އައްޑޫ ސިޓީ

އައްޑޫ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖު މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ އާއި ޑިޒައިންގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިސްރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާ އެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް އެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއި ކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާ އެވެ.

ބްރިޖު މަޝްރޫއުގެ ސާވޭތައް ދަ އަރަބް ކޮންޓްރެކްޓާސް އިން ހަދައިދެނީ ހިލޭ އެވެ.

އައްޑޫ ސިޓީ ބްރިޖު މަޝްރޫއަށް ދަ އަރަބް ކޮންޓްރެކްޓާސް އިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ސަރުކާރުން މިދިޔަ މަހު ވަނީ ހާމަކޮށްފަ އެވެ.

ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ގާތްގަނޑަކަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.

އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.