ދަ ޑިމޮކްރެޓްސް

މަޖިލިސް އިންތިހާބުގައި ވާދަކުރަން ޑިމޮކްރެޓްސްގެ 41 ބޭފުޅުން ފޯމު ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން 41 ބޭފުޅަކު ފޯމު ހުށަހަޅުއްވައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީގެ ކެންޑިޑޭޓުންގެ ފޯމު ރޭގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޑިމޮކްރެޓުންގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި އެޕާޓީގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނާއި އަދި މެންބަރު ކަމަށް އަލަށް ކުރިމަތިލައްވާ ބޭފުޅުންވެސް ހިމެނެ އެވެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ، ޖޭޕީ، ޕީޕީއެމް / ޕީއެންސީގެ ކެންޑިޑޭޓުންވެސް މިހާރު ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގާނޫނު ފަސްކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގުކުރެއްވުމުންނެވެ.