ސަރުކާރުން އިސްވެ ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި ކިނބިދޫދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކަމަށް ނިންމައިފި އެވެ.
ޖޭޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން އެ ޕާޓީއަށްދިން ދައުވަތު ގަބޫލު ކުރާ ކަމަށާއި އެގޮތުން ޖޭޕީ ފަރާތުން ޕާޓީގެ ލީޑަރު ގާސިމާއި ޕާޓީގެ ޕާލިމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ނަން މިހާރު ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ޖޭޕީ އާއި ޕީޕީއެމްގެ އިތުރުން ޑީއާރްޕީ ވެސް ވަނީ ބުނެފައެވެ. އެގޮތުން ސަރުކާރު ފަރާތުން ބައިވެރި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ. އަދި ޕީޕީއެމް ފަރާތުން އެޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވުމަށް ވަނީ ނިންމައިފި އެވެ.
ނަމަވެސް އެމްޑީޕީއާއި އަދާލަތު ޕާޓީ އިން މި މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައެވެ. އެ ދެ ޕާޓީ އިން ބުނާ ގޮތުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެންވެސް ސިޔާސީ ކުށްވެރިން މިނިވަން ކުރުމުން ނޫނީ މަޝްވަރާތަކުގައި ބައިވެރި ނުވާނެ އެވެ.