ދުނިޔެ

ހަމައެކަނި ކުށްވެރިކޮށްގެން އިޒުރޭލު ނުހުއްޓުވޭނެ: ތުރުކީ

ބައިނަލްއަގްވާމީ އަސްކަރީ ބާރަކުން ޣާއްޒާއަށް ވަދެގަނެގެން ނޫން ގޮތަކަށް އިޒުރޭލު ނުހުއްޓުވޭނެ ކަމަށް ތުރުކީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޫމާން ކުރުތުލްމުސް ވިދާޅުވެއްޖެ އެވެ.

ނޫމާން ވިދާޅުވި ގޮތުން އިޒުރޭލު ކުށްވެރިކޮށްފައި ކިތަންމެ ބަޔާނެއް ނެރުނު ނަމަވެސް ޔަހޫދީން ތިބީ ހަމަލާތައް ހުއްޓާލާ ގޮތަށް ނޫން ކަމަށެވެ.

ނޫމާން ވިދާޅުވީ ބައިނަލްއަގްވާމީ ނުފޫޒުގަދަ ބާރުތަކަކުން ގަދަފަދަ ފިއްތުންތަކަކާ އެކު ނޫން ގޮތަކަށް ޒަޔަނިސްޓުންނަށް އެއްޗެކޭ ހީވެސް ނުވާނެ ކަމަށެވެ. ޔަހޫދީންނަކީ ގޮތްކުޑަ ބައެއް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ ޒަޔަނިސްޓުން ގަބޫލުކުރާ ގާނޫނެއް ދުނިޔޭގައި ވެސް ނެތް ކަމަށެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި އޮތް އޭޝިއަން ޕާލިމެންޓަރީ އެސެމްބްލީގެ 14 ވަނަ ސެޝަންގައި ވާހަކަދައްކަވަމުން ނޫމާން ވަނީ އަޒަރުބައިޖާންއަށް ތައުރީފްކުރައްވާފަ އެވެ. އެއީ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގެ ބައްދަލުވުންތައް އަލުން ފެށުމުގައި، ބަކޫގެ ސަރުކާރުން އިސްނަގާފައި ވާތީ އެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފްއަށް ރިޔާސީ އާ ދައުރެއް ލިބިވަޑައިގަތުމާ ގުޅިިގެން ނޫމާން ވިދާޅުވީ ބަކޫގައި އޮތް ސަރުކާރަށް ތާއިދުކުރައްވާ ކަމަށާއި އިތުބާރުވެސް އެބައޮތް ކަމަށެވެ.

ފަލަސްތީންގެ ޣައްޒާގައި ޔަހޫދީން -- ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން މިހާރު ހިންގަމުން ގެންދާ ޖަރީމާތަކަށް އިޝާރާތް ކުރައްވައި ނޫމާން ވިދާޅުވި، ބޯނެތް ބައިގަނޑެއް ހިންގާ ޖަރީމާތަަކަށް ބަލަހައްޓައިގެން ތިބުމަކުން ދެން ހަދާނެ ގޮތެއް އެ މީހުންނަކަށްވެސް ނޭނގޭނެ ކަމަށެވެ.

ނުފޫޒުގަދަ ގައުމުތަކުން އަތްޖަހައި ޔަހޫދީންނަށް ހިތްވަރުދެމުން ގެންދާއިރު އެކަން ހުއްޓުވާނެ ބަޔަކު ނެތުމަކީ ދުނިޔޭގައި ހަމައެއް، ލަމައެއް ނެތް ކަމުގެ ސާފު ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގައުމުތަކުން އިޒުރޭލާ ދެކޮޅަށް ތެދުވެ ބަސްބުނުން ވާޖިބު ހާލަތަށް ފަލަސްތީންގެ ހާލަތު ބަދަލުވެއްޖެ ކަމަށް ވެސް ނޫމާން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއަށް ބައިއަތު ހިފައިގެން ތިބި ގައުމުތަށް ތިބީ ޔަހޫދީން ހުއްޓުވާ ގޮތަށް ނޫން ކަމަށާއި ޣައްޒާގެ ހާލަތަށް މުޅި ދުނިޔެ ޒިންމާވާން ޖެހޭނެ ކަމަށެވެ.

އެހީ ދޭން ތިބި ބަޔަކަށް ވެސް ކަމެއް ކުރަން ނުކެރިގެން އުޅެނީ ދުނިޔޭގެ ބޮޑެތި އަސްކަރީ ބާރުތަކުން އިޒުރޭލަށް ތާއީދުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.