ދުނިޔެ

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އައިސީޔޫގައި

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫއަށް ބަދަލުކޮށްފި އެވެ. އޭނާ އޮންނެވީ ވޯޓާ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގަ އެވެ.

ލޮއިޑް އޮސްޓިން މި އަހަރު ހޮސްޕިޓަލުގައި އެޑްމިޓްކުރި މިއީ ދެވަނަ ފަހަރެވެ.

ވޯޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ބުނާ ގޮތުން ވަޒީރުގެ ހާލު ހުރި ގޮތުން ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންނެވޭނެ ދުވަހެއްވެސް ނޭނގެ އެވެ.

މި އަހަރު ފެށުނުއިރުވެސް ވަޒީރު އޮންނަވީ ހޮސްޕިޓަލްގަ އެވެ. ޕެންޓަގަނުން އޭރު އޭނާގެ ފަރުވާއާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ. ނަމަވެސް ޕްރޮސްޓޭޓް ކެންސަރަށް ފަރުކާކުރައްވާ ކަމަށް ފަހުން ބަޔާނެއްގައި އާންމުކުރި އެވެ.

އޮސްޓިން، 70، އޭރު ހޮސްޕިޓަލްގައި އެޑްމިޓްކުރީ އޮޕަރޭޝަނަކަށްފަހު ރާވާފައި އޮތް ގޮތަށް ކަންތައް ނުދިޔުމުންނެވެ. އެއަށްފަހު ދުވަސްތަކެއް ވަންދެން ވަނީ ފަރުވާދެއްވާފަ އެވެ. އަދި އާންމު ހާލަަތަށް ރުޖޫއަވުމަށް ދޭން ޖެހޭ ފަރުވާއާ އެކު -- ވަޒީފާގެ ޒިންމާތަކަށް އޭނާ ނުކުންނެވި އެވެ.

ހޮސްޕިޓަލުން ބުނާ ގޮތުން ވަޒީރު މި ފަހަރު އެޑްމިޓްކުރީ ބްލެޑާއަށް ހާލަތެއް ދިމާވެގެންނެވެ. ނަމަވެސް ހަބަރުތައް ހުރި ގޮތުން އޭނާގެ ހާލަތު ރަނގަޅު ނޫންކަން ދޭހަވެ އެވެ.

ޕެންޓަގަނުން ބުނާ ގޮތުން އޮސްޓިން އައިސީޔޫއަށް ބަދަލުކުރުމުގެ ކުރިން ވަޒީފާގެ ޒިންމާތައް އެނާގެ ނައިބު، ކެތުލީން ހިކްސްއަށް ވަނީ ހަވާލުކުރައްވާފަ އެވެ. މިކަމުން ދޭހަކޮށްދެނީ އޮސްޓިންގެ ފަރުވާގެ ސީރިއަސް ކަމެވެ.

ލޮއިޑް އޮސްޓިން އަކީ ކުރިން އެމެރިކާ ސިފައިންގެ ޖެނެރަލެކެވެ. އެއަށް ފަހު 2016 ގައި އޭނާ އަސްކަރިއްޔާއަށް ހަތިޔާރު އުފައްދައިދޭ ކުންފުންޏެއް ކަމަށްވާ ރޭތަން ޓެކްނޮލޮޖީސްގެ ބޯޑު މެމްބަރުކަން ކުރެއްވި އެވެ. ޖޯ ބައިޑަންގެ ސަރުކާރާ ގުޅިވަޑައިގަތީ 2021 ގައި އެމެރިކާގެ ރައީސްގެ މަގާމަަށް ބައިޑަން ވަޑައިގަތުމުންނެވެ.

އޮސްޓިން އަކީ އެމެރިކާގެ ކަޅު ނަސްލުން ޕެންޓަގަނަށް ހޮވިވަޑައިގެންނެވި ފުރަތަމަ ވަޒީރެވެ. އެމެރިކާގައި ނަސްލީ ތަފާތުކުރުން ނޯންނަ ކަމަށް ބުނި ނަމަވެސް ސަރުކާރު މަގާމުތައް ދިނުމުގައިވެސް ތަފާތުކުރުމާއި ފާޑުކިޔުން އޮވެ އެވެ.

ވޯޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުން ބުނާ ގޮތުޮން ވަޒީރުގެ ބްލެޑާ ހާލަތަށް ކުރިއެރުމެއް އަންނާތީއެއް އަދި ނުފެނެ އެވެ. ފަހަރެއްގައި ދުވަސްތަކަކަށް ފަރުވާ ދިގު ދަންމަން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ބުނެ އެވެ.