ވާހަކަ

މިލްކުވާނެބާ

( 15 ފެބްރުއަރީ 2024 އާ ގުޅޭ )

"މިޔާ... ސައިބޯން ތެދުވޭ. ސައިބޮއެގެން ފާޚާނާއަށް ވަންނާނީ." ޚާދިމު ކުއްޖާ ބުންޏެވެ. ނަމަވެސް މިޔާގެ އިޝާރާތެއް ނުވިއެވެ. އޭނާ ފަރުދާތައް އައްސާފައި އެނދު ކައިރިޔަށް އައެވެ.

"ސައިބޯލައިގެން އަލުން ނިދާލާނީ." އޯގާތެރިކަމާއެކު ޚާދިމު ކުއްޖާ ވާހަކަދެއްކި އެވެ.

ކައިރިން މިޔާ ފެނުމާއެކު އޭނާގެ ނޭވާލުމުގައި ތަފާތުކަމެއް ހުރިތަން ޚާދިމު ކުއްޖާއަށް ފާހަގަވި އެވެ. ބޮޑުވޭނެއް ތަޙައްމުލު ކުރާ ފަދަ އަސަރުތަކެއް މިޔާގެ މޫނުގައިވި އެވެ.

"މިޔާ... ކިހިނެއްވަނީ؟... މިޔާ... ލޯ ހުޅުވާލަ ބަލަ." ޚާދިމު ކުއްޖާ ނުހަނު ހާސްވި އެވެ. މިޔާގެ ކޯތާފަތުގައި އޭނާ މަޑުމަޑުން ޖަހާލި އެވެ. އޭނާ އިތުރަށް ކަންބޮޑުވި އެވެ. ދުވެފައި ކޮޓަރިން އޭނާ ނުކުތީ ހިލްމީއަށް ގޮވަމުންނެވެ.

* * * * *

"މިރޭ ފުރާ ފްލައިޓަށް ވެސް ޓިކެޓް ހަމަޖެހޭނެ. ހުރިހާ ޚަރަދެއްގައި އަހަރެން ހިފާނަން. ބޭނުންވަނީ އިއްޒެ މިކޮޅުގައި ހުރުން. އަހަރެން ޑަކްޓަރުންގެ ޓީމާ ވެސް ވާހަކަދައްކައިފިން. މިވަގުތު ޑޭވިޑް ވެސް އެބަހުރި. އޮޕަރޭޝަން ތިއާޓާއަށް ނުވަދެވުނަސް ކަންކަން ހިނގާ ގޮތް ބަލަން ތިއޭޓާ ފެންނަ ގޮތަށް ހުންނަ ރޫމުގައި ހުރެވިދާނެކަމަށް އެމީހުން އޮތީ އެއްބަސްވެފައި. އިއްޒެ ހުރިއްޔާ އަހަރެންނަށް ގެރެންޓީކޮށް އެނގޭނެ އެމީހުން އެ ޕްރޮސީޖަރ ގެންދާގޮތް. ކަމެއް ގޯސްވަންޏާ ވެސް. ޑޭވިޑްއާ އޭނާގެ ޓީމުން 99 ޕަސަންޓް ސަކްސެސްފުލް ވާނޭ ބުނީ." އިޒީކިއަލް ފޯނުން ވާހަކަދައްކަމުން ދިޔައީ މާލޭގައި ހުރި ޑަކްޓަރު އިޒްމީލްއާ އެވެ.

"ބުނަން އިޒީކިއަލް ވާހަކައެއް. އަހަރެން ކްރޮސް ކުރަން ބޭނުންނުވާ ލައިންސް އެބަހުރި. އެއްފަހަރު ވެސް ވިސްނާލިންތަ މިޔާގެ ފީލިންގްސްއާ މެދު. ޝީ އިޒް ޔަންގް. އިޒީކިއަލްއާއި އަހަރެންނާ ގުޅިގެން މިކުޅޭ ޑްރާމާގެ ކުޑަ ވެސް ހިލަމެއް އޭނާއަށް ނުވޭ. އެހެނޭ ކިޔާފައި އެވާނެތަ އިންސާފަކަށް. ވީ އާ ޔޫސިން ހާ... ޔޫ އާ ޔޫސިން ހާ. އަމިއްލަ ޕާސަނަލް ގެއިންއަށް. އިޓްސް ޓައިމް ފޯ މީ ޓު ސްޓޮޕް. އަހަރެންނަށްވުރެ ތަޖުރިބާކާރު މޮޅެތި ޑަކްޓަރުން ތިކޮޅުގައި ތިބޭނެ. މިހުރިހާ ކަމެއް ނިމޭއިރު ޑަކްޓަރަކަށްވެ ހުރެ އަހަރެންނަކަށް ނުކުރޭނެ މިޔާއާ ކުރިމަތިލާކަށް. ކިހާ ބޮޑު އޮޅުވާލުމެއް... އިނަފް އިޒް އިނަފް. އިޒީކިއަލް އެދުނު ކަންތައް ނުކޮށްދެޔޭ ނުބުނެވޭނެ. އައި އޭމް ސޮރީ އިޒީކިއަލް. އިތުރަށް ދެން ތިކަމުގައި އަހަރެން ބައިވެރި ކުރާން ނޫޅޭ. ކިތަންމެ ބޮޑު އެއްޗެއް ދިނަސް މިފަހަރު ބޭނުމެއްނޫން. ކްލިނިކަށް އިންވެސްޓް ކުރުން ހުއްޓާލިޔަސް އޯކޭ. އިތުރަށް އަހަރެންނަށް ތިކަހަލަ އޮޅުވާލުން ތަކުގައި ބައިވެރި ވެވޭކަށް ނޯންނާނެ. ޑޭވިޑް އާ އެއްކޮށް ކުރިޔަށް ދޭ. އޯލް ދި ބެސްޓް." ޑަކްޓަރ އިޒްމީލް ދައްކަން ބޭނުންވީ ވާހަކައެއް ދައްކާފައި ފޯނުކޯލު ކަނޑާލީ އެވެ.

އިޒީކިއަލްގެ ނިތަށް ރޫގިނަވެލި އެވެ. އިޒްމީލްގެ އެ ނިންމުމާމެދު އޭނާ ޔަގީނުން ވެސް ގަޔައެއް ނުވި އެވެ. އެހެންވިޔަސް މަޖުބޫރު ކުރެވޭކަށް ނެތްކަން ޚުދު އޭނާއަށް ވެސް އެނގެ އެވެ. ފަޓުލޫނުގެ ޖީބަށް ފޯނު ކޮށްޕާލަމުން އިޒީކިއަލް ހިނގައިގަތީ މިޔާ އޮތް ކޮޓަރިއަށް ވަންނާށެވެ.

އެނދުގައި އޮތް މިޔާ ނިދާލާފައި އޮތް ކަހަލަ އެވެ. އައިވީއެއް ގުޅާފައި ވާއިރު ނިތްކުރި މަތީ ކުޑަ ތުވާލިކޮޅެއް އަޅާފައި އޮތެވެ. މިޔާގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައި ހުރި މެއިޑު ކުއްޖާ އެ ކޮޓަރީގައި ހަރަކާތްތެރި ވެއެވެ. ޑަކްޓަރ ޑޭވިޑް އެނދުގައި ކައިރީ ހުރި މިޔާގެ ހާލު ބަލަމުން ދިޔަ އެވެ. އިޒީކިއަލް އައިސް އެނދުގެ ފައިލާކޮޅުގައި ހުއްޓިލި އެވެ. މިޔާގެ މިލާފައިވާ މޫނު ފެނުމުން އިޒީކިއަލްގެ ދެ ލޮލުން ތަފާތު އަސަރެއް ފާޅުވެލި އެވެ. މިޔާއާމެދު އެ ހިތުގައި ކޮންމެވެސް ކަހަލަ އިޙްސާސަކާއި ޖަޒުބާތެއް ވާ ކަހަލަ އެވެ. އަމިއްލަ ނަފްސަށް އެއްބަސްވާން އިޒީކިއަލް ބޭނުންނުވަނީ އެ އިޙްސާސްތަކާއި ޖަޒުބާތަށް ނަމެއް ދޭން ޖެހިދާނެތީ ކަހަލަ އެވެ. ދެ ލޮލުން ފާޅުވަނީ އޯގާތެރިކަމުގެ އަސަރު ކަމެއް ނޫނީ ހަމްދަރުދީ ކަމެއް މީހަކަށް ބުނާކަށް ނޭނގޭނެ އެވެ. ޑަކްޓަރ ޑޭވިން ދުރަށް ހިނގައިގަތުމުން އިޒީކިއަލް އައިސް އެނދުގެ އަރިމަތިން މިޔާ ކައިރީ އިށީނެވެ. މަޑުމަޑުން މިޔާގެ އަތްތިލައިގައި ދެ އަތުން އޭނާ ހިފާލި އެވެ. މުށުގެ ތެރޭ އެ އަތްތިލަ ފޮރުވާލައިގެން އިނދެ އިޒީކިއަލް ބަލަމުން ދިޔައީ މިޔާ އަށެވެ.

"ޑޭވިޑް. ކަމެއް ގޯހީތަ؟." އިނގިރޭސި ބަހުން އިޒީކިއަލް އަހާލި އެވެ. އެއާއެކު ޑަކްޓަރ ޑޭވިޑް އައިސް އިޒީކަލްގެ ނުހަނު ގާތުގައި ހުއްޓިލައިފި އެވެ. ޑަކްޓަރ ޑޭވިޑްއަކީ ނިއުޔޯކްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޚާއްޞަ އިސް ޑަކްޓަރެކެވެ.

"މިސްޓަރ އިޒީކިއަލް. އަހަރެންނަށް ފެންނަނީ މިޔާ ހޮސްޕިޓަލަށް ގެންދަން. ގަދަ ހުމެއްގެ އަސަރު އޭނާއަށް ކޮށްފައި އެވަނީ. އެކަމަކު އިތުރަށް ހުން ގަދައެއް ދެން ނުވާނެ." ޑަކްޓަރ ޑޭވިޑް ބުންޏެވެ.

"މިޔާގެ ހުން ގަދަނުވާނެ ކަމުގެ ޔަގީންކަމެއް އެބައޮތްތަ؟. ހުންގަދަވެގެން އޭގެ އަސަރު ބޭބީއަށް ކޮށްފިއްޔާ ދެން ކިހިނެއް ހަދާނީ." އިޒީކިލްގެ ނަޒަރު މިފަހަރު ޑޭވިޑަށް އަމާޒު ކޮށްލައިފި އެވެ.

"އެހެންވިއްޔާ... އެބައޮތް ގޮތެއް. އިޒީކިއަލް ޤަބޫލިއްޔާ... މިޔާގެ ހާލު ގޯސްވާނަމަ ވިއްސާ އިންޖެކްޝަން ޖަހައިގެން ކުއްޖާ ވިއްސިދާނެ. އަށް މަސް ވީމަ. ކުއްޖާ ވެސް އޮންނާނީ ރަނގަޅަށް އުފެދި ބޮޑުވެފައި. ބޯންމެރޯ ސާޖަރީއަށް އެކަމުން އެއްވެސް އަސަރެއް ނުކުރާނެ. އެކަމަކުގެ ގެރެންޓީ ދެން." ޑަކްޓަރ ޑޭވިޑް ސިއްރުން ބުންޏެވެ.

އިޒީކިއަލް ބަލާލީ މިޔާ އަށެވެ. ހިމޭންކަމުގައި އިރުކޮޅަކު އޭނާ މިޔާއަށް ބަލަން އިނެވެ. ދެ އަތުގެ ތެރޭ އޮތް މިޔާގެ އަތްތިލައިގައި އޭނާ މަޑުމަޑުން ފިރުމާލި އެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގާ ޝުޢޫރުތައް އެނގޭނީ ޚުދު އޭނާއަށެވެ. އެ ދެ ލޮލާއި މޫނުން އެކަން ދެނެގަތުމަކީ މީހަކަށް ވާނޭ ކަމެއް ނޫނެވެ. ފުންނޭވާއެއް އިޒީކިއަލް ދޫކޮށްލި އެވެ. އަދި މިޔާގެ އަތުން ދޫކޮށްލާފައި އޭނާ ތެދުވެ ހިނގައިގަތެވެ. ފަޓުލޫނުގެ އަރުމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރެ އޭނާ އައިސް މަޑުކޮށްލީ އެނދުގެ ފައިލާ ކޮޅުގަ އެވެ. އެނދަށް ފުރަގަސް ދީގެންނެވެ.

"އެހެންވިޔާ ތިބުނާހެން އޭނާ ވިއްސަން ރެޑީ ކުރޭ. ދެން އެކޮޅަށް ގުޅާފައި ސޫޒީގެ ކަންކަން ހަމަޖައްސަން ވެސް ބުނޭ." އިޒީކިއަލް ގޮތް ނިންމަމުން ނިތްކުރީގައި ފިރުމާލި އެވެ. އަޑުއިވުނު ގޮތަށް ޢަމަލު ކުރުމަށް ޑަކްޓަރ ޑޭވިޑް އަވަސްވެގަތެވެ.

* * * * *

ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިއެއްގައި އިން ސޫޒަންގެ ގާތުގައި ދެ ނަރުސް ކުދީން ހަރަކާތްތެރިވަމުން ދިޔަ އެވެ. ހޮސްޕިޓަލުގެ ހެދުން އެމީހުން އޭނާ ލައްވައި ތައްޔާރު ކުރަނީ އެވެ. އެމީހުންގެ މަސައްކަތް ނިންމާލާފައި ނުނިކުމެވެނީސް ދޮރުގައި ޓަކި ޖަހާލާފައި ދޮރުހުޅުވާލިކަން ސޫޒަންއަށް ހިލަންވެއްޖެ އެވެ.

"ޝީ އިޒް ރެޑީ." ދެ ނަރުސް ކުދީންގެ ތެރެއިން އެއްކުއްޖަކު ބުނެލި އެވެ.

"ކާކު؟. އިޒީކިއަލްތަ؟." ދޮރަށް ފުރަގަސްދީގެން އިނދެވުނު ސޫޒަން އަހާލި އެވެ. އަދި އޭނާ މަޑުމަޑުން އެނދުން ތެދުވެއްޖެ އެވެ. އެ ކޮޓަރިއަށް ވަނީ ކާކުތޯ ބަލާލުމަށެވެ. ނަރުސް ކުއްޖަކު އޭނާގެ ނުހަނު ގާތުގައި ހުރީ ސަމާލުވެ ހުރި ފަދައިންނެވެ.

"އަހަރެން." އިޒީކިއަލް ބުނެލި އެވެ.

ސޫޒަން ފެންނަ ކޮންމެ ފަހަރަކު އިޒީކިއަލްގެ މާޔޫސްކަން އިތުރުވެދެ އެވެ. ހިތްދަތިކަން ހިތަށް ވެރި މީހާ ބަލިކަށިކޮށްލަ އެވެ. އަނެއްކޮޅުން ކުށްވެރި އިޙްސާސަކުން އޭނާ ބަނދެވެ އެވެ. ސޫޒަންގެ ހިތުގައި ޖެހޭވަރު ކަމެއް ދުވަހަކު ވެސް ނުކުރާނަމޭ އޭނާގެ ހިތުގައި އަބަދުމެ އޮވެ އެވެ. ހަރަކާތެއް ކުރަން ނޭނގިފައި އިޒީކިއަލް ހުއްޓާ ސޫޒަން އޭނާގެ ގާތަށް އަންނަތަން ފެނުމުން ކަންބޮޑުވި އެވެ. އަވަސްއަވަހަށް ކުރިއަށް އިޒީކިއަލްއަށް ފިޔަވަޅު އަޅާލެވުނެވެ. ސޫޒަން ދެ އަތް ފުޅާކޮށްލުމާއެކު އިޒީކިއަލްގެ ގާތަށް ޖެހިލި ގޮތުން ނަރުސް ކުދީންނެކޭ އެއްވަރަށް އިޒީކިއަލް ވެސް ކަންބޮޑުވި އެވެ. ހުސިޔާރު ކަމާއެކު އިޒީކިއަލްގެ ދެ އަތުގެ ތެރޭ ސޫޒަން ހިފަހައްޓާލި އެވެ.

"ކީއްވެ އަހަންނަށް ތިހެން ހަދަނީ؟. އިޒީކިއަލް... ކީއްވެ އެހެން އަންހެނަކާ ގުޅުނީ. ކީއްވެތަ އިޒީކިއަލް." އިޒީކިއަލްގެ މޭގައި މޫނު ފޮރުވާލަމުން ސޫޒަން ރޯންފެށީ ޝަކުވާ ކުރަމުންނެވެ.

"އަހަރެންނަށް މަޢާފްކުރޭ ސޫޒީ. އަހަރެން ވަރަށް ލޯބިވޭ. ހަމަތެދެއް މިބުނީ. ސޫޒީ ދެކެ ވަރަށް ލޯބިވޭ." ސޫޒަންގެ ބޮލުގައި އިޒީކިއަލް ބޮސްދިނެވެ. އެތަނުގައި އެވަގުތު ތިބި ދެ ނަރުސް ކުދީން ނުކުތީ އިޒީކިއަލްއަކީ ކާކުކަން އެމީހުންނަށް އެނގޭތީ އެވެ. އަދި އިޒީކިއަލްއާއި ސޫޒަންއާ ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްކަން ވެސް އެ ހޮސްޕިޓަލުގެ ގިނަ ބަޔަކަށް އެނގެ އެވެ.

"އެހެންވިއްޔާ... ކިސް މީ... ކިސް މީ ނައު." އިޒީކިއަލްއާ ނަޒަރު ސީދާކޮށްލަމުން ސޫޒަން ބުނެލީ އަމުރުވެރި ރާގެއްގަ އެވެ. ލޯބިވާކަން ސާބިތުކޮށް ސޫޒަންގެ ހިތަށް ހަމަޖެހުން ގެނެސްދިނުމަށް ޓަކައި އޭނާ އެދުނު ފަދައިން އިޒީކިއަލް ކަންތައް ކުރި އެވެ. އަދި ލޯބިން ސޫޒަން އަތުލަފިކޮށްލައިގެން ގެނެސް އެނދުގައި ބޭންދި އެވެ.

"ސޫޒަން. ބޯންމެރޯ ހަމަޖެހިއްޖެ. މެޗުވާ ބޯންމެރޯއެއް. 99 ޕަސެންޓް އެބައޮތް. މިއަދު އޮޕަރޭޝަން ކުރަން ހަމަޖެހިފައިވަނީ." އިޒީކިއަލް ބުންޏެވެ.

"99 ޕަސެންޓް... ޔަގީންތަ؟. އަހަރެން ރަނގަޅުވާނެތަ؟. އެނގޭ ސާޖަރީއަށްކަން ރެޑީ ކުރަނީ." ސޫޒަންގެ ވަރުބަލިވެފައިވާ ދެ ލޮލުން ދިރިހުންނަން ބޭނުންވާވަރު ވިދައިގަތެވެ.

"ޔެސް. ކާމިޔާބުވާނެ." އިޒީކިއަލް ބޯޖަހާލީ އިތުރަށް ސޫޒަންއަށް ޔަގީންކަން ދޭން ބޭނުންވެގެންނެވެ. ޚުދު އޭނާއަށް ވެސް އެކަމުގައި އޮތް ޔަގީންކަން ބޮޑީ އެވެ. އެތައް އަހަރެއް ވަންދެން ކުރަމުން އައި އުންމީދުތައް ފުރިހަމަވަނީ އެވެ.

"އަހަރެން ރަނގަޅުވީމާ. ހިނގާ އިންނަން. އިޒީކިއަލް އަހަރެންނާ އިންނާނަންތަ؟." ސޫޒަން އަހާލީ އުންމީދުން ފުރިގެންވާ ބަލާލުމަކާއެކު އެވެ. އެހިނދު އިޒީކިއަލް ބޯޖަހާލީ ނިކަން އަވަހަށެވެ.

"ޔެސް. ސޫޒަން ރަނގަޅުވެލީމަ. ސާޖަރީ ނިމުނަސް ވަރަށް ބޮޑަށް ބަލަންޖެހޭ." އިޒީކިއަލް ބުނެލި އެވެ. އެވަރު ވެސް ސޫޒަންއަށް ފުދެ އެވެ. އޭނާ އެދެނީ އުމުރުގެ ބާކީ އޮތް ދުވަސްތައް އިޒީކިއަލްއާއެކު ވާށެވެ. އޭނާގެ އަނތްބެއްގެ ގޮތުގައި އިންނާށެވެ. މިހާ ދުވަހު އެކަމަށް ހުރަސް އަޅަމުން އައީ އޭނާގެ ބައްޔެވެ. އެކަމަކު އެ ބަލިން އަރައިގަނެވިދާނޭކަމުގެ އުންމީދު މިވަނީ ޔަގީނަށް ބަދަލުވެފަ އެވެ. ދުޅަހެޔޮ ސިއްޙަތެއް އޭނާއަށް ވެސް ލިބިދާނޭކަން ޔަގީން ވެއްޖެ އެވެ.

* * * * *

މަޑުމަޑުން މިޔާ ލޯ ހުޅުވާލި އެވެ. މަތީގައިވަނީ ގަދަ އަލިކަމެކެވެ. އޮވެވުނީ ކޮންތަނެއްގައި ބާއޭ އޭނާ ހިތަށް އެރި އެވެ. އެވަގުތު ކައިރިން އަންހެނެއް އަޑު އިވުނެވެ.

"ޑަކްޓަރ. ޝީ އިޒް ރެޑީ. އިންޑިއުސްޑް ލޭބާ ކެން ސްޓާޓް." އެ އަންހެން މީހާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"ޝީ އިޒް ގޮއިންޓު ވޭކް އަޕް. ގިވް ހާ އަނަދަރ އެނެސްތެޓިކް." ފަޅާކޮޓަރީގައި ތިބޭ ޑަކްޓަރުންހެން މާސްކެއް އަޅައި ބޯ ނިވާކޮށްގެން ހުރި ފިރިހެނަކު ވާހަކަދެއްކިތަން މިޔާއަށް ފެނުނެވެ. އެހާ ބޮޑަށް ނިވާވެގެން ހުރީތީ އެއީ ޑަކްޓަރ ޑޭވިޑްކަމެއް ދެނެގަންނަން މިޔާއަށް ނޭނގުނީ އެވެ.

ފުރަތަމަ އިވުނު އަންހެން އަޑުގެ ވެރިޔާ އައިސް މިޔާއާ ކައިރިވެލި އެވެ. މިޔާ އަތް އުފުލާލަން އުޅުމުން އޭނާގެ އަތުގައި ހިފެހެއްޓި އެވެ. ލޯ މަރާލައި ނިދާލަން އެ އަންހެން މީހާ ބުންޏެވެ.

"ސްލީޕް. މިސް ސޫޒީ އިޒް ވެއިޓިން ފޯ ބޯންމެރޯ ސާޖަރީ." އެ އަންހެން މީހާ ބުންޏެވެ. ނަމަވެސް މިޔާއަށް މާބޮޑަކަށް އެބުނި އެއްޗެއް ސާފެއްނުވި އެވެ. އޭނާއަށް ހިތާހިތުން އިޒީކިއަލްއަށް ގޮވާލެވުނެވެ. ދޫ ހަރަކާތްކޮށް ގޮވާލަން ބޭނުންވިޔަސް އެކަން އެވަގުތު ނުވީ އެވެ. ގިނައިރެއްނުވެ އަނެއްކާ ވެސް މިޔާގެ މުޅިގައިން ވަރުދޫވާން ފެށި އެވެ. ދެ ލޯ ހުޅުވައިގެން އޮންނާނޭ ވަރުނެތި މަޑުމަޑުން ދެ ލޯ މަރާލައިފި އެވެ. އެއާއެކު ފުން ނިންޖެއްގެ ތެރެއަށް ގެނބުނު ފަދަ އެވެ.

"ނިދާލާ. ހޭލާއިރު ހުރިހާ ކަމެއް ރަނގަޅުވާނެ." ޑަކްޓަރ ޑޭވިޑް ބުންޏެވެ. އަދި މިޔާ ރަނގަޅަށް ހޭނެތިއްޖެތޯ ޔަގީން ކުރި އެވެ.

* * * * *

ފަޅާކޮޓަރިއަށް ވެއްދުމަށް ޓަކައި ދަމާ އެނދުގައި ސޫޒަން ބާއްވާފައި އޮތެވެ. އެންމެ ފަހުވަގުތާއި ހަމައަށް ސޫޒަން ކައިރިން ދުރަށް ނުގޮސް އިޒީކިއަލް ހުއްޓެވެ. އިސް ނަރުސްކުއްޖަކު ނުކުމެ ސޫޒަން އެތެރެއަށް ވައްދަންވީ ކަމުގައި ބުނުމުން އިޒީކިއަލް އިހުނަށްވުރެ ސޫޒަންއާ ގާތްވެލި އެވެ.

"ރިލެކްސް. ސޫޒީއަށް ހޭލެވޭއިރު ހުރިހާކަމެއް ވެސް ރަނގަޅުވާނެ. އައި ލަވް ޔޫ." ސޫޒަންގެ ނިތުގައި އިޒީކިއަލް ބޮސްދިނެވެ.

"ވެއިޓް ފޯ މީ އިޒީކިއަލް." ސޫޒަންގެ އެނދު އެތެރެއަށް ވައްދަން ފެށި ހިނދު އޭނާ ބުނެލި އެވެ.

(ނުނިމޭ)