ލައިފްސްޓައިލް

ލޯބީގެ އެންމެ ނުރައްކާތެރި ވައްތަރަކީ އޮފީސް ލޯބި!

ބަޔަކު މީހުންނަށް ހީވެދާނެ އެވެ. މިއީ 2016 އެވެ. އެހެންވީމަ އޮފީސް ތެރެއިން ބިޓުން ނެގުމުގެ ސަގާފަތް އެއޮތީ ޒަމާނާއެކު މަރުވެފަ އެވެ. ކުށްހީއަކީ މިއީ އެވެ. އަދި ހަގީގަތަކީ، އަދިވެސް އޮފީސް ރޮމޭންސް އޮތީ ވަރަށް ވެސް ދުޅަހެޔޮކޮށް ކަމެވެ. މުޅި ދުނިޔޭގައި ވެސް މިކަން އޮތްގޮތަކީ މިއީ އެވެ.

އެމެރިކާގައި މިފަހުން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މަސައްކަތުގެ މާހައުލުން ލޯބިވެރިޔަކު ހޯދި މުވައްޒަފުންގެ އަދަދު ގާތްގަނޑަކަށް 40 ޕަސެންޓަށް އަރަ އެވެ. އަދި އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ އޮފީސް ތެރެއިން އެ ހޯދި ލޯބިވެރިޔާއާ އެކު އެންމެފަހުން ޒަވާޖީހަޔާތެއް ފަށާފައިވާ މީހުންނެވެ.

ޖަރުމަންވިލާތަށް ބަލައިލާއިރު، އޮފީސް ލޯބި އަދި އޮތީ މާ ބޮޑަށް ވެސް ފޮޅި، ވަސްމީރު ބަހާރު މޫސުމެއްހެން ފެތުރިގަނެފަ އެވެ. އެކުގައި މަސައްކަތްކުރާ ނުވަތަ އެއް އޮފީއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަލާއިރު ލޯބިވެރިންނަށް ބަދަލުވެފައިވާ މުވައްޒަފުންގެ އަދަދު 60 ޕަސެންޓަށް އަރަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލައިލާއިރު އޮފީސް ލޯބީގެ ފޯރި އެންމެ ކުޑައީ ޖަޕާނުގަ އެވެ. ދިސާރާތަކުން ދައްކާގޮތުން ޖަޕާނުގައި މިގޮތަށް، އެއް އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ލޯބީގައި ޖެހިގެން ދީވާނާވެފައި ވަނީ ކޮންމެ ތިން މީހަކުން އެކަކެވެ.

އެކަމަކު ދެބަސްވެވެން ނެތް ހަގީގަތަކީ އޮފީސް ލޯބީގެ ފޯރި އޮތީ ގަދަކޮށްކަމެވެ. މަރެއް ނުވި "ލޯތްބަކީ" މިއީއޭ ބުނެވިދާނެ އެވެ. އެކަމަކު އޮފީސް ތެރެއިން ލޯބިވެރިންނަށް ބަދަލުވި ދެ މީހެއްގެ ދެމެދުގައި ފައްކާކުރި ލޯތްބެއްގެ އުމުރު ބުނަން އެނގެނީ ކޮން އިންސާނަކަށްތޯ އެވެ؟

މި ރޮމޭންސެއްގެ ދަލުގައި ޖެހިފައި، ސަލާމަތްވެފައި ތިބި ގިނަ މީހުން ބުނަނީ ވަޒީފާގެ މާހައުލުގައި ނެގެން އޮތް އެންމެ ބޮޑު ރިސްކަކީ މިއީ ކަމަށެވެ. އެކަމަކު ވަކި އަހުލާގުތަކެއްގައި ހިފަހައްޓައިފި ނަމަ އޮފީހުގައި އިންދާ މި ލޯބީގެ އޮށުން ފަޅައިގެން ބޮޑުވާ ގަހުން ލަކުޑި ކަނޑައިގެން އަންހެނުންނަށް ގެއެއް ވެސް އަޅައި ދެވިދާނެ އެވެ.

އޮފީސް ލޯބި ބާއްވަންވީ ސިއްރެއްގެ ގޮތުގައިތަ؟

"އަހަރެމެން އެއް އޮފީހެއްގައި މަސައްކަތްކުރަމުން ރައްޓެހިވީ. އެ ލޯތްބަށް ދިހަ މަސްވީއިރު ވެސް އޮފީހުގެ އިތުރު މީހަކަށް ނޭނގޭނެ އަހަރެމެން ދެ މީހުންނަކީ ދެ ބިޓުން ކަމެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ޒުވާން ފިރިހެން ކުއްޖަކު ބުންޏެވެ.

އޭނާ މިހާރު އުޅެނީ އޮފީސްތެރެއިން ހޯދި "އެ އަންހެން ކުއްޖާ" އާ ކައިވެނިކޮށްގެންނެވެ. އެ ދެ މީހުން ބުނީ އެމީހުންގެ ލޯބީގެ ވާހަކަ އޮފީހުގައި ދެން ތިބި އެންމެނަށް ފޮރުވައިގެން އުޅުނީ އޮފީސް ގޮސިޕްގައި ކަތިލެވެން ބޭނުންނުވީމަ އާއި ލޯބީގެ ޑްރާމާ އޮފީހުގެ އެންމެނަށް ދައްކަން ބޭނުންނުވީމަ ކަމަށެވެ.

ތަޖުރިބާކާރުން ވެސް ބުނަނީ އޮފީސްތެރެއިން ދެ މުވައްޒަފެއްގެ ހިތް އެކަކު އަނެކަކަށް ބަންޑުންވެއްޖެ ނަމަ އެންމެ ބުއްދިވެރި ގޮތަކީ އެ ވާހަކައެއް ދެ މީހުންގެ ދެމެދުގައި ބޭއްވުމެވެ. އަދި ވަގުތު ދިނުމަށް ފަހު އެންމެ ރަނގަޅު ވަގުތު ހޯދައިގެން ދެ މީހުންގެ ލޯބި އޮފީހަށް އިއުލާނުކުރުމެވެ.

ނަމަވެސް ދެ މީހުން ލޯބީގެ ގޮތުން އުޅުނު ނަމަ އޮފީހުގެ މަސައްކަތަށް އޭގެ އެއްވެސް ބުރައެއް ނުވަތަ އޮފީހުގެ މާހައުލަށް އޭގެ ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭން ޖެހޭނެ އެވެ. ވަކިން ހާއްސަކޮށް ދެ މީހުން ވެސް މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މައްސަލައަކަށް ވެދާނެތަ؟

ރަނގަޅު ވާހަކައެކެވެ. މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެސް ވެދާނެ ކަމެކެވެ. ވަކިން ހާއްސަކޮށް އޮފީހެއްގައި އުޅޭ ދެ މީހަކު ފާޅުކަން ބޮޑުގޮތެއްގައި ލޯބިކުރަންވެއްޖެ ނަމަ އެ ދެމީހަކަށް ދިމާނުވާނެ މައްސަލަތަކެއް އަދި އެ ދެ މީހަކާ ގުޅުވައިގެން އޮފީހުގެ އެހެން މުވައްޒަފުން ނުދައްކާނެ ވާހަކައެއް ވެސް ނޯންނާނެ އެވެ.

ވަކިން ހާއްސަކޮށް އޮފީސް ތެރެއިން ލޯބިވެގަނެގެން މި އުޅޭ ދެ މީހުންގެ ތެރެއިން އެކަކަކީ އޮފީހުގެ އިސް ބޭފުޅަކަށްވާ ނަމަ ނުކުންނަ މައްސަލަ އަދި މާ ބޮޑުވާނެ އެވެ. ދެ މީހުންގެ އެ ލޯތްބަކީ ސާފުސީދާ ދެ ހިތް އެކައްޗަކަށް ހަދައިދޭ ފެންވަރުގެ ތެދުވެރި ލޯތްބަކަށްވިޔަސް ގާނޫނީ ގޮތުން އެ ދެ މީހުންނާ މެދު ފިޔަވަޅު އެޅޭ ހިސާބަށް ވެސް މި މައްސަލައެއް ގޮސްދާނެ އެވެ.

މީގެ އިތުރުން އޮފީހުން އަޅާ އާދައިގެ ފިޔަވަޅަކުން ވެސް ނިކަން ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ތިޔަ ދެ ލޯބިވެރިން ވެއްޓިދާނެ އެވެ. މިސާލަކަށް ދެ މީހުން ދެ ޑިޕާޓްމަންޓަކަށް ބަދަލުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ނަމަ އެ ޖެހުނީ ހަ ކަންތަކާ އެވެ.

އޮފީސް ލޯބި ވަޒީފާގެ މާހައުލުގައި ނަގަން ޖެހޭ އެންމެ ބޮޑު ރިސްކަކަށް ބަދަލުކޮށްލާ ހިސާބަކީ ވެސް މިއީ އެވެ. މި ލޯތްބެއްގައި ޖެހިގެން އިންސާނެއްގެ ނިކަން ކާމިޔާބު ކެރިއަރު ވެސް ހަމަ އެއްކޮށް ފުނޑިހިނގައިދާނެ އެވެ.

އަނެއްކޮޅުން އޮފީސް ތެރެއިން ފެށި ލޯތްބަށް ބަދުނަސީބު ނިމުމެއް އަތުވެއްޖެ ނަމަ ދެން ދައްކާނީ ވެސް ކޮން މޫނެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު އެކްސް ގާލްފްރެންޑް ނުވަތަ އެކްސް ބޯއިފްރެންޑާ އެކު އެއް އޮފީހެއްގައި މަސައްކަތްކުރުން ފަހޭސަކަމަކަށް ވާނެހެނެއް ހީއެއް ނުވެ އެވެ.

އަނެއްކޮޅުން އޮފީހުގެ ބޮސްއާ ހިތާވެގެން އުޅުނު އަންހެން ކުއްޖާ އަށް ބޮސްގެ ހިތުން އެ މަގާމު ގެއްލިގެން ބޮސްއާ ދެކޮޅަށް އޭނާ ޖިންސީ ފުރައްސާރައެއްގެ ދައުވާކޮށްފި ނަމަ އެހިސާބުން ބޮސްގެ ކެރިއަރު ވެސް ނިމުމަކަށް އައީ ނޫންތޯ އެވެ؟

އެހެންވީމަ އޮފީސް ލޯތްބަށް ފުންމާލަން އުޅޭ ނަމަ ނިކަން ރަނގަޅަށް ލައިފް ޖެކެޓް އަޅުއްވައިގެން، ބިސްމި ވެސް ކިޔުމަށް ފަހު ފުރާނަ އަތްމައްޗަށް ލައިގެން ނޫން ގޮތަކަށް އޭގެ ތެރެއަށް ފުއްމާނުލައްޗެވެ.