ވާހަކަ

މިލްކުވާނެބާ

(9 ފެބްރުއަރީ 2024 އާ ގުޅޭ )

އިޒީކިއަލްއަށް ގޮވާލަން ހިތަށް އަރާފައި ވެސް ފިރިމީހާ ނިދާފައި އޮތްލެއް އަރާމުކަން ފެނި މިޔާގެ ހިތް ގޮވަން އެއްބަސްނުވީ އެވެ. ލޯބިން ފުރިގެންވީ ބެލުމަކުން އިޒީކިއަލްއަށް ބަލާލާފައި މިޔާ ގާތްވެލައިފި އެވެ. އަދި އިޒީކިއަލްގެ ކޯތާފަތުގައި އޭނާ ބޮސްދިނީ ނިކަން ސިއްރުންނެވެ. އުފާވެރިކަމުގެ ރަކި ހިނިތުންވުމެއް މިޔާގެ ތުންފަތަށް ވެރިވެގެން އައެވެ. މަޑުމަޑުން އެނދުން ފައިބައިގެން އައިސް އިޒީކިއަލް އޮތް ފަރާތުން އެނދު އަރިމަތީގައި ހުރި ކަބަޑާ މިޔާ ކައިރިވެލި އެވެ. ބަންޑުން ބާއްވާފައި އޮތް ފޯނު މިޔާ ނެގީ ހިލްމީއަށް ވެދާނޭ ހީކޮށެވެ. ފޯނުގެ އިސްކުރީނަށް އަރާފައި އޮތް ނަން ފެނުނު ހިނދު މިޔާގެ ނަޒަރު އެނދުގައި އޮތް އިޒީކިއަލްއަށް ހުއްޓުނެވެ.

"ސޫޒަން އަކީ ކާކު." ފޯނުގެ އިސްކުރީނަށް އަލުން ބަލާލާފައި އަމިއްލަ ހިތާއި މިޔާއަށް ސުވާލު ކޮށްލެވުނެވެ.

އިޒީކިއަލްއަށް ނިދިފައި އޮތުމުން ފޯނުކޯލު ނަގަން މިޔާ ހިތަށް އެރި އެވެ. ނަމަވެސް އިޒީކިއަލްގެ ފޯނުގައި މިނޫނީ މިޔާ އަތްލާފައެއް ނެތެވެ. އެފަދަ ފުރުޞަތެއް ވެސް ނުލިބެ އެވެ. ހަދަންވީ ގޮތެއް ނޭނގި ޚިޔާލުތަކަށް ގެއްލިފައި ހުއްޓާ ފޯނުކޯލު ކެނޑިއްޖެ އެވެ. ފޯނު އޮތްތަނުގައި ބާއްވާފައި މިޔާ ކޮޓަރިން ނުކުތީ އެމީހަކު ދެވަނަ ފަހަރަށް ނުގުޅީމަ އެވެ.

"އިޒިކްގެ އޮފީހުން ކަމަށްވެދާނެތަ؟." ކާމޭޒު ކައިރީ ކާން އިންއިރު ވެސް މިޔާއަށް ވިސްނެމުން ދިޔައީ އިޒީކިއަލްއަށް އައި ފޯނުކޯލާ މެދު އެވެ. ހަޤީޤަތަކީ މިޔާއަށް އިޒީކިއަލްގެ ދިރިއުޅުމުގައި ޝާމިލްވާ މީހުން ނޭނގުމެވެ. އޮފީހާއި ބެހޭ ވާހަކައެއް އިޒީކިއަލް ނުދައްކާއިރު އެކުވެރީން ތިބޭކަމެއް ނޫނީ ނުތިބޭ ކަމެއް ވެސް މިޔާއަށް ނޭނގެ އެވެ. ކައިވެނި ކުރި ނަމަވެސް އިޒީކިއަލްގެ ފަރާތުން އެއްވެސް މީހަކު ގެއަށް ގެނެސްފައެއް ނެތެވެ. ގާތް ރަޙުމަތްތެރީން ތިބިނަމަ ކައިވެނީގެ ފަހުން ގެއަށް ދަޢުވަތު ނުދީ ހުރެދާނޭ މިޔާއަށް ހީނުވަނީ އެވެ. އެކަހެރި ދިރިއުޅުމެއް އުޅޭން ބޭނުންވާ މީހެއްގެ ގޮތުގައި މިޔާއަށް އިޒީކިއަލް ސިފަވަނީ އެ ސަބަބުތަކާ ހެދި އެވެ.

"އިޒީކިއަލްގެ ޕީއޭއަށް ވެދާނެތަ؟. މިކޮޅަށް މީ ދަންވަރުކަން އެމީހަކަށް ނޭނގެނީބާ. ނޫނީ ގުޅާހާ އާޖަންޓް ކަމެއް ޖެހުނީތަ؟. އެ ކޯލުގެ ސަބަބުން އިޒީކިއަލް އެނބުރި ދާ ޚިޔާލެއް ކޮށްފާނެތަ؟... ދެން ނޫން! އަދި މި އާދެވުނީ... އޮފީހާއި މަސައްކަތާއި ދުރުގައި އަހަރެންނާއެކީ ވަގުތު ހޭދަކޮށްލާނޭ ފުރުޞަތެއް ލިބުނީ އަދިކިރިޔާ." އެކިއެކި ޚިޔާލުތައް މިޔާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ އެވެ. މިޔާ އެންމެ ކަންބޮޑުވަނީ އިޒީކިއަލްއާއެކު ދެމަފިރިން އެކުގައި ހޭދަކޮށްލަން ލިބުނު ބޭކަރުވެގެން ހިނގައިދާނޭތީ އެވެ. މި ދަތުރު އޭނާ އެ އައީ ނިކަން ފޮނި އުންމީދުތަކާއެކު އެވެ. ނަފީޒާއާ ދުރަށް އާދެވުނީތީ ވެސް މިޔާގެ ސިކުނޑީގެ ބޮޑުބައެއް ލުއިވެގެން ހިނގައްޖެ އެވެ.

ކައިގެން އެނބުރި އައިސް ކޮޓަރިއަށް މިޔާ ވަދެ އަނެއްކާ ވެސް އޭނާއަށް ނިދުނީ އެވެ. ހޭލެވުނީ އިޒީކިއަލްގެ ކުދިކުދި ގޯނާތަކުގެ އިޙްސާސް ކުރެވިގެންނެވެ.

"ގަޑިން ކިހާއިރަށް." ނިކަން ގާތުގައި އޮތް އިޒީކިއަލްއާ ނަޒަރު ސީދާވެލި ހިނދު މިޔާ އަހާލި އެވެ.

"އަށެއް ޖަހައިފި." އިޒީކިއަލް ގަޑިންވީއިރެއް ބަލާލުމެއް ނެތި ބުނެލި އެވެ.

"މިއަދުގެ ޕްލޭނަކީ ކޮބާ؟. އަހަރެން ގޮވައިގެން ތަންތަން ދައްކާލަން ނުދާނަންތަ؟." މިޔާ ތެދުވަލަން އުޅުނެވެ. ހަމަ އެހިނދުން އިޒީކިއަލް އޭނާގެ އަތަށް ދަމާލައި ކައިރިއަށް ވައްޓާލައިފި އެވެ.

"އެކަން އޮންނާނެ. އެކަމަކު ފުރަތަމަ ކަމަކަށް އޮތީ އެހެންކަމެއް." މިހެން އަނބިމީހާއާ އިޒީކިއަލް ނުހަނު ގާތްވެލައިފި އެވެ. ފިރިމީހާގެ އިޝާރާތްތައް ދެނެގަތް މިޔާގެ ފުށުން އިވިގެން ދިޔައީ ލުއި ހީނލުމެއްގެ އަޑެވެ.

ހަފްތާއެއް ފާއިތުވީއިރު އިޒީކިއަލްއާއެކު އެންމެ ގިނަ ވަގުތު މިޔާއަށް ހޭދަކުރެވުނު ދުވަސްތަކަށް އެ ދުވަސްތައް ވެއްޖެ އެވެ. "ލޯންގް އައިލެންޑް"ގެ އެކި ތަންތަނަށް މިޔާ ގޮވައިގެން އިޒީކިއަލް ދިޔަ އެވެ. ތަފާތު ދާރުލްއާސާރުތަކާއި، އާޓް ގެލެރީއާއި، ބްރޫކްލީންގެ "ބޮޓަނިކް ގާޑަން"ގެ އިތުރުން "އެޑްވެންޗަރަރސް އެމިއުޒްމެންޓް ޕާކަށް" ވެސް އެ ދެމަފިރިން ދިޔަ އެވެ. މިޔާގެ ހިތް ދުވީ ލެވެންޑަރއާއި ސަންފްލާވަރ ދަނޑަށެވެ. އެހެން ދަތުރުވެރީން ފަދައިން މިޔާ ވެސް އަވަސްވެގަތީ ފޮޓޯ ނަގާށެވެ. އިޒީކިއަލް ކައިރީ ބުނެގެން މާތަކުގެ ތެރޭގައި ހުރެ މިޔާ އެތައް ފޮޓޯއެއް ނެގި އެވެ. ދުވަސްތަކެއް ކޮށްލާފައި އޭނާގެ އިންސްޓަގްރާމަށް ފޮޓޯއެއް ލާ ހިތްވީ އެ ދުވަހު އެވެ. އިޒީކިއަލްއާއެކު ފޮޓޯއެއް ނަގަން މިޔާ ބޭނުންވީ ނަމަވެސް އެކަމާ ފިރިމީހާ ޤަބޫލެއް ނުވި އެވެ. ފަހުން މިޔާއަށް ވެސް އެ ޚިޔާލު ކަމަކު ނުދިޔަ އެވެ. ހުރިހާ ގޮތަކުން ފުރިހަމަ ފިރިމިހާ ދުނިޔެއަށް އިސްތިހާރު ކުރަނިކޮށް އެ ނަސީބު އަތުން ގެއްލިދާނެއޭ އޭނާގެ ހިތަށް އެރީ އެވެ.

އިރުއޮއްސެމުން ދިޔަ ގުދުރަތުގެ ހިތްގައިމު މަންޒަރު ބަލަން އަތިރިމަތީގައި ހުރި ގޮނޑީގައި މިޔާ އިނެވެ. ހިޔާ އެޅޭނެހެން ބަހައްޓާފައި ހުރި ކުޑަ ދޮށުގަ އެވެ. އަތުގައި އޮތް ލުއި ކާނާ ޕެކެޓު ބަންދުކޮށްލާފައި އޭނާ ގެންގުޅުނު ދަބަހުގެ ތެރެއަށް ލައިފި އެވެ. އަދި އުނގުތެރޭ އޮތް ކުޑަ ފެންފުޅި ނަގައި އެއިން އަނގަޔަށް އަރިކޮށްލައި ދެތިން ކޯވަރު ބޯލާފައި ތެދުވި އެވެ. އިޒީކިއަލް މިއަދު މިޔާ ގޮވައިގެން އައީ "ކޫޕާސް ބީޗް" އަށެވެ. އިރުއޮއްސޭ މަންޒަރު ބަލާށެވެ. އެތަނުގައި މީހުން ގިނަ އެވެ. ފޯނެއް އައިސްގެން އިޒީކިއަލް ދުރަށް ހިނގައިގަތް ގޮތަށް އޭނާ އެނބުރި ނާންނާތީ މިޔާ ކަންބޮޑުވީ އެވެ. މީހުންގަނޑުގެ ތެރެއިން އިޒީކިއަލް ދިޔަ ދިމާއަށް މިޔާ ބަލަން ފެށި އެވެ. ހިނގަމުންހިނގަމުން އިޒީކިއަލް ގޮސް ހުރީ ފުދޭ ވަރަކަށް ދުރުގަ އެވެ. މަޑު ފަސްގަނޑުގައި ބަލައިގެން ފިޔަވަޅު އަޅަމުން މަޑުމަޑުން އިޒީކިއަލްއާ ދިމާއަށް މިޔާ އައެވެ. ފުރަގަސްދީގެން ހުރި އިޒީކިއަލްގެ ސަމާލުކަން ވަނީ އެހެން ކަމަކަށް ދެވިފައެވެ. އެހެންނޫންނަމަ އޭނާގެ ފަހަތުން ކައިރިވަމުން އައި މިޔާގެ ހިލަންވީހެވެ. އިޒީކިއަލްގެ ބިރަގަށީގައި އަތްޖައްސާލަން މިޔާ ކަނާއަތް ހިއްލާލި އެވެ.

"ލޯބިވޭ. ތިހެން އަހާއިރު ވެސް އެނގޭނެ." އިޒީކިއަލްގެ އަޑާއެކު މިޔާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.

"އިޒިކް." މިޔާއަށް ގޮވާލެވުނެވެ. އެހިނދު އިޒީކިއަލް އެނބުރި ބަލާލީ ނިކަން އަވަހާ އެވެ. ގާތުގައި ހުރި މިޔާ ފެނުމުން ބަލާލާފައި ވެސް އޭނާ ކުއްލިއަކަށް ހިނގައިގަތީ ދުރަށެވެ. ދެން ކަންތައް ކުރަންވީ ގޮތެއް ނޭނގިފައި މިޔާއަށް ހުރެވުނީ އެވެ.

"ވަޓް ޖަސްޓް ހެޕެންޑް." އަމިއްލަ ނަފްސާ މިޔާއަށް ސުވާލު ކޮށްލެވުނެވެ.

އިރުކޮޅެއް ފަހުން އިޒީކިއަލް އެނބުރި އައެވެ. ގެއަށް ދާންވީ ކަމުގައި އިޒީކިއަލް ބުންޏެވެ. އިރުއޮއްސޭ މަންޒަރު ނުބަލާ ދަނީތޯ މިޔާއަށް އަހާލެވުނެވެ. އެއްވެސް އަސަރެއްނެތް ފަދައަކުން އިޒީކިއަލް އާނއެކޭ ބުނެލި އެވެ. އަދި އޭނާ ބުނާގޮތް ހެދުމަށް ބުނެލި އެވެ. އިތުރު ވާހަކައެއް ދައްކައިގެން އިޒީކިއަލްގެ ކައިރިން ކުރިއެއް ނުލިބޭނެކަން މިޔާއަށް އެނގެ އެވެ. އެހެންވެ ހިމޭންކަމުގައި އޭނާ އިޒީކިއަލްއާއެކު ހިނގައިގަތެވެ. އަތިރިމަތީގައި ތިބުމަށް ކުއްޔަށް ނަގާފައިވާ ގޮނޑިއާއި ކުޑަ ގެންގޮސް ހަވާލު ކުރުމަށްފަހު އިޒީކިއަލް ޓެކްސީއެއް ނެގީ އެވެ.

"އިޒިކް..." އެޕާޓްމެންޓަށް ވަދެވުމުން މިޔާ ގޮވާލީ ވާހަކަދައްކަން ބޭނުންވެގެންނެވެ. އިޒީކިއަލް ގުޅައިގެން ހުރީ ކާކާތޯ އަހާލަން މިޔާ ބޭނުންވަނީ އެވެ. އޮޅުމެއް އަރާފައި ހުންނަން އޭނާ ބޭނުންނުވަނީ އެވެ. ދައްކަމުން ދިޔަ ވާހަކައެއްގެ އެއްބުރި އިވިގެން އަދި އެ ދެއްކީ ކޮންވާހަކައެއް ކަމެއް ސާފެއް ނުވާނޭކަން މިޔާގެ ޟަމީރު އެއްބަސްވެ އެވެ.

"މިހާރަކުނޫން. އަހަރެން އެބަ އަންނަން. ޑޯންޓް ވެއިޓް ފޯ މީ. މިޔާ ކައިގެން ހުންނާތި. ހޭލާ އެހާގިނައިރު ނޫޅޭތި. އެއްވެސް މީހަކު އަޔަސް ދޮރު ނުހުޅުވާތި." އިޒީކިއަލް ބުންޏެވެ. އަދި ފަހު ބަހަކަށް އޭނާ ބުނި އެއްޗެއް ސާފުވެއްޖެތޯ މިޔާ ގާތު އިޒީކިއަލް އަހާލި އެވެ. އާނއެކޭ ބުނުމުގެ ގޮތުން މިޔާ ބޯޖަހާލީ އެވެ. އޭނާ ބަލަބަލާ ހުއްޓާ އެޕާޓްމެންޓުން އިޒީކިއަލް ނުކުމެއްޖެ އެވެ.

މިޔާ އައިސް ސޯފާގައި އިށީނެވެ. އިޒީކިއަލް ދިޔައީ ކޮންތާކަށް ކަމެއް ނުބުނާތީ އެ ސުވާލު ވެސް ހިތުތެރޭ އޮތެވެ. ރާއްޖޭގައިނަމަ އިޒީކިއަލް އެހެން ނުކުމެގެން ދަނީ އޮފީހަށޭ މިޔާ ޤަބޫލު ކުރެ އެވެ. އެކަމަކު މިހާރު އިޒީކިއަލް އެ ހުރީ އޭނާގެ މަސައްކަތްތަކާއި ދުރުގައި މިޔާއަށް ހުސްވެގެންނެވެ. ވީއިރު ބޭރު ގައުމެއްގައި އިޒީކިއަލް ނުކުމެގެން ދާން އޮންނާނީ ކޮންތަނެއް ހެއްޔެވެ.

"ސޫޒަންއަކީ ކާކުތޯ އަހާލަން އަހަރެން ހަނދާން ނެތުނީ." ވިސްނުމުގައި އިނދެފައި މިޔާ ކުއްލިއަކަށް ހަނދާންވެގެން ބުނެލި އެވެ.

"އިޒިކް އަހަންނަށް ކަމެއް ސިއްރު ކުރަނީތަ؟. އެކަމަކު އެކަހަލަ އެއްޗެއް އަހާލައިފިއްޔާ ބުނާނެ ޝައްކުކުރަން ފެށީއޭ. ނޯންނާނެ އޭނާ ކައިރީ އެއްޗެކޭ ވެސް ބުނެވޭކަށް. ރުޅި އަތުވެއްޖެއްޔާ ދެން ވާހަކައެއް ނުދައްކާނެ... ކަމަކާ ސުވާލު ނުކުރަންޏާ އުޅޭން ނިކަން ފަސޭހަ. އެކަމަކު ސުވާލެއް ނުކޮށް އުޅެވޭތަ. އަހަރެންނަށް އިޒިކް އުޅޭ ގޮތް އެނގުން މުހިންމު ނޫނީތަ؟. އެއީ އޭނާގެ މިނިވަންކަމަށް އަރައިގަތުންތަ؟. ފިރިމީހާއަށް ފާރަލުންތަ؟... ދެން ނޭނގެ. އިޒިކްއާ ކުރިމަތިލާންވީ ކިހިނެއްކަމެއް ބޮލަކަށް ނާދޭ. މިހާ ނައިސްކޮށް އުޅެފައި މައްސަލައެއް ޖެހޭކަށް ބޭނުމެއްނޫން. އެއްވެސް ކަމަކާ އަޅާނުލައި ސުވާލެއް ވެސް ނުކޮށް ހުރުންތަ ހައްލަކީ؟... ބުނެވޭ އެއްޗަކުން އިޒިކްގެ ރިއެކްޝަން އަންނާނެ ގޮތެއް ހިތައް އަރުވާލަން ވެސް ނޭނގޭ."

މިޔާ އެކި ގޮތްގޮތަށް ވިސްނި އެވެ. އޭނާގެ ކަންފަތަށް އިވުނު ބަސްތަކުން ހިތަށް އުނދަގޫވަނީ އެވެ. އިޒީކިއަލްގެ ގާތުން އޮޅުންފިލުވަން ބޭނުންވަނީ ނުހަނު ބޮޑަށެވެ. ދެމަފިރިންގެ ގޮތުގައި ތިބެ ފިރިމީހާ ސިއްރު ކަމެއް ކުރަނީބާއޭ ހިތަށް އެރުމަށްފަހު އެ ޚިޔާލުތަކާއި ދުރުވުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. މިޔާގެ އިޙްސާސްތައް ވެސް ހުރީ އެފަދައިންނެވެ. އޭނާގެ ހިތް ހަލާކުވާންބާއޭ މިއުޅެނީ ހީވަނީ އެވެ. އެ ޚިޔާލުތަކާއެކު ލުހާމްގެ ބޭވަފާތެރިކަން މިޔާގެ ހަނދާނަށް އައެވެ. ގާތްކޮށްގެން ގެންގުޅުނު އެކުވެރިޔާ ހަތޫން ވެސް ދިނީ ދޯކާ ވިއްޔާ އެވެ. ލޯބިވެރިޔާއާއި އެކުވެރިޔާގެ އިތުރުން ބޮޑުދައިތަ ވެސް ވީ އަމިއްލަ އެދުން ބޮޑު ބަޔަކަށެވެ. އެއިން ކޮންމެ މީހަކު މިޔާ ނިކަމެތިކޮށްލި ގޮތް އޭނާ ހަނދާނެއް ނުނެތޭނެ އެވެ. މިޔާގެ ހިތް ބިރުގަންނަނީ އެފަދަ އޮޅުވާލުމެއް އިޒީކިއަލްގެ ފުށުން ތަޙައްމުލު ކުރާން ޖެހިދާނެތީ އެވެ.

ފިކުރުތަކާއެކު މިޔާ އެކަނި ކޮޓަރީގައި އޮންނަން ބޭނުންނުވީ އެވެ. އިޒީކިއަލް އައިއިރު ދަންވަރު ދޭއްޖަހަނީ އެވެ. އެޕާޓްމެންޓަށް ވަނުމުން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ހުޅުވާފައި ހުރި ޓީވީ އެވެ. އޭނާ ހީކުރީ މިހާއިރު މިޔާ އޮންނާނީ ނިދާފައި ކަމަށެވެ. މިޔާ ފެންނަން ނެތުމުން ޓީވީ ނިއްވާލަން އިޒީކިއަލް އައެވެ. އެހިނދު ސޯފާގެ ދިގަށް ނިދިފައި އޮތް މިޔާ އޭނާއަށް ފެނުނެވެ. ޓީވީ ނިއްވާލާފައި އައިސް މިޔާއަށް ގޮވާލި އެވެ. ނަމަވެސް އަނބިމީހާގެ ޚަބަރެއް ނުވުމުން އިޒީކިއަލްގެ އަތްދަނޑި މައްޗަށް މިޔާ އުފުލާލި އެވެ.

"ޔޫ ގޮޓް ހެވީ." މަޑުމަޑުން އިޒީކިއަލް ބުނެލި އެވެ.

އެނދުގެ ތަންމަތީގައި ބާއްވަން އިޒީކިއަލް އުޅުނު ވަގުތު ކުއްލިއަކަށް މިޔާ ސިއްސައިގެން ހިނގައްޖެ އެވެ. އިޒީކިއަލް ހުސިޔާރުވެ ނުހުރިނަމަ އެނދުމަތިން މިޔާ އަރި އަޅާލީހެވެ. ނަމަވެސް މިޔާގެ ގައިގާ އިޒީކިއަލް ހިފަހައްޓާލީ ނުހަނު އަވަހާ އެވެ.

"އިޒިކް... ކޮންތާކުން ތިއައީ؟. ކިހާއިރެއް ވެގެން އެ އުޅެނީ." އިޒީކިއަލް ފެނުމާއެކު މިޔާއަށް ބުނެވުނެވެ.

"ހިލްމީ ވަރަށް އަވަހަށް މިކޮޅަށް އަންނާނެ. ބައެއް ކަންކަން ހަމަޖައްސާލަން ދިޔައީ... މިއޮތީ މިޔާއަށް ގެނައި ހަދިޔާއެއް." އިޒީކިއަލް ޖީބުން ނެގި ކުޑަ ފޮށި ދައްކާލި އެވެ.

ލޮލުން ނިދިފިލާ ދިޔަ ފަދައިން މިޔާ އަވަސްވެލީ އެ ފޮށީގައިވާ އެއްޗެއް ބެލުމަށެވެ. ރަތްކުލައި އެ ކުޑަ ފޮށި ހުޅުވާލި އިރު އޮތީ ރިހި ކުލައިގެ ފަށެކެވެ. "އިންފިނިޓީ ސިމްބަލް"ގެ ފަށުފުލަކާއެކު އޭގައި ކުދި އެސްތަކެއް ޖަހާފައި ހުއްޓެވެ. އެއީ ގަހަނާ ވިއްކާ ފިހާރައެއްގެ ބޭރުން މިޔާއަށް ފެނި ރީތިވި ފަށެކެވެ. އިޒީކިއަލް އެކަމަށް ސަމާލުކަން ދިންހެން އެ ދުވަހު ހީނުވިޔަސް އެއީ ހަޤީޤަތެއް ނޫންކަން އޭނާ އެ ސާބިތުކޮށްދިނީ އެވެ. މިޔާގެ ތުންފަތް ވަގުތުން ދެމިލައިފި އެވެ. ކުރާން ހުރި ޝަކުވާތަކާއި ސުވާލުތައް ހިތާއި ސިކުނޑީގެ ކަނަކަށް ގޮސް އޮބުނު ފަދަ އެވެ.

"ވަރަށް ވަރުބަލި. ނިދަން ހިނގާ." އިޒީކިއަލް ބުނެލި އެވެ.

އެނދުއަރިމަތީގައި ހުރި ކަބަޑުގެ މަތީ އެ ކުޑަ ފޮށި ބަހައްޓާލާފައި މިޔާ އެނދުގައި ހަމަޖެހިލި އެވެ. ފާޚާނާއަށް ވަދެފައި ނުކުމެގެން އައި އިޒީކިއަލް އެނދަށް އެރި އެވެ. އެނދުގައި އޮށޯތް ގޮތަށް އިޒީކިއަލް އަނެއް ފަރާތަށް އެނބުރި ދެ ލޯ މެރީ އެވެ. އޭނާގެ ފުރަގަހުން މިޔާ ގާތްވެލައި ފިރިމީހާގެ ގައިގާ ބައްދާލި އެވެ.

"ތެންކިޔު... ކޮންއިރަކު ފަށް ގަތީ. އެ ބަލާތަ ދިޔައީ؟." ހިތްހަމަޖެހުމުގެ ހިނިތުންވުމަކާއެކު މިޔާ އަހާލި އެވެ. ނަމަވެސް އިޒީކިއަލް އަނގައިންނެއް ނުބުންޏެވެ.

"ނިދުނީތަ؟. މާބޮޑަށް ޓަޔަޑްވީ ދޯ... ގުޑްނައިޓް." އިޒީކިއަލް ވާހަކަނުދެއްކުމުން މިޔާ ބުނެލި އެވެ.

* * * * *

ހެނދުނުހެނދުނާ މިޔާއަށް ހޭލެވުނެވެ. އިޒީކިއަލް ރޭގައި ގެނެސްދިން ފަށް ކަރުގައި އަޅާލައިގެން އޭނާ ކޮޓަރިން ނުކުތީ އުފާވެރި މޫޑެއްގައި ހުރެ އެވެ. އިޒީކިއަލް ހޭލަންވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭން ގަސްދުކޮށްގެންނެވެ. ބިސްގަނޑަކާއި ޓޯސްޓާއި ކޮފީ ތައްޔާރު ކޮށްލި އެވެ. އަދި ތަބަކަށް އެތަކެތި ލައިގެން ކޮޓަރިއަށް މިޔާ އައިސް ވަނެވެ. ވައިބްރޭޓްވަމުން ދިޔަ އިޒީކިއަލްގެ ފޯނުގެ އަޑު މިޔާއަށް އިވުނެވެ. އޭރު ފޯނު ކަބަޑުމަތިން ކިރިޔާ ނުވެއްޓި އޮތްކަމެވެ. އަވަސްއަވަހަށް އެއްފަރާތުގައި ތަބަށް ބަހައްޓާލާފައި މިޔާ އައިސް އިޒީކިއަލްގެ ފޯނު ނެގި އެވެ.

"ސޫޒަން..." ފޯނުގެ އިސްކުރީނަށް އަރާފައި އޮތް ނަން ހިތާހިތުން ކިޔާލި އިރު މިފަހަރު މިޔާގެ މޫނުން ފާޅުވީ ފޫހިކަމެވެ.

"މިޔާ... ގެނޭ ފޯނު." ކުއްލިއަކަށް އިޒީކިއަލްގެ ބާރު އަޑު އިވިގެން ދިޔަ އެވެ. މިޔާއަށް ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އިޒީކިއަލް އެނދުމަތީ އޮވެފައި ދަމާލި އަތުން މިޔާގެ އަތުގައި އޮތް ފޯނު ޖަހައިގަނެއްޖެ އެވެ.

"ކީއްކުރަން އުޅުނީ؟. އަހަރެންގެ ފޯނުގައި އަތްލައިގެން ނުވާނެ." އިޒީކިއަލް ތެދުވި ގޮތަށް ރުންކުރުމާއެކު ބުނެލި އެވެ. އަދި އޭނާ ފޯނު ހިފައިގެން ހަލުވި ހިނގުމުގައި ގޮސް ފާޚާނާއަށް ވަދެ ދޮރުލެއްޕީ އެވެ. ކުރަން އައި ކަންތައް ވެސް ހަނދާންނެތިފައި ހުރި މީހަކު ހެން ހުއްޓުން އަރާފައި މިޔާއަށް ހުރެވުނީ އެވެ.

ފާޚާނާ ދޮރުގައި ޖެހިލުމާއެކު އިޒީކިއަލް ފޯނަށް ބަލާލި އެވެ. ދެން އޭނާއަށް ނިތްކުރީގައި ފިރުމާލެވުނެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ އެ ފޯނުކޯލު ނެގި އެވެ.

"ކިހިނެއްވީ ސޫޒީ... ކަމެއް ގޯސްވީތަ؟." އިޒީކިއަލްގެ އަޑުގައި އޯގާތެރިކަމާއި ހާސްކަން ވިއެވެ.

(ނުނިމޭ)