އަހުމަދު ޝިޔާމް

މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފި

މި ސަރުކާރުގައި މަސްވެރިންނަށް ޖުމްލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފައިވާ ތެލާއި އައިސް ހިމެނޭ ގޮތަށް ޖުމްލަ 422 މިލިއަން ރުފިޔާ މި ސަރުކާރުން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 270 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދެވި އެބަ އޮތް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑާއިގެންނެވިއިރުވެސް 250 މިލިއަނެއްހާ ރުފިޔާ އެމަނިކުފާނަށް ވާރުވެފަވެފަ އޮތީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެ އުނދަގުލުން އަރައިނުގަނެވޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ އުނދަގުލުން އަރައިގަނެވޭނެ ކަމަށެވެ.

"އެ އުނދަގުލުން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފިލުވާލާނެ ވާހަކަ ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ޖަވާބާއެކު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ ޝިޔާމް ފާހަގަކުރެއްވި އަދަދާ ކައިރިއަށްވެސް މަސްވެރިންނަށް ފައިސާ ދޫކޮށްފައިނުވާ ކަމަށެވެ.