ފިނިޕޭޖް

އެންމެފަހުން ލިއަނާޑޯ ޑިކެޕްރިއޯ އަށް އޮސްކާ ލިބިއްޖެ

  • އެންމެ މޮޅު ފިލްމަކީ "ސްޕޮޓްލައިޓް"
  • މިފަހަރުވެސް މޮޅު ޑައިރެކްޓަރަށް އަލެހަންދުރޯ ޖީ އިނިއާރީޓޫ

ގިނަ ބަޔަކު ހީކޮށްގެން ތިބީ ނޮމިނޭޝަންސް ލިސްޓްގެ ކުރީގައި އޮތް ފިލްމު "ދަ ރެވަނަންޓް" ގެ ޑައިރެކްޓަރު އަލެހަންދުރޯ ޖީ އިނިއާރީޓޫ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންދިއުމުންނާއި މީގެ ކުރިން ހަ ފަހަރެއްގެ މަތިން އޮސްކާ އެވޯޑަށް ނޮމިނޭޓްވެ ހުސްއަތާ ގެއަށް ދާން ޖެހުނު ލިއަނާޑޯ ޑިކެޕްރިއޯ އަށް "ރެވަނަންޓް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުމުން އެންމެ މޮޅު ފިލްމަކަށް ވެސް މިފަހަރު ހޮވޭނީ "ރެވަނަންޓް" ކަމަށެވެ.

ނަމަވެސް ލިއަނާޑޯ ޑިކެޕްރިއޯގެ އޮސްކާގެ އިންތިޒާރަށް ނިމުން އައިއިރު އޭނާގެ ފިލްމު ރޭހުން ކަޓުވާލުމަށް ފަހު އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔައީ އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ވެސް ގެންދިޔަ "ސްޕޮޓްލައިޓް" އެވެ.

އެހެން ނަމަވެސް ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ނިމިގެން ދިޔަ އޮސްކާގެ 88 ވަނަ ހަފުލާގެ އެންމެ ގިނަ އެވޯޑް ކާމިޔާބުކުރި ފިލްމަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމުގެ ގޮތުގައި ފާޑުކިޔުންތެރިން ހޮވި "މޭޑްމެކްސް" އެވެ. "މޭޑް މެކްސް: ފިއުރީ ރޯޑް" 10 އެވޯޑަކަށް ވާދަކުރިއިރު އޭގެ ތެރެއިން ހަ އެވޯޑް ކާމިޔާބުކޮށްފައިވެ އެވެ.

މުޅިން ވެސް ޓެކްނިކަލް އަދި ޑިޒައިން އާއި މޭކަޕާ ގުޅުން ބޮޑު އެވޯޑްތަކެވެ.

"ރެވަނަންޓް" މި ހަފުލާ އަށް ދިޔައީ 12 އެވޯޑަކަށް ނޮމިނޭޓްވެގެންނެވެ. މި ފިލްމުގެ ޑައިރެކްޓަރު ސިނެމެޓޯގްރެފާ އެމަނުއެލް ލުބެޒްކީ އަށް އޮސްކާ ލިބުނުއިރު ފާހަގަކޮށްލަން ޖެހެނީ މިދިޔަ އަހަރު ބޭއްވި އޮސްކާ ހަފުލާގައި ވެސް މި ދެ އެވޯޑް ކާމިޔާބުކޮށްފައި ވަނީ މެކްސިކޯގެ މި ދެ ފަންނާނުން ކަމެވެ.

"ދަ ރެވަނަންޓް" އިން އިނިއާރީޓޫ އަށް އޮސްކާ ލިބުނުއިރު މިދިޔަ އަހަރު އޭނާ މި އެވޯޑް ކާމިޔާބުކުރީ އެންމެ މޮޅު ފިލްމަކަށް ހޮވުނު "ބާޑްމޭން" އިންނެވެ. ލުބެޒްކީގެ މި ކާމިޔާބީއާ އެކު އޭނާ މިހާރު އެވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ސިނެމެޓޯގްރެފީގެ އެވޯޑް ކާމިޔާބުކޮށްފަ އެވެ.

ނިމިގެން ދިޔަ ދެ އަހަރު އޭނާ މި އެވޯޑް ކާމިޔާބުކުރީ "ގްރެވިޓީ" އާއި "ބާޑްމޭން" އިންނެވެ.

އެންމެ މޮޅު ބަތަލާއަކަށް ހޮވިފައި ވަނީ "ރޫމް" އިން ބްރީ ލާސަން އެވެ. "ބްރިޖު އޮފް ސްޕައިސް" އިން މާކް ރައިލޭންސް އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބުނުއިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަކީ "ޑެނިޝްގާލް" އިން އެލީޝިއާ ވިކަންޑާ އެވެ.

އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ ޑިޒްނީގެ "އިންސައިޑް އައުޓް" އެވެ.

އޮސްކާ އެވޯޑް ހަފުލާ ނިމުމަކަށް އައިއިރު މިފަހަރުގެ ހަފުލާ އިން ބައެއް މަޝްހޫރު މޫނުތައް ނުފެންނަކަން ފާހަގަކޮށްލެވެ އެވެ. ވިލް ސްމިތާއި ސްޕައިކް ލީ ފަދަ ތަރިން މި ހަފުލާ ބޮއިކޮޓްކުރިއިރު މައްސަލަ ހޫނުވެގެން ދިޔައީ އޮސްކާގެ އެކްޓިން ކެޓަގަރީ އަށް ކަޅު ނަސްލުގެ އެކްޓަރަކު ނޮމިނޭޓްކޮށްފައިނުވާ މައްސަލައިގަ އެވެ.