ކެހުންގަނޑެއް އަރައިގަތީމަ ދެނެއް މަޑަކުންނެއް ނުހުރެވޭނެ އެވެ. އިންތަނަކު ހިމޭނުން ވެސް ނުއިނދެވޭނެ އެވެ. ކަހައިގަނެ، ވަކިއަޅުވައި އެތަނެއް ފާރުކޮށް ހަލާކުކޮށް ނުލެވެނީސް ބައެއް މީހުންގެ ހިތަކަށް ނުވަތަ "އެ ކެހުންގަނޑަކަށް" ފިނިކަމެއް ވެސް ނުލިބެ އެވެ. އެކަމަކު ކެހުންވަރެއް އަރައިގެން ހުރިތަނުން ގުޑިނުލައި ތިބޭ މީހުން ވެސް ތިބެއެވެ. ބައެއް މީހުން ކެތްކޮށްލައިގެން، ހަތަރެސް ފަޔަށް ލެވުނު ބާރެއް ލައިގެން އެހެން ތިބެނީ ގަންނާކުރައްވާލަދުންނޭ ވެސް ބުނެވިދާނެ އެވެ.
އެހެންޏާ، އެއޮތްހާ މީހުންގަނޑު ތެރޭގައި ބުރި ކަހައިގަންނާނީ ވެސް ކިހިނަކުންތޯ އެވެ؟ އެކަމަކު އެނގޭ ހެއްޔެވެ؟ ނުކަހައެއް ނުހުރެވެ އެވެ. ކަހަންޖެހެ އެވެ. ކެހެން އެބަޖެހެ އެވެ. ކެހެނީ އެހެންވެގެންނެވެ. އޭރަށް ނިކަން އަރާމުވެސް ވާތީ އެވެ.
އެކަމަކު މިހައި ހިސާބުން މިކެހުންގަނޑެއްގެ ވާހަކައެއް އިތުރަށް ދެއްކުމުގެ ކުރިން ސައިންސްވެރިޔަކާއި ކެހުމާ ދެމެދު އާދަޔާހިލާފު ވާހަކައަކުން މިކެހުންގަނޑެއް ފަށައިގަންނަމާ ހިނގާށެވެ.
ޖޭ އާރް ޓްވޭރާ ނަމަކަށް ކިޔާ ޒޫލޮޖިސްޓަކަށް މިކަމެއް ދިމާވާން ފެށީ އޭނާގެ 40 ވަނަ އުފަންދުވަހުން ފެށިގެންނެވެ. މުޅި ގައިގެ އެތަންމިތަން ހިރުވައި ކަހަން ފަށަނީ އެވެ. މި ކެހުންވަރެއް ތަޖުރިބާކުރެވެން ފެށިތާ 40 އަހަރެއްހާ ދުވަސްފަހުން އޭނާ މަރުވިއިރު ވެސް އެކަން ހައްލުވެފައެއް ނެތެވެ. އަދި އެ ކެހުންވަރެއްގެ އަސްލު ވެސް ހޯދިފައެއް ނެތެވެ.
އެހެން ނަމަވެސް މި ޒޫލޮޖިސްޓް ގަބޫލުކޮށްފައިވާ ގޮތުން ނަމަ އެ ކެހުންވަރެއްގެ އަސްލަކީ އޭނާގެ ގައިގެ ހަންގަނޑު ތެރޭގައި ވީ ޕެރަސައިޓްތަކެކެވެ. އޭނާ ގަބޫލުކުރިގޮތުން އެ އާއިލާގެ އެހެން މީހުންގެ ހަންގަނޑު ވެސް އާދަޔާހިލާފަށް ހިރުވައި އެގޮތަށް ކެހުމުގެ އަސްލަކީ ހަންގަނޑު ދަށަށް ވަދެ ތިބި ޕެރަސައިޓްތަކެވެ.
އެންމެފަހުން މި މައްސަލައަކަށް ހައްލެއް ހޯދަން އޭނާ ނުދައްކާ ވައްތަރެއްގެ ޑޮކްޓަރެއް ނެތެވެ. ފިޒީޝަނުންނާއި ޑާމެޓްރޮލޮޖިސްޓުންނާއި ނިއުރޯލޮޖިސްޓުންގެ ގާތަށް ވެސް ދިޔަ އެވެ. ބާރުގަދަ ޕެސްޓިސައިޑްސް ވެސް ނުރައްކާތެރި ދަރަޖައަކަށް ބޭނުންކުރި އެވެ. ހަންގަނޑު ދަށަށް ވަދެ ތިބި "އުކުނުތައް" މަރާލެވިދާނެ ކަމަށް ހިތަ އެވެ.
އެކަމަކު އެއްގޮތަކަށް ވެސް މިކަން އޭނާއަކަށް ކާމިޔާބެސް ނުކުރެވުނެވެ. އެންމެފަހުން އޭނާއާ ބައްދަލުވި ޑޮކްޓަރަކު އިރުޝާދު ދިނީ ޒޫލޮޖިސްޓްގެ ސައިކޮލޮޖިކަލް އިވެލުއޭޝަނެއް ނުވަތަ ބޯހަމަޖެހޭ މިންވަރު ބަލައި ތަހުލީލެއް ކުރުމަށެވެ. އެކަމެއް އޭނާ ނުކުރި އެވެ.
އެންމެފަހުން އެ ޒޫލޮޖިސްޓްގެ ވާހަކަ ނިމިގެން ދިޔައީ އެގޮތަށެވެ. އެކަމަކު އޭނާ އަށް ދިމާވި މައްސަލައިގެ އަސްލު މިއަދުގެ ސައިންސްވެރިން ވަނީ ހޯދައިފަ އެވެ. ޓްރޭވާގެ ހަށިގަނޑުގެ ހަންގަނޑު ތެރޭގައި ޕެރަސައިޓްތަކެއް ނެތެވެ. އެއީ ނަފްސާނީ ބައްޔެއްގެ އަސްލެވެ.
އެ ބައްޔަށް ކިޔަނީ ޑެލޫސަރީ ޕެރަސީޓޯސިސް އެވެ. މިހެންވީމަ ވާ ގޮތަކީ ކެހުންގަނޑެއް އަރައިގަތީމަ އޭގެ އަސްލަކީ ހަންގަނޑު ތެރޭގައިވާ ފަނިތަކެއް ކަމަށް ގަބޫލުކުރެވި އާދަޔާހިލާފަށް، ނުރައްކާތެރި ގޮތަކަށް ހަންގަނޑު ކަހައި ނޮޅައި އެތަނަކުން ލޭއަރުވާލެވެނީ އެވެ.
މިއީ ހަންގަނޑު ހިރުވައި ކެހުމާ ބެހޭ ގޮތުން އެހާ ގިނަ ބަޔަކަށް އެނގިފައި އޮތް ވާހަކައަކަށް ނުވެދާނެ އެވެ. އެކަމަކު ކެހުންވަރެއް އަރައިގަތީމަ ދެންވާގޮތާއި ކަންތައް ކުރަން ޖެހޭ ގޮތް އެންމެނަށް ވެސް އެނގެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ކެހުންގަނޑުގެ އަސްލު އަދިވެސް މިހާތަނަކަށް ހޯދިފައެއް ނެތެވެ. ކެހުން އަރައިގެން އަންނަ ސަބަބު ހޯދިފައެއް ނެތެވެ.
މި މައްސަލައިގައި މިއަދު ވެސް ގަބޫލުކުރަނީ މީގެ 350 އަހަރު ކުރިން ޖަރުމަންވިލާތުގެ ޕިޒީޝަނަކު ނެރެފައިވާ "ގަރާރެކެވެ." އޭނާ ކެހުން ސިފަކޮށްފައި ވަނީ "އަންޕްލެޒެންޓް ސެންސޭޝަނެއް" ގެ ގޮތުގަ އެވެ. އެކަމަކު މިވަރަކުން އަދި ނުފުދެއެއް ނޫން ހެއްޔެވެ؟ އަދި މީގައި ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ.
ނުކަހާހާ ހިނދަކު ކެހުމަކަށް ވެސް ނުވެ އެވެ. އެކަމަކު އިނގިލިތަކުގެ ކުރިން، ނިޔަފަތިތަކުން ވަކި އަޅުވާލާފައި އެތަނެއް ކަހާލީމަ އެ މައްސަލައެއް އެއްކޮށް ހައްލުވެސްކޮށްލަނީ އެވެ.
ސައިންސްގެ ނަޒަރަކު ކެހުން ނުވަތަ ހިރުވުމާއި ތަދުގެ އިހްސާސަށް ބަލައިލާއިރު ތިމާގެކަމެއް އެބައޮތެވެ. ހަންގަނޑުގައި ކެހުންގަނޑެއް އުފެދެނީ ސްޕައިނަލް ކޯޑާއި ސިކުނޑިއަށް ލިބިދާނެ ގެއްލުމެއްގެ ކުއްލި އިންޒާރު ދިނުމަށް ހަންގަނޑުގައި ގާއިމުކޮށްފައިވާ ރިސެޕްޓާސްތަކަކުން ފޮނުވާލާ މެސެޖަކުންނެވެ. މި ނިއުރޯންސްތަކަށް ކުޑަވަރެއްގެ ގެއްލުމެއް ލިބޭވަރުގެ ކަމެއް ދިމާވިޔަސް މި މެސެޖު ފޮނުވައިދެ އެވެ.
އެހެން ނަމަވެސް ކެހުންގަނޑެއްގެ ހަގީގަތެއް އަދިވެސް ސާފެއް ނުވެ އެވެ. އެކަމަކު ހަށިގަނޑުގެ ތަނެއްގައި ހިރުވައި ކަހަން މެދުވެރިވެދާނެ ބައިވަރު ސަބަބުތައް އެނގެން އެބަހުއްޓެވެ. މިސާލަކަށް މަދިރިއެއް ހަފާލާ ތަނެއް ކަހައިގެންފާނެ އެވެ. މިއީ އެންމެ އާދައިގެ ވައްތަރުގެ ކެހުންވަރެވެ.
ދެން މި އުޅެނީ ތަންކޮޅެއް ސީރިއަސް މައްސަލަ އެކެވެ. ޑްރައި ސްކިން އާއި އެކްޒީމާ ފަދަ ހަމުގެ ބަލިތަކާ ގުޅިގެން ހިރުވާހިރުވުންތަކާއި އަންނަ ކެހުންގަނޑުތަކެވެ.
މިއަށް ވުރެ ނުރައްކާތެރި ހާލަތްތަކެއް ވެސް މެދުވެރިވެދާނެ އެވެ. އެއިޑްސް، ބްރެއިން ޓިއުމަރު ނުވަތަ ކްރޯނިކް ލިވާ ޑިޒީސްގެ ސަބަބުން ވެސް މި ދަންނަވާ ޒާތުގެ ކެހުންފަށެއް އާންމުވެދާނެ އެވެ. އެއަށް ފަހު ބައެއް ހާލަތްތަކުގައި މި ކެހުންގަނޑެއް ނަފްސާނީ މައްސަލައެއްގެ ގޮތުގައި ލޭބަލްކުރެވޭ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ. -- ބީބީސީ