ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުން އަމިއްލަ އެކި ފަރާތްތަކަށް ނުދައްކާ ނުވަ ބިލިއަން ރުފިޔާ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެން ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ނުދީ ހުރި ނުވަ ބިލިއަން ރުފިޔާ އަކީ ނިމިދިޔަ ސަރުކާރު ނިމުނުއިރު ނުދައްކާ ހުރި ފައިސާ ކަމަށެވެ.
"އެ ފައިސާތައް ދެއްކުމުގެ މަސައްކަތް ފަށައިގެން މި ތިން މަހު މި ދިޔައީ،" ރައީސް ވިދާޅުވި އެވެ.
އަމިއްލަ ފަރާތްތަކަށް ސަރުކާރުން ނުދީ ހުރި ފައިސާގެ އަދަދެއް ރައީސް ފެންމަތިކުރައްވާފައި މިވަނީ މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަތުމަށްފަހު ފައިސާ ނުދޭތާ އެތައް މަހެއް ވެއްޖެނަމަ ކަމަށް ބުނެ ގއ. ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަމުން ދަނިކޮށެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނިވެސް ހުރީ 120 ބިލިއަން ރުފިޔާގައި ކަމަށެވެ. އެކަމަކު ބައެއް ސިޔާސީ ބޭފުޅުން ވާހަކަދައްކަވާއިރު ދަރަނިވެސް އުފެއްދީ މިސަރުކާރުން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދެވޭނީ އިގްތިސާދުގައި ބުންވަރު ހުރެގެން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދު އޮތީ އަދަވަޅަކަށް ވައްޓާލާފައިވާތީ ސަރުކާރަށް އެކަމުން ބޮޑެތި ދަތިތައް އެބަހުރި ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމާއި، ދަރަނި ދެއްކުމާއި އަދި އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަނީ ފައިސާ ޗާޕް ކުރުން ހުއްޓާލައިގެން ކަމަށެވެ. ފައިސާ ޗާޕް ކުރާނަމަ އަމިއްލަ ފަރާތްތަކަށް ނުދީ ހުރި ފައިސާ ދިނުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށާއި ނަމަވެސް އެގޮތަށް އަމަލުކޮށްފިނަމަ ރާއްޖޭގެ އިގްތިސާދު އަނެއްކާވެސް ސަލާމަތް ނުވެވޭވަރުގެ އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވެ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕް ކުރުން ވާނީ ހުއްޓާލާފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދަރަނި ދެއްކުމަށް ހާއްސަކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި އެތައް މިލިއަން ޑޮލަރެއް ހުއްޓައި ނިމިދިޔަ ސަރުކާރުން ވަނީ އެ ފައިސާވެސް މާރުކޮށްފަ އެވެ. ނަމަވެސް މިސަރުކާރުން އަލުން އެ ފަންޑަށް ޑޮލަރު ޖަމާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވާ ވަރަކުން ރައްޔިތުން ބޭނުންވާ ކަންކަން އަދި ވަކިން ހާއްސަކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް ފުއްދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.