިންސީ ގޯނާތަކަށް އެއްވެސް ވަރަކަށް މައާފުނުދޭނެ ކަމަށް ބުނާ ގައުމެއް ކަމަށް ނޮވަކް ވެސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކުރެއްވުނު ކުށަކީ ވަރަށް ބޮޑަށް އޮޅިވަޑައިގެން ކުރެއްވުނު ކުށެއް ކަމަށެވެ. އެފަދަ ކަމެއް ތަކުރާރުވާން ދެން މަގާމުގައި ދެމި ނުހުންނަވާނެ ކަމަށް ނޮވަކް ވިދާޅުވި އެވެ.