އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިނުގެން މަޑު ކުރައްވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޔަކަށް ނޭޅޭތީ ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އިންޑިޔާ ސަރުކާރުގެ އޮފިޝަލަކު "ދަ ހިނދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 2015 ވަނަ އަހަރު ބޮޑު ވަޒީރު މޯދީ ސާކްގެ ހުރިހާ ގައުމަކަށް ވަޑައިގެންނެވި ދަތުރުފުޅުގައިވެސް ރާއްޖެ ވަޑައިނުގެންނެވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާތީ ކަމަށެވެ. އަދި "ރައީސް ޔާމީންގެ ސަރުކާރުން ކޮންމެ ފަހަރަކުވެސް މޯދީގެ ދަތުރުފުޅަށް ހުރަސް އެޅޭފަދަ ގޮތަކަށް ސިޔާސީ މަސްރަހު ހަލަބޮލިކޮށްލާ" ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިދިޔަ އޮކްޓޯބަރު މަހު ކުރެއްވި ދަތުރުފުޅާއި ފޮރިން ސެކްޓެރީ އެސް ޖައިޝަންކަރު ކުރެއްވި ދަތުރުފުޅުތަކުން މޯދީ ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ލިބުނެވެ. މީގެއިތުރުން އިންޑިއާގެ ހަނގުރާމަމަތީ މަނަވަރު ވިކްރަމަދިތްޔަ ރާއްޖެއަށް ދަތުރެއްކޮށްފައިވާތީ ދެގައުމުގެ ގުޅުން ރަނގަޅުވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އަދި އެއީވެސް ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.
"މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެއްވީ އެތައް ސަބަބުތަކެއް ހުރީމަ. ރާއްޖެއިން އަބަދުވެސް ތިބޭނީ ބޮޑު ވަޒީރަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރަށް،" ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ދަ ހިންދޫއަށް ވިދާޅުވެފައިވެ އެވެ.
އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލު ދިން އިންޓަވިއުގައި ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާއި ސިޔާސީ އެހެން ލީޑަރުން ޖަލަށް ލާފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައިވެ އެވެ.