ޑރ. މުހައްމަދު މުއިއްޒު

ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ފަސް ދުވަހަށް ކުރައްވާ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ އަށެވެ.

ރައީސް ވަޑައިގަންނަވާ ވަކިވަކި ރަށްތަކުގެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް ވީހާވެސް ގިނަ ރަށްތަކަށް ރައީސް ވަޑައިގަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މުއިއްޒު އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިމަހު ވަޑައިގަތީ ތ. އަތޮޅަށެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވި ގޮތުން ނަމަ އެމަނިކުފާނުގެ އަމާޒަކީ މިއަދު ފެއްޓެވި ދަތުރުފުޅާ އެކު ކުރިއަށް އޮތް 30 ދުވަސް ތެރޭގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްތަކަށް ވަޑައިގަތުމެވެ.

ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައީސް ގެންދަވަނީ އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އަދި އާންމުންނާވެސް ބައްދަލުކުރައްވައި ރަށްރަށުގައި ހުރި މައްސަލަތައް އޮޅުންފިލުއްވަމުންނެވެ.