ވާހަކަ

މިލްކުވާނެބާ

(21 ފެބްރުއަރީ 2024 އާ ގުޅޭ )

"މިޔާ. ރަނގަޅުވެލީމާ މާލެ ދާން ފުރަންވީ." ހިލްމީ ބުންޏެވެ.

"އިޒީކިއަލް." މިޔާއަށް ކިޔާލެވުނެވެ. ހަޤީޤަތުގައި ވެސް މިވަގުތު އޭނާ އިނީ ފިރިމީހާގެ އަޅާލުމާއި ލޯބި ބޭނުންވެފަ އެވެ. ފިރިމީހާގެ އޯގާތެރިކަން މި ދަތި ހާލަތުގައި ފަރުވާއެއް ކަމުގައި ވާނެތީ އެވެ.

"މާލޭން ބައްދަލުވާނެ." ހިލްމީ ބުންޏެވެ.

* * * * *

ބެލްކަނީގައި މަޑުކޮށްލައިގެން ހުރި އިޒީކިއަލްގެ ނަޒަރު ވަނީ ދުރަށް ހުއްޓާލެވިފަ އެވެ. ކޮންމެވެސް ޚިޔާލެއްގައި އޭނާ ހުރި ފަދަ އެވެ. ކުއްލިއަކަށް ފަޓުލޫނ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށި އެވެ. އެއް އަތުގައި އޮތް ފޮޓޯގަނޑު ބެލްކަނީގެ ފާރުބުރި މަތީ ބަހައްޓާފައިވާ އަޅިކެނޑިއަށް ލުމަށްފަހު އިޒީކިއަލް ޖީބުން ފޯނު ނެގި އެވެ. ފޯނުގެ އިސްކުރީނަށް އަރާފައި އޮތީ ހިލްމީގެ ނަމެވެ. އަނެއް އަތުގައި އޮތް އެއްބައި ބޮއެފައިވާ ސިނގިރޭޓު އިޒީކިއަލް ހުލިކޮށްލީ އަޅިކެނޑިއަށް ލީ މިޔާގެ ފޮޓޯގަނޑަށެވެ. ވަގުތުން ފޮޓޯގަނޑު އަނދައިގަނެ ބާގަނޑެއް ހެދެން ގިނައިރެއް ނުނެގި އެވެ. އެކަމަށް ފަރުވާލެއް ނުދީ އިޒީކިއަލް އެނބުރިލީ ހިލްމީއާ ބައްދަލު ކުރާން ދާށެވެ.

"ކިހިނެއް ދިޔައީ؟." ސިޓިންރޫމުގައި މަޑުކޮށްލައިގެން ހުރި ހިލްމީއާ އިޒީކިއަލް ސުވާލުކޮށްލި އެވެ.

"މިޔާ ކައިރީ ބުނިން. ވަރަށް ރުއި. ސަރ އާ ބައްދަލު ކުރާން ބޭނުންވެފައި ހުރީ. އަޅުގަނޑު ބުނިން މާލެން ބައްދަލުވާނޭ." ހިލްމީ ބުންޏެވެ.

"ހުރިހާ ކަމެއް ނިމެންދެން މާލެއިން ވަގުތީ ތަނެއް ނަގައި އެތަނުގައި އޭނާ ބަހެއްޓުމުގެ އިންތިޒާމު ހަމަޖައްސާ. އަހަރެން ދޭނަން ޗެކެއް. ކޯޓު މަރުހަލާ ނިމުމުން އޭނާގެ އެކައުންޓަށް އެ ޗެކު ޖަމާކޮށްދީ. ދެން ބުނަން... އޭނާގެ އެއްވެސް ކަމެއް އަހަރެންނާ ހަމައަށް އަޔަ ދީގެން ނުވާނެ. އޭނާއާ ޑީލް ކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ހުރީ ކޮންތާކުކަން އަދި އަހަރެން ކުރަން އުޅޭ ކަމެއް... އަހަރެންނާ ބެހޭ އެއްވެސް ކަމެއް މިޔާއަށް ނާންގާތި. އިތުރަށް އޭނާގެ ބޭނުމެއް އަހަރެންނަކަށް ނެތް... ސާފުވެއްޖެ." އިޒީކިއަލް ބުންޏެވެ.

"ލައްބަ." ހިލްމީ ބޯޖަހާލަމުން ބުންޏެވެ.

"ސޫޒީއަށް ވާގޮތެއް ބަލަން އަދި ދުވަސްކޮޅަކު މިކޮޅުގައި މަޑުކުރަން ޖެހޭ. އެހެންވީމަ މާލޭ ކޮޅުން ކަންކަން ވާގޮތް އަހަރެންނަށް ބަރާބަރަށް އަންގަމުން ދާތި. ކޯޓަށް ދާން ޖެހޭ ދުވަސް އެނގުމުން އަހަރެން އެ ދުވަހަށް މާލެ ދާނަން. މިޔާގެ ކަންކަން ނިމެންދެން ހިލްމީ އޭނާގެ ކައިރީ ހުންނާތި. މިދުވަސްކޮޅު ތެރޭ އޭނާ އަމިއްލަ ނަފްސަށް ގެއްލުމެއްދޭން އުޅޭތޯ ބަލާތި. އޭނާގެ ކޮންމެ ހަރަކާތަކަށް ސަމާލުވާތި. އިތުރު ބޮލުގައި ރިހުމެއް އަހަރެންނަށް ލިބުނަ ނުދޭތި." އިޒީކިއަލް އިތުރު އިރުޝާދު ހިލްމީއަށް ދިނެވެ.

"ލައްބަ." ހިލްމީ ކިޔަމަންތެރިކަމާއެކު ބުނެލި އެވެ.

"ދެން ދިޔަޔަސް އެންމެ ރަނގަޅު. ކަމެއް ޖެހިއްޖެއްޔާ މިކޮޅަށް އައުމުގެ ބަދަލުގައި އަހަރެންނަށް ގުޅާފައި ކިޔާދީ." ފަހު ކަމަކަށް އިޒީކިއަލް އިއްވާލި އެވެ.

ހިލްމީ ދާން ހިނގައިގަތުމުން އިޒީކިއަލް އައިސް ވަނީ އެޕާޓްމެންޓުގައި ހުސްކޮށް ހުރި ކޮޓަރިއަށެވެ. އެއީ ސޫޒަން ފުރަން ޑަކްޓަރުން ހުއްދަ ދިނުމާ ހަމައަށް އޭގެ ދެ މީހުން ދިރިއުޅޭން ކުއްޔަށް ހިފާފައި ހުރި ތަނެވެ. ސޫޒަންގެ ހާލަތު ރަނގަޅުވެލަން ދެން އިޒީކިއަލްއަށް ވަނީ ދެ މީހުން ދުރުގައި އުޅޭން މަޖުބޫރުވެފަ އެވެ. ފާޚާނާއަށް ވަދެ އަތާއި އަނގައިން ސިނގިރޭޓުގެ ވަސް ފުހެލައި މޫނު ދޮވެލައިގެން އިޒީކިއަލް ނުކުތެވެ. އަދި އޭނާ ކޮޓަރިން ނުކުމެ ކުރިމަތީ ހުރި ކޮޓަރިއަށް ވަނެވެ. އެ ކޮޓަރިއެކޭ ހޮސްޕިޓަލްގެ ޚާއްޞަ ބަލިމީހުން ބައިތިއްބުމަށް ހަދާފައިވާ ތަނެކޭ ތަފާތެއް ނެތެވެ. އެނދުގައި ސޫޒަން އޮތްއިރު އެނދުގެ ވަށައިގެން ވަނީ ދެފުށް ފެންނަ ފަދަ ރަބަރު ފަރުދާއެއް ދަމާފަ އެވެ. ސޫޒަންގެ ހާލު ބެލުމަށް ހުރިހާ ވަގުތެއްގައި ނަރުސް ކުއްޖަކު ބަހައްޓާފައި ހުރެ އެވެ. ދުވާލަކު އެއްފަހަރު ޑަކްޓަރ ޑޭވިޑްއާއެކު ސޫޒަންގެ "ސަރޖަރީ"ގައި ބައިވެރިވި އިސް ޑަކްޓަރު އެ ގެއަށް އާދެ އެވެ. އެ ހުރިހާ ކަމަށް ބޮޑު ޚަރަދެއް ހިނގި ނަމަވެސް އިޒީކިއަލްއަށް ފަރުވާލެއް ނެތެވެ.

"އިޒީކިއަލް." ކޮޓަރިއަށް ވަން އިޒީކިއަލް ފެނުމާއެކު ސޫޒަން ގޮވާލީ އުފާވެރި ހިނިތުންވުމަކާއެކު އެވެ.

"ހާއި ލަވް." ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން އިޒީކިއަލް އައިސް ރަބަރު ފަރުދާގެ އަނެއްފަރާތުގައި މަޑުކޮށްލި އެވެ. މިވަގުތަށް ސޫޒަންއާ އެންމެ ގާތުގައި ހުރެވޭނެ ހިސާބަކީ އެއީކަން ދެ މީހުންނަށް ވެސް ވިސްނެ އެވެ.

"ތި އަތުގެތެރޭ ވާނޭ އިރަކަށް ހާދަ އިންތިޒާރެއް އެބަކުރެވޭ." ސޫޒަން ބުނެލި އެވެ.

"އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހެއް ނެތެއްނު. ރަނގަޅުވާން ސޫޒީ މަސައްކަތް ކުރޭ. ފޯކަސް އޮން ހީލިންގް." އިޒީކިއަލް ބުނެލީ އޯގާތެރިކަމާއެކު އެވެ.

ކޮޓަރީގެ ތެރޭގައި ވަނީ ރުއިމާއި ގިސްލުމުގެ އަޑެވެ. ހުއްޓާލާނޭ ގޮތެއް މިޔާއަކަށް ނޭނގުނެވެ. ހިތާއި ސިކުނޑިއަށް ކުޅަދާނަ ނުވެގެން އުޅޭ މީހަކު ފަދައިން އޭނާ ރޮމުންރޮމުން ދެ ކޮޅަށް ހިނގަނީ އެވެ. އޭރު އެނދުމަތީގައި ފޮށި ހުޅުވާފައި އޮތެވެ. މިޔާގެ ބައެއް އެއްޗެހި އެނދުމަތީ ހުރިއިރު އެތަނުން އެއްބައި ވަނީ ފޮށްޓަށް އަޅާފަ އެވެ.

"އިޒިކް..." ހިތް ކުދިކުދި ވަމުން ދާ ފަދައަކުން މިޔާގެ ދުލުން ކިޔާލި އެވެ.

ދަރިފުޅު ލޮލަށް ނުފެނުނު އިރު އިޒީކިއަލް ވެސް އޭނާގެ ގާތަށް އެންމެ ފަހަރަކަށް ވެސް އައިސްފައެއް ނުވެ އެވެ. އޭނާ ނިއުޔޯކަށް އައީ އިޒީކިއަލްއާއެކު އެވެ. އެތައް އުންމީދަކާއި ހުވަފެންތަކެއް މިޔާގެ ލޮލުގައި ވިއެވެ. ނަމަވެސް މިއަދު އޭނާ އެނބުރި ދާން އެ އުޅެނީ ހުސް އަތާ އެވެ. އުނގުފަޅުފިލާ ދީ އިޒީކިއަލްގެ ދުރުކަން ގާތްކޮށްދޭނޭ ހީކުރެވުނު ދަރިފުޅު ދުނިޔެ ދޫކުރިއިރު އެ ދަރިފުޅުގެ މޫނު ވެސް ނުފެނުނު ބަދު ނަސީބު މަންމައެއް އޭނާ ނޫނީ ހުންނާނޭ ބާއޭ މިޔާގެ ހިތަށް އަރަ އެވެ. ފިރިމީހާ އިތުރަށް އޭނާއާ ދުރުވީ ސަބަބަކީ އެ ދަރިފުޅުގެ ވަކިވުންބާއޭ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް މިޔާ ވަރުބަލިވެއްޖެ އެވެ. އެއްގޮތަކަށް ވެސް އިޒީކިއަލްއަށް ވެގެން އުޅޭ ގޮތެއް މިޔާ ނުދެނަހުއްޓެވެ. އެނގޭނީ ވެސް ދެ މީހުން ބައްދަލުވެގެން ދެމެދުގައި ވާހަކައެއް ވެސް ދެއްކިގެންތާ އެވެ. އެ ފުރުޞަތު ވެސް އިޒީކިއަލް އޭނާއަށް ނުދިނީ އެވެ. އިޒީކިއަލްގެ ފޯނަށް ގުޅުނު އަދަދެއް މިޔާއަކަށް ނޭނގެ އެވެ. އެ ނަންބަރަކަށް ނުއެއް ގުޅެ އެވެ. އިޒީކިއަލްއާ ގުޅޭނޭ ގޮތެއް ހިލްމީ ކައިރިން މިޔާއަށް އޮޅުމެއް ނުފިލި އެވެ. އިންސާނެއްގެ ހިތަށް ރަޙުމަށް ވަންނާނޭ ވަރަށް ހިލްމީގެ ގާތުގައި މިޔާއަށް އާދޭސް ކުރެވިއްޖެ އެވެ.

ގަޑިއިރުތަކެއް ފާއިތުވެ ދިޔައިރު ވެސް މިޔާ ކޮޓަރިން ނުނިކުންނާތީ މެއިޑު ކުއްޖާއަށް ހިލްމީ ގޮވާލި އެވެ. މިޔާ ތައްޔާރު ވީތޯ ބަލާލުމަށް އޭނާ އެދުނެވެ. އެއާއެކު މެއިޑު ކުއްޖާ އައިސް މިޔާގެ ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލި އެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ދެ ފޮށި ހުރިއިރު މިޔާ އިނީ އެނދުގެ އަރިމަތީ ދޮރަށް ފުރަގަސްދީގެން އިށީނދެލައިގެންނެވެ.

"މިޔާ." މެއިޑު ކުއްޖާ ގޮވާލި އެވެ.

"ދާންވީތަ؟." ކުރެހިފައިވާ އަޑަކުން މިޔާ ބުނެލި އެވެ.

މެއިޑު ކުއްޖާ އެއްޗެއް ނުބުނި ކަމުގައި ވިޔަސް މިޔާ އެނދުން ތެދުވި އެވެ. މަޑުމަޑުން ދެ އަތުން ދެ ފޮށި ދަމަމުން މިޔާ ކޮޓަރިން ނުކުތެވެ. އޭނާގެ ދެ ލޯ އަވިއައިނަކުން ނިވާކޮށްލާފައި ހުއްޓެއްކަމަކު ކޯތާފަތާއި ނޭފަތްކޮޅަށް ވެރިފައިވާ ރަތްކަން މިޔާ ރޮއެފަކަން ހެކިދެ އެވެ. ކޮޓަރިން މިޔާ ނުކުތުމުން މެއިޑު ކުއްޖާ އޭނާގެ އަތުގައި ހިފާލި އެވެ.

"ގުޑްބައި. ހިތްވަރު ކުރާތި. އަމިއްލަ ނަފްސަށް ފަރުވާކުޑަ ނުކުރާތި. ބަލައިގެން އުޅޭތި." މެއިޑު ކުއްޖާ ބުނެލި އެވެ. އޭނާގެ ހިތްހެޔޮކަމާއި އޯގާތެރި ބަސްތަކުން މިޔާގެ ކޯތާފަތް ތެމިގެން ދިޔަ އެވެ. ނޭފަތް އެތެރެއަށް ދަމާލުމާއެކު މިޔާ ނިކަން އަވަހަށް ކޯތާފަތުން ކަރުނައިގެ އަސަރު ފުހެލައިފި އެވެ. އަދި އޭނާ ފޮށިތައް ހިފައިގެން ހިލްމީއާ ކުރިމަތިލީ އެވެ.

* * * * *

ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ އެރައިވަލް ގޭޓުން ހިލްމީއާއެކު މިޔާ ނުކުތެވެ. މާލެ އައުމަށް ހިލްމީ ޓެކްސީއެއް ނެގި އެވެ. މިޔާ ހީކޮށްގެން އިނީ އޭނާ ގޮވައިގެން ހިލްމީ ދާނީ ހުޅުމާލޭގައި ހުންނަ އިޒީކިއަލްގެ ޕެންޓްހައުސްއަށް ކަމަށެވެ. ނަމަވެސް ހުޅުމާލެ ދޫކޮށް މާލެއާ ދިމާއަށްކަން ކާރު ދަތުރު ކުރަނީ އެނގުމުން މިޔާ ސުވާލު އުފެދުނެވެ.

"ކޮންތާކަށް މިދަނީ؟." މިޔާ ނިކަން އަވަހަށް އަހާލި އެވެ.

"އާތަނެއް ނަގާފައި ހުންނާނީ." ޑްރައިވަރަށް ބަލާލާފައި ހިލްމީ ވާހަކަދެއްކި އެވެ. ހީވަނީ ޑްރައިވަރުގެ ކުރިމަތީ މިޔާގެ ސުވާލުތައް ގިނަވެދާނޭތީ ހިލްމީ ކަންބޮޑުވީ ހެންނެވެ.

"ހުޅުމާލެތަން ކިހިނެއްވީ." ކައިރީގައި އިން ހިލްމީއަށް ބަލަން އިނދެ މިޔާއަށް ބުނެވުނެވެ.

"އިހަށް ދެވެންދެން މަޑުކޮށްލަންވީނު. މިޔާގެ ހުރިހާ ސުވާލަކަށް ޖަވާބު ދޭނަން." ހިލްމީ ތަންކޮޅެއް މަޑުން ބުނެލި އެވެ.

މިޔާ ބެހެއްޓުމަށް ހިލްމީ ނަގާފައި ހުރީ ހެންވޭރުކޮޅަކުން ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި އިމާރާތަކުން ދެ ކޮޓަރީގެ އެޕާޓްމެންޓެކެވެ. އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މިޔާއާއެކު ހިލްމީ ހުރުމަށް އިޒީކިއަލް ބުނެފައިވާތީ އެވެ. ފޮށިތައް ގެނެސް ގޭތެރެއަށް ވެއްދުމަށްފަހު އެޕާޓްމެންޓުގެ މައިދޮރު ހިލްމީ ލައްޕާލި އެވެ. ވަގުތަކަށް ބަލަބަލާ ހުރި މިޔާ އަވަހަށް ވާހަކަދައްކަން ފެށި އެވެ. މިވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން އޭނާ ވަނީ ކެތްމަދުވެފަ އެވެ.

"އިޒީކިއަލް ކޮބާ؟. ބުނީމެންނު މާލެން ބައްދަލުވާނޭ؟. ކީއްވެ އާތަނަކަށް މިއައީ؟." ފައްޗަކަށް ސުވާލުތައް މިޔާ އަމުނާލައިފި އެވެ.

"އިށީންނަންވީނު." ސިޓިންރޫމުގައި ހުރި ސޯފާއަށް އިޝާރާތް ކުރަމުން ހިލްމީ ބުންޏެވެ.

އިށީނުން މުހިންމު ނޫންކަމުގައި ހީވިޔަސް ހިލްމީ ވާހަކަދައްކާނީ އޭނާ ބުނާ ގޮތް ހަދައިގެންހެން ހީވާތީ މިޔާ ނިކަން އަވަހަށް އައިސް ސޯފާގައި އިށީނދެއްޖެ އެވެ. އަދި ކެތްމަދުވެފައިވާ މީހަކު ފަދައިން ހިލްމީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

"ދިގު ދަތުރެއްކޮށްފައި ތިއައީ. އިހަށް މިއަދު ދެން އަރާމުކޮށްލާ. މާދަމާ މިޔާގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ." ވިސްނަން ހުރެފައި ހިލްމީ ބުންޏެވެ.

"މާދަމާތަ އިޒީކިއަލް އަންނަނީ؟. ކޮންތާކު އޭނާވީ؟... އެވަރު ބުނެލަދީބަލަ." މާޔޫސްކަމާއެކު މިޔާއަށް ބުނެވުނެވެ.

"މިޔާ. އަހަރެންގެ އަތަކު މިޔާ ހިތްހަމަޖެހޭނެ ޖަވާބެއްނެތް. ސަރ އިރުޝާދު ދިން ގޮތަށް އަހަރެން ކަންތައް މިކުރަނީ. މާދަމާ މިޔާއަށް އެނގޭނެ ސަރގެ ނިންމުން. މިވަގުތު އަހަރެން އެބަޖެހޭ ބޭރަށް ނުކުމެލަން. ދެ ކޮޓަރިން މިޔާ ބޭނުން ކޮޓަރިއެއް ނަގާ. ފަހެއް ޖަހަންވާއިރަށް އަހަރެން އަންނާނަން. ކާއެއްޗިއްސާއި ބޭނުންވާނޭ އެހެން އެއްޗެހި ހިފައިގެން އަންނާނީ." ހިލްމީ ބުންޏެވެ.

"އިޒީކިއަލްގެ ނިންމުން... އެއީ ކޮންނިންމުމެއް؟. އަހަރެންނަށް އެނގޭ ހިލްމީ އޮންނާނީ އެނގިފައިކަން. ކީއްވެ މިވަގުތު ނުބުނެވެންވީ." މިޔާގެ ހިތް އަވަސްވެފައި ވިއެވެ.

"މިވަގުތު ބުނަން އަހަރެން ބޭނުންނޫނީ." ހިލްމީ ބުންޏެވެ. އަދި އޭނާ ފޯނު ނަގަމުން އެޕާޓްމެންޓުން ނުކުންނަން ދިޔަ އެވެ.

"އިޒީކިއަލް ބޭނުންވަނީ ކޮންކަމެއް؟." އެކަނިވުމާއެކު މިޔާއަށް ވިސްނެން ފެށުނެވެ. ހިތްބިރުގަންނަން ފެށި އެވެ. ކަމެއް ގޯސްވާން އުޅެނީއޭ އޭނާގެ ހަވަނަ ޙިއްޞު ބުނަން ފެށީ އެވެ.

ދަތުރުގެ ވަރުބަލިކަމެއް މިޔާއަށް އިޙްސާސެއް ނުވެ އެވެ. ސިކުނޑީގެ ހާސްކަން ބޮޑުވެގެންނެވެ. ޖެހިގެން އައި ދުވަހަށް އިރުއަރާނޭ އިރެއްގެ އިންތިޒާރުގައި މުޅި ރޭ މިޔާ އޮތީ ނިދިން މަހޫރުމުވެފަ އެވެ. ޒަޚަމްވެފައިވާ ހިތަށް ފަރުވާއެއް ނުލިބި އުޅެނިކޮށް އިތުރު އަނިޔާތަކެއް ލިބިއްޖެއްޔާ ދެން އޭނާ ދިރިހުންނާނީ ކިހިނެއްބާއޭ މިޔާގެ ހިތް ސުވާލު އުފައްދަ އެވެ.

"އަހަރެން މޮޔަކޮށްފައި އިޒިކް އެ އުޅެނީ ކިހިނެއް ހަދާނަމޭ ހިތާ." ފިކުރުތަކަށް ކެތްނުކުރެވި މިޔާގެ ދެ ލޯ ތެމިއްޖެ އެވެ.

ހެނދުނުގެ ވަގުތެވެ. ހަތެއް ނުޖަހަނީސް މިޔާ ކޮޓަރިން ނުކުމެއްޖެ އެވެ. ނުނިދާ ހުރުމުންނާއި ރުއިމުގެ ސަބަބުން އޭނާގެ ދެ ލޮލުގައި ދުޅަކަމެއް ފާޅުވާން ހުއްޓެވެ. މީހާ ހުރީ ރޯގާވައްތަރު ވެސް ވެފަ އެވެ. ހިމޭންކަން ވެރިފައި އޮތް ސިޓިންރޫމުގައި ހުރި ސޯފާގައި މިޔާ އައިސް އިށީނެވެ. ހިލްމީ ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި އޭނާ އިނެވެ. ގޭގައި ހިލްމީ ނެތްކަން އެނގުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. މައިދޮރު ހުޅުވާލައި އެޕާޓްމެންޓަށް ހިލްމީ ވަންތަން ފެނިފަ އެވެ. ރަސްމީ ހެދުމެއްގައި ހުރިއިރު އޭނާގެ އަތުގައި ކޮތަޅަކާއި ސިޓީ އުރައެއް އޮތެވެ.

"ސައި ހިފައިގެން މިއައީ. ސައިބޯންވީނު." މިޔާއަށް ބަލާލާފައި ހިލްމީ ބުންޏެވެ.

ސުވާލުތަކެއް ނުކޮށް މިޔާ ސައިބޯން އުޅުނެވެ. ސިޓިންރޫމާ ގުޅިފައިވާ ބަދިގެއަށް ގޮސް ފެންކައްކާ ޖަގު ކަރަންޓަށް ގުޅާލި އެވެ. ސައިތަށްޓެއް ހަދައިގެން އައިސް ހަތަރެސްކަން ބުއްލޫރި މޭޒުގެ ދޮށުގައި އޭނާ އިށީނެވެ. ސޯފާގައި މަޑުކޮށްލައިގެން އިން ހިލްމީ ތެދުވެގެން އައީ މިޔާ ސައިބޮއެ ނިމިއްޖެކަން އެނގުނީމަ އެވެ. އޭނާ އައިސް ކާމޭޒުގެ މިޔާއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީނެވެ. އަދި ޖީބުން ގަލަން ނަގައި ސިޓީ އުރައިގައި އޮތް ފޯމު ނެގި އެވެ. މިޔާގެ ކައިރިޔަށް އެ ފޯމު ހިލްމީ ޖައްސާލި އެވެ. އެހިނދު އަވަސްއަވަހަށް ތަށިތައް އެއްފަރާތްކޮށްލައި މޭޒުމަތިން ޖާގަ ހަދާލުމާއެކު މިޔާ އެ ފޯމަށް ބަލާލި އެވެ.

"މިޔާ ދޫކޮށްލަން ސަރ ނިންމާފައިވަނީ." ހިލްމީ ބުނެލި އެވެ. އޭރު ސިހުން އެކުލެވޭ ބެލުމަކުން ވަރީގެ ފޯމަށް ބަލަހައްޓައިގެން މިޔާ އިނެވެ.

(ނުނިމޭ)