ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އިންތިހާބުގައި ވާދަކުރަން 381 ފޯމު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް ހުޅުވާލި ފުރުސަތު ހަމަވިއިރު އިންތިހާބުގައި ވާދަކުރުމަށް 400 އެއްހާ ފޯމު ހުށަހަޅައިފި އެވެ.

އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ފުރުސަތު ދިނީ މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ފޯމު ހުށަހެޅުމަށް ދިން ފުރުސަަތުގައި ޖުމްލަ 381 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"މިއަދު ލިބުނީ 86 އެޕްލިކޭޝަން. އިއްޔެއާއި ހަމައަށް ލިބުނު ހުށަހެޅުން ތަކަށް މިރޭގެ ނިޔަލަށް ޖަވާބު ދޭނެ. މިއަދުގެ ހުށަހެޅުންތަކަށް، އިރާދަކުރެއްވިއްޔާ މާދަމާ ރޭގެ ނިޔަލަށް ޖަވާބު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ހަބީބް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ބޭފުޅުންގެ ނަން ތަރުތީބު ކުރުމަށްޓަކައި ކެންޑިޑޭޓުންގެ މެދުގައި ގުރުޢަތު ނެގުން ހުކުރު ދުވަހު އޮންނާނެ ކަމަށެވެ.

"ގުރުއަތުލުން އޮންނާނެ ގަޑިތައް ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން ދަންނަވާނެ،" ހަބީބް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ، ޖޭޕީ، ޕީޕީއެމް / ޕީއެންސީ އަދި ބައެއް އަމިއްލަ ކެންޑިޑޭޓުންވެސް ފޯމު ހުށަހަޅުއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކުރިއަށް އޮތް މާޗް 17 ވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައި ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު ފަސްކޮށްފަ އެވެ. މިއިސްލާހަށް އަމަލުކުރަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިބިލް ތަސްދީގު ކުރެއްވުމުންނެވެ.