މޮބައިލް ފޯނު ބޭނުން ކޮށްގެން ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ހިންގޭ "މޮބައިލް މަނީ" ގެ ހިދުމަތް ތަޖުރިބާ ކުރަން އުރީދޫން މިއަދު ތައާރަފުކޮށްފި އެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
ހިދުމަތް ފެށުމުގެ ގޮތުން މޮބައިލް މަނީގެ ފުރަތަމަ ޓްރާންސެކްޝަން ހިންގީ ހދ. އަތޮޅު ކައުންސިލްގެ މެންބަރު ހުސެއިން ސަގީފެވެ. އުރީދޫން މޮބައިލް މަނީ ނުވަތަ "މޮބައިލް ވޮލެޓް" ގެ ހިދުމަތް ތައާރަފު ކުރީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުންނެވެ.
"ހޮޓެލް ޖެންގައި" މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތާ ބެހޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މި ހިދުމަތް ފެށުމަކީ ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އުރީދޫން ބައިނަލްއަގުވާމީ މާކެޓުން މަހެއްގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ މޮބައިލް މަނީގެ މުއާމަލާތް ކުރެވޭ. މޮބައިލް މަނީ މެދުވެރިކޮށް މާކެޓްތަކުގައި ފާހަގަ ކުރެވެނިވި އިގްތިސާދީ އަދި އިޖްތިމާއީ ފައިދާތައް ވަނީ ފެނިފައި،" ވިކްރަމް ވިދާޅުވި އެވެ.
އުރީދޫ ގްރޫޕުން ގަތަރާއި އިންޑޮނޭޝިޔާ އަދި ޓިއުނީޝިއާ ފަދަ ގައުމުތަކުގައި މޮބައިލް މަނީގެ ހިދުމަތް ދެ އެވެ.
"އުރީދޫ މޯބައިލް މަނީ" ގެ ހިދުމަތް ދިނުމުގައި ޓްރަސްޓް އެކައުންޓް ބަލަހައްޓަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މި ހިދުމަތަކީ ދިވެހި ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
"މިއީ ވާޗުއަލް މަނީ ބޭނުން ކުރާ ގައުމަކަށް ހެދުމަށް މުހިންމު ކަމެއް. މި ހިދުމަތުގެ ސަރުކާރުގެ ހަރަދުތައް ވެސް ކުޑަވެގެން ދާނެ،" ޖިހާދު ވިދާޅުވި އެވެ.