އަހުމަދު ޒުހޫރު

އެޗްޑީސީގެ ޗެއާމަނަކަށް ޒުހޫރު ހަމަޖައްސައިފި

އެޗްޑީސީގެ ޗެއާމަނަކަށް ކުރީގެ ވަޒީރު އަހްމަދު ޒުހޫރު ހަމަޖައްސައިފި އެވެ.

ޒުހޫރު މަގާމަށް ހަމަޖައްސާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ޔަގީންކޮށްދީފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ކުރު މުއްދަތެއްގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި އަދި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރައްވާފަ އެވެ. މީގެއިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރުކަމާއި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ފަޒުލް ރަޝީދު އެވެ.