ހަބަރު

މަނާކުރި ޗޮކޮލެޓް އަދިވެސް ވިއްކަމުން އެބަދޭ: އެމްއެފްޑީއޭ

މަނާކުރި ޗޮކޮލެޓް ބާޒާރުގެ ފިހާރަތަކުން ނުނަގައި އަދިވެސް ވިއްކަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެއޮތޯރިޓީ އިން ވަނީ ގިނަ ބަޔަކަށް ކަމުދާ މިލްކީވޭ، ސްނިކާސް އަދި މާސް ޗޮކްލެޓް އަދިވެސް އިތުރު ދެ ޗޮކްލެޓެއްގެ ވަކި ބެޗްތަކެއްގައި ޕްލާސްޓިކް "ފްރެގްމެންޓްސް" އިން ތަގައްޔަރުވުމުގެ ފުރުސަތު އޮތް ކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ފޯ ފުޑް އެންޑް ފީޑް އިން ބުނެފައިވާތީ އެތަކެތި ވިއްކުން މަނާކޮށްފައެވެ.

ނަމަވެސް މިއަދު އެމްއެފްޑީއޭ އިން ނެރުނު އެލާޓެއްގައި ބުނެފައި ވަނީ މި އުފެއްދުންތައް ރާއްޖޭގެ ބަޒާރުގައި އަދިވެސް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކުން އެތަކެތި ބާޒާރުން ނުނަގައި ވިއްކަމުން ދާކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

"މިއުފެއްދުންތަކުގައި ޕްލާސްޓިކް "ފްރެގްމެންޓްސް" ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުން، މިގޮތަށް ތަޣައްޔަރު ވެފައިވާ ޕްރޮޑަކްޓް ބޭނުންކުރުމަކީ ކަރުގައި ތާށިވެ ނޭވާލުމަށް ދަތިވެ ފުރާނައަށް ގެއްލުން ލިބިދާނެ ކަމެއް ކަމުގައި ދަންނަވަން،" އެ އެލާޓްގައި ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ މާސް ނެދަލޭންޑް ބީވީ ގައި އުފައްދާފައިވާ ޗޮކްލެޓް ކަމަށް ވާ ސެލިބްރޭޝަންސް ގެ މައްސަލަ ދިމާވެފައިވާ އުފެއްދުންތަކުގެ މުއްދަތުހަމަވާ ތާރީހަކަށް 7 އޯގަސްޓް 2016 އިން 16 އޯކްޓޫބަރ 2016 ކަމަށް ކުރިން ބުނެފައިވީ ނަމަވެސް ރަގަޅު ތާރީހަކީ 19 ޖޫން 2016 އިން 21 އޯގަސްޓް 2016 ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މި އުފެއްދުންތައް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަންގާފަ އެވެ. އަދި މި އުފެއްދުންތައް ވިއްކަން ހުރިނަމަ މާކެޓުން ނެގުމަށްފަހު އެ މައުލޫމާތު އެ އޮތޯރިޓީއަށް ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.