އުރީދޫ

ޕީސް ކޭބަލް ކުޅުދުއްފުށި ލޭންޑިން ސައިޓާ ގުޅާލައިފި

އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި މިއަދު ޕީސް ކޭބަލް ކުޅުދުއްފުށި ސިޓީއަށްއަށް އެއްގަންކޮށް، އެރަށުގައި ގާއިމުކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލައިފި އެވެ.

މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެ ކަމަށް އުރީދޫ އިން ލަފާކުރެވެ އެވެ.

ކުޅުދުއްފުށީގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު އެވެ.

ބައިނަލްއަގްވާމީ ސަބްމެރިން މިކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއި އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

ކުޅުދުއްފުށީގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ އެ ސިޓީއަށް އަދި މުޅި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަން ޔަގީން. އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މިއަދު މިފެށުނު ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށި ވެގެން ދާނީ މާލެ ސަރަހައްދުން ބޭރުގައި ސަބްމެރީން ކޭބަލްގެ މައި ލޭންޑިން ސްޓޭޝަން ބެހެއްޓުނު ފުރަތަމަ ރަށަށް ކަމަށެވެ. އެއާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅު ވެގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އޭގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެ،" ނިޔާޒު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވަނީ އާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި އިހްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އަޅުގަނޑުމެންގެ މުޖުތަމައަށާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުން،" މޭޔަރު އާތިފް ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަނަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގައި އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށް ކަމަށެވެ. ހައިޕަސްކޭލަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ބުންޏެވެ. ހަމައެހެންމެ އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.