ދުނިޔެ

އިޒުރޭލާ ހަނގުރާމައަށް ތައްޔާރު: ސީރިއާ

ސީރިއާގެ ސަރަހައްދީ މިނިވަންކަމަށްޓަކައި އިޒުރޭލާ ހަނގުރާމައަށް ތައްޔާރު ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު ވިދާޅުވެއްޖެ އެވެ.

މިގުދާދު ވިދާޅުވި ގޮތުން އިޒުރޭލާ އެކު ދިގުދެމިގެންދާ ގޮތުގައި ހަނގުރާމަކުރަން ޖެހުނަސް، ތައްޔާރު ކަމަށެވެ.

ފުރަތަމަ ކަމަކަށް އޮތީ -- ވަޒީރު ވިދާޅުވި ގޮތުން ސީރިއާގެ ބިންތައް އަނބުރާ ހޯދުމެވެ. މި ގޮތުން އެޖެންޑާގައި ފުރަތަ އޮތީ ގޯލާންގެ އުސްބިންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން އާއެކު ސީރިއާގެ ވެރިރަށް ދިމިޝްގުގައި ބޭއްވި ބައްދަލުވުމެއްގައި، ދެ ލީޑަރުން ވަނީ ދެ ގައުމު ގުޅިގެން ފަލަސްތީނަށް -- ޣައްޒާއަށް އެހީވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ޔަހޫދީންނާ ދެކޮޅަށް 1948 ގައި ވެސް ސީރިއާ ހަނގުރާމަކުރި ކަމަށް ވިދާޅުވެ މިގުދާދު ވިދާޅުވީ އިޒުރޭލާ އެކު ކިތަންމެ ހަނގުރާމައެއް ސީރިއާއިން ކޮށްފި ކަމަށެވެ.

ސީރިއާ މިހާރު ވެސް އޮތީ އިޒުރޭލާ ހަނގުރާމަކުރެވޭ ފެންވަރުގައި -- އަދި އެކަމަށް ބޭނުންވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލާ ހަނގުރާމަކުރާނެ ވަގުތެއް އަދި ކަނޑައަޅާފައި ނެތް ނަމަވެސް، އެ ހާލަތު ޖެހޭއިރު އޮންނާނީ ހަނގުރާމާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިއާ އަތުން ގޯލާންގެ އުސް ބިންތައް ޔަހޫދީން ޖަހައިގަތީ 1967 ގައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ގޯލާންގެ އުސް ބިންތަކަކީ ސީރިއާއަށް ވަރަށް މުހިންމު ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިއާގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫން ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި އެމެރިކާ ސިފައިންނާއި ތުރުކީ ސިފައިން ވެސް ސީރިއާ ބިމުން ފައިބަން ޖެހޭ ކަމަށެވެ.

ހުސައިން އަމީރު ވިދާޅުވި ގޮތުން އިޒުރޭލުން ޣައްޒާގައި ހިންގަނީ ގަތުލުއާންމެކެވެ. އަދި ފަލަސްތީންގެ ނަސްލު ނައްތާލުމަކީ ޔަހޫދީންގެ ވަރަށް ބޮޑު ރޭވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނުފޫޒު ގަދަ ގައުމުތަކުން، ބާރެއް ނެތް ގައުމުތަކަށް ވެރިވެގަނެ ތެލާއި ގޮވާން ފަދަ އިންސާނުންގެ ދިރުމަށް މުހިންމު ވަަސީލަތްތަކުން ވައްކަންކުރުމަކީ ވެސް ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުކަމެއް ކަމަށް ވެސް އީރާންގެ ވަޒީރު ވިދާޅުވި އެވެ.

މެދުއިރުމަތިން އެންމެ ގިނައިން ވައްކަންކުރަނީ އެމެރިކާ ކަމަށް ވެސް ހުސައިން އަމީރު ވިދާޅުވި އެވެ.