ވާހަކަ

މިލްކުވާނެބާ

(18 ފެބްރުއަރީ 2024 އާ ގުޅޭ )

ފަޅާކޮޓަރިއަށް ވެއްދުމަށް ޓަކައި ދަމާ އެނދުގައި ސޫޒަން ބާއްވާފައި އޮތެވެ. އެންމެ ފަހުވަގުތާއި ހަމައަށް ސޫޒަން ކައިރިން ދުރަށް ނުގޮސް އިޒީކިއަލް ހުއްޓެވެ. އިސް ނަރުސްކުއްޖަކު ނުކުމެ ސޫޒަން އެތެރެއަށް ވައްދަންވީ ކަމުގައި ބުނުމުން އިޒީކިއަލް އިހުނަށްވުރެ ސޫޒަންއާ ގާތްވެލި އެވެ.

"ރިލެކްސް. ސޫޒީއަށް ހޭލެވޭއިރު ހުރިހާކަމެއް ވެސް ރަނގަޅުވާނެ. އައި ލަވް ޔޫ." ސޫޒަންގެ ނިތުގައި އިޒީކިއަލް ބޮސްދިނެވެ.

"ވެއިޓް ފޯ މީ އިޒީކިއަލް." ސޫޒަންގެ އެނދު އެތެރެއަށް ވައްދަން ފެށި ހިނދު އޭނާ ބުނެލި އެވެ.

ފަޅާކޮޓަރިއާ ދުރަށް ނުގޮސް އިޒީކިއަލް ހުއްޓެވެ. އިންތިޒާރުގެ ވަގުތު ދިގުވެފައި ވެއެވެ. ގޮނޑިބަރީގައި އިރުކޮޅަކު އިނދެފައި އިޒީކިއަލް ތެދުވެ ދެކޮޅަށް ހިނގާލަ އެވެ. އަދި ފަޅާކޮޓަރި ކައިރީ ފާރުގައި ލެނގިލައިގެން ހުރެފައި ދެފައި ވާޅުމުން އަލުން އައިސް ގޮނޑިބަރީގައި އޭނާ އިށީނދެ އެވެ.

* * * * *

ނިދިފައި އޮތް މީހަކަށް އުނދަގުލެއް ވެގެން ހޭލެވޭ ފަދައިން މިޔާ މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލި އެވެ. އޭނާގެ ބަނޑުގައި ރިހުމެއް ހުރިކަމުގެ އިޙްސާސް ކުރެވެނީ އެވެ. އުނދަގޫވެގެން އުޅޭ މީހަކުހެން ކުކުރާލެވުމާއެކު ބަނޑުގައި އަތް ޖައްސާލި އެވެ. އެހިނދު އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނީ ލިބުނު ސިހުމެއްގެ ސަބަބުންނެވެ. އޭނާ އޮތީ އިޒީކިއަލް ހިފާފައި ހުރި އެޕާޓްމެންޓްގައި ހުންނަ އޭނާގެ ކޮޓަރީގަ އެވެ. ފެންނަ ފެނުމަށް ކަމެއް ބަދަލުނުވެޔޭ ހީވިޔަސް އެހެނެއްނުވި އެވެ. މިޔާ ތެދުވެލައި ހެޑްބޯޑުގައި ލެނގިލީ ބަނޑުގައި އަތް ޖައްސާލައިގެން އިނދެ އެވެ.

"ބަނޑު ހިނދުނީ ކިހިނެއް؟... އެހެންވީމަ އެއީ ފެނުނު ހުވަފެނެއް ނޫންތާ. ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އަހަރެންނަށް އިވުނުހެން ހީވީކީނޫން. ހަޤީޤަތަށް ވެސް އެ އަޑު އަހަރެންނަށް އިވުނުކަން މިހާރު ޔަގީން. ޑަކްޓަރ ޑޭވިޑް ބުނި މާބޮޑަށް ހުންގަދަވަންޏާ ފަހަރެއްގައި ބޭބީ ނަގަން ޖެހިދާނޭ. އޭގެ މާނައަކީ އެމީހުން ބޭބީ ނެގީއޭތަ!... އަހަރެންގެ ބޭބީ... އިޒީކިއަލް ކޮބާބާ؟. އަހަރެމެންގެ ދަރިފުޅު ކައިރީތަ؟. އަހަރެން ވެސް ބޭނުން ބޭބީ އާ ބައްދަލުކުރަން. އެ މޫނުކޮޅު ބަލާލަން. ވައްތަރީ އަހަރެންނާތޯ ނޫނީ އިޒީކިއަލްއާތޯ ދުށުމަށް. ރަނގަޅީ އިޒީކިއަލްއާ ވައްތަރުވެއްޖެއްޔާ... އެކަމަކު... ކީއްވެބާ މި ރޫމްގައި އަހަރެންނާއެކީ ބޭބީ ނުބޭއްވީ... މީހަކު އަންނާނެނަމަ. އޭރުން ބޭބީ ކައިރިޔަށް ގެންގޮސްދޭން ބުނާނަން. އިޒީކިއަލްއަށް ގޮވައިދޭން ބުނެވޭނީ ވެސް އޭރުން." މިޔާގެ ހިތަށް އަރަމުން ދިޔަ އެވެ.

ކޮޓަރީގެ ދޮރު ހުޅުވާލައި އެތެރެއަށް ވަންތަން ފެނުނީ މިޔާގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެ ހުންނަ މެއިޑެވެ. އޭނާއަށް މިޔާ ފެނުމާއެކު ގޮވާލި އެވެ. އަވަސް އަވަހަށް އެނދު އަރިމަތީ ހުރި ފެންޖަގުން ފެންފޮދެއް ތަށްޓައް އަޅައި މިޔާއަށް ދިއްކޮށްލި އެވެ. ހިކިފައިވާ ދެ ތުންފަތާއި ކަރުތެރެ ތެތްމާލާފައި މިޔާ ބަލާލި އެވެ.

"އިޒީކިއަލް އެބައުޅޭތަ؟." މިޔާ އަހާލި އެވެ.

"އެއްޗެއް ކާލަންވީނު. މިވަގުތު އެންމެން ވެސް ވީ ބޭރުގައި. އިރުކޮޅަކުން އަންނާނެހެން ހީވަނީ." މެއިޑު ކުއްޖާ ބުންޏެވެ.

"ބޭބީ ދުށީންތަ؟." މެއިޑަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މިޔާ އަހާލި އެވެ.

"އަންނާނަން ކާއެއްޗެހި ރެޑީކޮށްލައިގެން." މެއިޑު ކުއްޖާ މިހެންބުނެ ނިކަން އަވަހަށް އެ ކޮޓަރިން ނުކުތެވެ.

މިޔާ މަޑުމަޑުން އެނދުން ފޭބި އެވެ. ދަރިފުޅު ނަގަން ބަނޑުގައި ކަފާލާފައި ހުރި ތަނުގައި ހުރީ ބޭސްގަނޑެއް އަޅާފަ އެވެ. އެނދު އަރިމަތީ އޭނާ އިށީނދެލައިގެން އިނީ ވިސްނާށެވެ. އިޒީކިއަލްއާއި ދަރިފުޅާ ބައްދަލު ކުރާން ކެތްމަދުވެފަ އެވެ. ދަރިފުޅު ލިބުމުން އިޒީކިއަލްގެ މޫނުން ފާޅުވަނީ ކޮންކަހަލަ އަސަރެއްތޯ ދެނެގަންނަން މިޔާ ބޭނުންވަނީ އެވެ. ދަރިފުޅާއެކު އިޒީކިއަލްގެ ހިތުން އޭނާއަށް ޚާއްޞަ ޖާގައެއް ދެވުނުތޯ ޔަގީން ކުރާށެވެ. އެ ދެމެދުގައިވީ ގުޅުން ދަރިފުޅު އުފަންވުމާއެކު ގާތްކޮށްދީފިތޯ ގައިމު ކުރާށެވެ.

"އެ ލޯބިލޯބި ފުށްކޮޅު އުރާލަން ލިބޭނީ ކޮންއިރަކުން. ބައްޕަ ހުރިނަމަ ދޯ. މިހާ އަވަހަށް ބައްޕަ ކާފައަކަށް ވެދާނޭ ހިތަށް ވެސް ނާރާނޭކަން ޔަގީން... އެހެންވިޔަސް ބައްޕަ އަހަރެންގެ ހުރިހާ ކަމެއް ބަލައިގަންނާނީ ލޯބިންކަން އެނގޭ. އަހަރެން ދެކެ ވާ ލޯބި އަހަރެންނަށް ލިބޭ ދަރީންދެކެ ވެސް ވާނެކަން ޔަގީން. އަޅެ އަވަހަށް އިޒީކިއަލް އަންނާނެނަމަ... އަހަރެންގެ ދަރިފުޅު ކައިރިޔަށް ދާން ބޭނުން. އެކުއްޖާ ކޮބާތަ؟... އަހަރެންގެ ފޯނު..." މިޔާއަށް ކެތްކުރާން ދަތިވަނީ އެވެ. އޭނާ ތެދުވެ މަޑުމަޑުން ހިނގައިގަތީ ފޯނު ހޯދާށެވެ. ކޮޓަރި ތެރެއިން ފޯނު ނުފެނުމުން ހައިރާން ވެސް ވިއެވެ. ބަނޑުގައި ހިފަހައްޓާލައިގެން ހުރެ ކޮޓަރިން ނުކުންނަން މިޔާ އައެވެ. މެއިޑު ކުއްޖާ އެނބުރި އައީ އެވަގުތެވެ.

"ކައިގެން ތެދުވަން މަޑުކޮށްލިނަމަ." ކާއެއްޗެހި އަޅާފައި ހުރި ތަބަށް ހިފައިގެން ހުރެ މެއިޑު ކުއްޖާ އިނގިރޭސިން ވާހަކަދެއްކި އެވެ. މިޔާ އެނބުރި އައިސް އެނދުގައި އިށީނެވެ.

"އަހަރެންގެ ފޯނު ކޮބާ؟." މިޔާ އަހާލި އެވެ. އެއާއެކު މެއިޑު ކުއްޖާ ތަބަށް އެއްފަރާތުގައި ބަހައްޓާލާފައި ގޮސް އަލަމާރި ހުޅުވާލި އެވެ. އަދި އަލަމާރީގެ ވަތްގަނޑެއްގެ ތެރެއިން މިޔާގެ ފޯނު ނަގައިގެން ގެނެސްދިނެވެ. ހޮސްޕިޓަލަށް މިޔާ ގެންދިއުމުން އަލަމާރީއަށް ފޯނު ލީ އޭނާކަން މެއިޑު ކުއްޖާ އަމިއްލައަށް ބުނެލި އެވެ.

"ގަޑިން ކިހާއިރެއް؟." ނިވިފައި އޮތް ފޯނު ހުޅުވެންދެން އިސްކުރީނަށް ބަލަން އިނދެ މިޔާ އަހާލި އެވެ.

"މެންދުރުވެއްޖެ. އެއްގަޑި ތޭވީސް." މެއިޑު ބުންޏެވެ. އަދި ކާތަބަކުގައި ހުރި ސޫޕް ތަށި ނަގައި މިޔާއަށް ދިއްކޮށްލަ ދިނެވެ.

"އެހާ ހޫނެއްނުވާނެ. ބޮވޭވަރުވާނެ." ބޯތަށީގައި މިޔާ ހިފާލަން އުޅުމުން މެއިޑު ބުންޏެވެ.

"އިޒީކިއަލްއާއެކީތަ ހިލްމީ ވެސް ދިޔައީ؟. އެނގޭތަ އެމީހުން ދިޔައީ ކޮންތާކަށްކަން." މިޔާ އަހާލި އެވެ. ދަރިފުޅާއި ފިރިމީހާއާ ބައްދަލު ކުރާން ބޭނުންވެފައި ހުރިވަރުން މިޔާގެ ހުރިހާ ހިތާމަތަކެއް ފިލާފައިވާ ކަހަލަ އެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި ވޭން ވެސް ކުޑަވެފައިވާ ކަހަލަ އެވެ. ދަރިފުޅުގެ ޚިޔާލާއެކީ ތަފާތު އުފާވެރިކަމެއް މިޔާގެ ހިތަށް ވެރިވެގެން ދެ އެވެ.

"ނޭނގެ." މެއިޑުގެ ޖަވާބު ކުރެވެ.

މިޔާ ސޫޕު ތަށިން ރަހަ ބަލާލި އެވެ. ދަރިފުޅާ ބައްދަލުވާން ވާއިރަށް ހަށިގަނޑުގައި ވަރުޖެހެން އޭނާ ބޭނުމެވެ. ދެވަނަ ސަމްސަލެއް އަނގަޔަށް ލާން މިޔާ އުޅެނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ތަށީތެރެއަށް ސަމްސާ ދޫކޮށްލާފައި މިޔާ ސަމާލު ވެލީ ކޮޓަރިއަށް ވަންނަނީ ކާކުތޯ ބެލުމަށެވެ. ހިތްމަރުވާ ގޮތްވީ ހިލްމީ ވަންތަން ފެނިފަ އެވެ.

"ކޮބާ އިޒީކިއަލް؟. ބޭބީ ގޮވައިގެން އަންނަނީ ކޮންއިރަކުން؟." މިޔާ ވަގުތުން ސުވާލު ކުރި އެވެ. އެއާއެކު މައިޑު ކުއްޖާއާއި ހިލްމީއާ ދެމެދު ހިމޭން ކަމުގެ މާނަވީ ބަލާލުމެއް ބަދަލުކޮށްލެވުނެވެ. މިޔާއަށް ސާފުކޮށް އެ އިޝާރާތް ފާހަގަވި އެވެ.

"ކިހިނެއްވީ؟." މިޔާއަށް އަހާލެވުނެވެ. އެހިނދު މިޔާއާ ގާތަށް ޖެހިލީ ހިލްމީ އެވެ.

"މިޔާ... ބޭބީ ނެގި އިރު ވެސް އޮތީ މަރުވެފައި." ހިލްމީ ބުންޏެވެ.

އެނދުގެ އަރިމަތީ ސޫޕުތަށި އަތަށް ލައިގެން އިން މިޔާއަށް ލިބުނު ސިހުމުގައި އަތުން ތަށި ދޫވެއްޖެ އެވެ. ތަޅުންމަތީ ޖެހުނު ގޮތަށް ބޯތަށި ތަޅައިގެން ގޮސް ސޫޕުތައް ބަންޑުންވީ އެވެ. ނަމަވެސް މިޔާގެ ނަޒަރު ހުއްޓިފައި ހުރީ ހިލްމީ އަށެވެ. އޭނާގެ ދެ އަތުގައި ވެސް ތުރުތުރެއް އުފެދިއްޖެ އެވެ. އެއްވެސް އިޚްތިޔާރެއްނެތް ފަދައަކުން އޭނާގެ ދެ ލޯ ކަރުނުން ބަރާވާން ފެށި އެވެ.

"މަ... މަރު... ނޫން." މިޔާގެ ދުލުން ދަރިފުޅު މަރުވިއްޔޭ ބުނާން ވެސް އޭނާ ބޭނުމެއް ނުވި އެވެ. ޤަބޫލެއް ނުކުރާނަމޭ ބުނާ ފަދައިން މިޔާ ބޯހޫރަންފެށި އެވެ. ދެ ކޯތާފަތް ތެމި އޭނާއަށް ރޮވިއްޖެ އެވެ.

"ޑަކްޓަރުން މަސައްކަތް ކުރި. ޕުއްޕު ކެވިފައި ހުރިކަމަށް ވަނީ. ވިއްސަން މަސައްކަތްކޮށް ނުވިހީމާ ފަޅާފައި ނެގީ. ނެގި އިރު ވެސް ބޭބީގެ ހަރަކާތެއްނެތް. މިޔާ ވެސް އެހާ ހުންގަދަވެފައި އޮތީ." ހިލްމީ އޮޅުންފިލުވައިދޭން މަސައްކަތް ކުރި އެވެ.

"ނޫން. ނުވާނެ އެހެނެއް... ތީ ދޮގެއް. ކޮބާ އިޒީކިއަލް. އަހަރެމެންގެ ދަރިފުޅު މަރެއްނުވޭ. އެކުއްޖާގެ ރުއިމުގެ އަޑު އަހަރެން އެހީމޭ... އެއީ އަހަރެންނަށް ހީވި ހީވުމެއްނޫން. ބޭބީ ރޯ އަޑު އަހަރެންނަށް އިވުނު." ހިތްހަލާކުވެފައިވާ މީހަކު ފަދައިން ރޮމުން މިޔާ ވާހަކަދެއްކި އެވެ. އަދި މޮޔައަކު ފަދައިން ދަރިފުޅު ހޯދަން ދާން މިޔާ އެނދުން ފޭބި ހިނދު ފައިތިލަ އެޅުނީ ތަޅައިގެން ގޮސްފައިވާ ބޯތަށީގެ ބަޔަކަށެވެ. މެއިޑު ކުއްޖާއަށް އެމަންޒަރު ފެނި ސަމާލުވާން ހަޅޭލަވައި ގަނެވުނެވެ. ކަނޑައިގެން ގޮސް ފައިތިލައިން ލޭ އަންނަން ފެށިއިރު އެކަން މިޔާއަށް ބޮޑު ކަމަކަށް ނުވި އެވެ. މެއިޑު ކުއްޖާ އަވަސް އަވަހަށް މިޔާ ހިފަހައްޓަން މަސައްކަތް ކުރި އެވެ.

"މިޔާ. ކެތްތެރިވޭ." ހިލްމީ ބުންޏެވެ.

"ހެޔޮނުވާނެ. އަހަރެންގެ ދަރިފުޅުގެ ކައިރިޔަށް ގެންދޭ." ދެއަތް ޖޯޑުކޮށް އާދޭސް ކުރާ ހާލު މިޔާ ބުނެލި އެވެ. އޭރު އޭނާއަށް ގިސްލާ ރޮވެނީ އެވެ. ހިލްމީ އެއްޗެކޭ ނުބުނުމުން މެއިޑު ކުއްޖާގެ އަތް ފޮޅުވާލާފައި މިޔާ ދުއްވައިގަތީ ކޮޓަރިން ބޭރަށެވެ. އަޑުގެ ކޮޅަށް އިޒީކިއަލްއަށް މިޔާ ގޮވި އެވެ.

ސިޓިންރޫމު ތެރެއަށް މިޔާ ވެއްޓުނެވެ. އޭނާގެ ގާތަށް ހިލްމީ އައެވެ. މިޔާގެ ދެ ކޮނޑުގައި ހިފައި ކޮޅަށް ނެގި އެވެ. މަޑުމަޑުން އޯގާތެރިކަމާއެކު ގެނެސް ސޯފާގައި މިޔާ ބޭންދި އެވެ.

"އަހަރެންގެ ދަރިފުޅު ދީ. އެކުއްޖާ މަރެއްނުވޭ. ޕްލީޒް... އަހަރެންގެ ދަރިފުޅު އަހަރެންނަށް ގެނެސްދީ." ދެ އަތް ޖޯޑުކޮށް އަނެއްކާ ވެސް މިޔާ އާދޭސްކުރި އެވެ. ހިތްކުދިކުދީ ވަމުންދިޔަ މިޔާ މޫނުގައި ދެ އަތް އަޅައި ބާރަށް ރޮމުން ދިޔަ އެވެ.

"މިޔާ. މިބުނާ އެއްޗެއް ޤަބޫލުކޮށްބަލަ. ތި ދެ މީހުންގެ ދަރިފުޅު މަރުވެއްޖެޔޭ މިބުނީ. އެނގޭ ޤަބޫލުކުރަން ފަސޭހައެއް ނުވާނެކަން. އެކަމަކު މަރަކީ ބަދަލު ކުރެވޭނޭ ކަމެއްނޫން." ހިލްމީ މަޑުމައިތިރިކަމާއެކު ވާހަކަދެއްކި އެވެ.

"އެކަމަކު... އެކަމަކު.... ހިލްމީ... އެ ދަރިފުޅު އެއްފަހަރު ވިޔަސް ބަލާލަން ބޭނުން. އަހަރެން ދަރިފުޅުގެ ކައިރިޔަށް ގެންގޮސްދީބަލަ. ޕްލީޒް. ބޭބީގެ މޫނު ދައްކާލަދީބަލަ." ރޮމުންރޮމުން މިޔާ އެދުނެވެ. އެއާއެކު ހިލްމީ ބޭރުކޮށްލީ މާޔޫސްކަމުގެ ނޭވާއެކެވެ. އަދި މަޑުމަޑުން އޭނާ ދެފަރާތައް ބޯހޫރާލާފައި ވާހަކަދެއްކި އެވެ.

"ކުއްޖާ ވަޅުލައިފި. މަރުވެފައި އޮތުމުން އެކަން ލަސްކުރަން އިޒީކިއަލް ބޭނުންނުވީ." ހިލްމީ އިސްޖަހާލައިގެން އިނދެ ބުންޏެވެ.

"ކީކޭ!... އަހަރެންނަށް އެ ދަރިފުޅު ދައްކާ ވެސް ނުލާތަ؟. އެއީ މިހާ ދުވަހު އަހަރެންގެ ބަނޑުގައި އޮތް އަހަރެންގެ ހަށިގަނޑުގެ އެއްބައި. އަހަރެންނަށް އެ ކުއްޖާ ދައްކާލުން ވެސް މުހިންމު ނުވީތަ؟. އިޒީކިއަލް ކޮބާތަ؟. ކީއްވެތަ އޭނާ ތި ހުރިހާ ވާހަކައެއް ކިޔައިދޭން ނައީ؟. މިވަގުތު އަނބިމީހާ ގާތުގައި ހުންނަން ޖެހޭނީ ފިރިމީހާއެއް ނޫންތަ؟. ވަކިވެގެން އެ ދިޔައީ އަހަރެމެން ދެ މީހުން ވެސް އިންތިޒާރު ކުރަމުން އައީ ފުރާނައެއް... އެއީ އަހަރެމެން ދެ މީހުންގެ ވެސް ދަރިއެއް." މިޔާއަށް ޝަކުވާ ކުރެވުނެވެ.

ހިލްމީގެ ހިމޭންކަން ބުނެދިނީ މިޔާ ރޮއެ އާދޭސް ކުރި ކަމުގައި ވިޔަސް އޭނާ އެދޭ ކަންކަން ކޮށްދިނުމުގެ ބާރު ހިލްމީއަށް ލިބިފައި ނުވާ ކަމެވެ. މެއިޑު ކުއްޖާ އައިސް މިޔާގެ ފައިތިލަ ސާފުކޮށްދޭން ފެށި އެވެ. ދެ ލޮލުން ފައިބަމުންދާ ކަރުނަތައް މިއަދު ނުހުއްޓޭނޭކަން އެނގޭތީ އެ ކަރުނަތައް ފުހޭކަށް މިޔާ މަސައްކަތެއް ނުކުރެ އެވެ.

"މިޔާ. ރަނގަޅުވެލީމާ މާލެ ދާން ފުރަންވީ." ހިލްމީ ބުންޏެވެ.

"އިޒީކިއަލް." މިޔާއަށް ކިޔާލެވުނެވެ. ހަޤީޤަތުގައި ވެސް މިވަގުތު އޭނާ އިނީ ފިރިމީހާގެ އަޅާލުމާއި ލޯބި ބޭނުންވެފަ އެވެ. ފިރިމީހާގެ އޯގާތެރިކަން މި ދަތި ހާލަތުގައި ފަރުވާއެއް ކަމުގައި ވާނެތީ އެވެ.

"މާލޭން ބައްދަލުވާނެ." ހިލްމީ ބުންޏެވެ.

(ނުނިމޭ)