އުރުދުންގެ އަބްދުﷲ ރަސްގެފާން، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެއްމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފި އެވެ.
އަސްކަރީ މަތިންދާބޯޓެއްގައި އަދި އަސްކަރީ ޔުނީފޯމްގައި އަބްދުﷲ ރަސްގެފާން ވައިގެ ތެރެއަށް ޕާރުސަލްތަކެއް ދޫކޮށްލައްވާ ވީޑިއޯ، އުރުދުންގެ ޓީވީން ވަނީ ދުރަށް ދައްކާފަ އެވެ.
ވީޑިއޯއިން ފެންނަނީ ރަސްގެފާނާއި ބައިވެރިން ބޮޑު ޕާރުސަލެއް މަތިންދާބޯޓުން ވައިގެ ތެރެއަށް ސޮއްސާލާ މަންޒަރެވެ. މިއީ ހަބަރުތައް ބުނާ ގޮތުން އުރުދުންގެ އެހީގައި ޣައްޒާގައި ހިންގާ ދެ ހޮސްޕިޓަލަކަށް ބޭނުންވާ ބޭސްފަރުވާ އެވެ.
އުރުދުންގެ އަބްދުﷲ ރަސްގެފާނަކީ އަސްކަރީ ތަމްރީން ހައްދަވައިގެން ހުންނެވި އަސްކަރީ ޕައިލެޓެކެވެ. އަރަބި އެކުވެރި ގައުމުތަކަށާއި ދުނިޔެއަށް ޖެހޭ ބޮޑެތި ހާލަތްތަކުގައި، އަބްދުﷲ ރަސްގެފާން ޖެޓުފައިޓަރުވެސް ވަނީ ދުއްވާފަ އެވެ.
އަބްދުﷲ ރަސްގެފާން އުމުރުފުޅުން 62 އަހަރުގައިވެސް ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. އަދި އަސްކަރީ ޔުނީފޯމްގައި ހުންނަވާއިރު އަސްކަރީ އެހެން މީހުންނެކޭ ވަކި ތަފާތެއް ފާހަގައެއް ނުކުރެވެ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި، ހަމާސްއިން ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކާ ގުޅިގެން، އިޒުރޭލުން ބަދަލުހިފުމަށް ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އުރުދުން އިން ދެތިން ފަހަރަކު ވައިގެ ތެރެއިން ޣައްޒާއަށް ވަނީ އެހީ ފޯރުކޮށްދީފަ އެވެ.
ވައިގެ ތެރެއިން އެހީ ފޯރުކޮށްދިނުމަކީ ދަތި އުނދަގޫ ކަމެއް ނަމަވެސް މިކަން ކުރަނީ އިޒުރޭލުގެ ހުއްދަވެސް ހޯދައިގެންނެވެ. އެ ނޫން ގޮތެއްގައި އެހީ އުފުލާ މަތިންދާބޯޓަށް އިޒުރޭލުން ހަމަލާދިނުމުގެ ފުރުސަތުވެސް އޮވެ އެވެ.
އަބްދުﷲ ރަސްގެފާނަކީ ޣައްޒާ ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވުމުގައި ގަދަ އަޑެކެވެ. ދުނިޔޭގެ ނުފޫޒުގަދަ ވެރިންނާ ބައްދަލުކުރައްވައި، އެކަށީގެން ނުވާ ވަރަށް އިޒުރޭލުން ބާރުގެ ބޭނުންކުރަމުން ގެންދާ ގެންދިއުން ހުއްޓުވޭތޯ ވެސް ވަނީ ވަރަށް މަސައްކަތްކުރައްވާފަ އެވެ. ނަމަވެސް އިޒުރޭލަކީ މީހަކު ބުނާހާ އަޑެއް އަހާ ބަޔަކަށް ނުވާތީ ޔަހޫދީން ކޮންޓްރޯލްކުރުމުގައި އެމެރިކާ އަދި އިނގިރޭސިން ވެސް ތިބީ ފޭލިވެފަ އެވެ.
އިޒުރޭލުން ޣައްޒާއަށް ހަމަލާތައް ދެނީ އެމެރިކާއާއި އިނގިރޭސިންގެ ރުހުމުގަ އެވެ. މިހެން ކަން އޮތުމުން ހަމަލާތައް ހުއްޓާލަން ބުނުން ފިޔަވާ އިތުރު ކަމެއް އެމެރިކާއާ އިނގިރޭސިން އިޒުރޭލާ ދެކޮޅަކަށް ނުކުރާނެ އެވެ.