ދުނިޔެ

ތުރުކީގައި ތިބި ޔަހޫދީ ހުރިހާ ޑިޕްލޮމެޓުން ގެންގޮސްފި

ތުރުކީގައި ޔަހޫދީ ދައުަލަތް ތަމްސީލުކުރަން ގޮސް ތިބި ޔަހޫދީ ހުރިހާ ޑިޕްލޮމެޓުން އަނބުރާ ގެންގޮސްފި އެވެ.

މިއީ ފަލަސްތީންގެ ޣާއްޒާއަށް ޔަހޫދީ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތައް ހޫނުވެ، ޔަހޫދީންނާ ދެކޮޅު ހަރަކާތްތައް ތުރުކީގައި މާބޮޑަށް އިތުރުވުމުން ޔަހޫދީ ދައުލަތުން އެޅި ފިޔަވަޅެކެވެ.

މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުގައި ތިބި ޔަހޫދީ ޑިޕްލޮމެޓުން ވެސް ވަނީ ޔަހޫދީ ސަރުކާރުގެ އަމުރަށް އެނބުރި ގޮސްފަ އެވެ.

ޔަހޫދީ ދައުލަތުން ބުނާ ގޮތުން މި ފިޔަވަޅަކީ އެއިން ޔަހޫދީއަކަށް ލިބިދާނެ ގެއްލުމަކަށެވެ. ފަލަސްތީނަށް ދާއިރުކޮށް ހިންގަމުންދާ ހަރަކާތްތައް ފާލުން ނައްޓައި ޔަހޫދީ އެމްބަސީތަކަށް ވަނުމަށް ދިމާކުރުމަކީ ވެސް އޮތް ބިރެއް ކަމަށް ޔަހޫދީ ދައުލަތުން ވަނީ ބުނެފަ އެވެ.

މުސްލިމް ގައުމުތަކުގައި ތިބި ޔަހޫދީ ސަފީރުން ގެންދިއުމުގެ އިތުރު މުސްލިމް ބައެއް ގައުމުތަކަށް ދަތުރު ނުކުރުމަށް ވެސް ޔަހޫދީންނަށް އޮތީ އިރުޝާދުދީފަ އެވެ. ޔަހޫދީން ދަތުރު ނުކުރަން އެދުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ހެދި މުޅި ދުނިޔެ ކަލަހަ ގޮތަކަށް އޮތީ ރުޅިގަދަވެފަ އެވެ.

އެމެރިކާ އާއި އެމެރިކާއަށް ވިކިފައި ތިބި ބައެއް ގައުމުތައް ފިޔަވައި -- ޔަހޫދީންނާ ދެކޮޅަށް މާބޮޑު އެއްޗެއް ބުނަން ނުކެރޭ ގައުމުތަކުން ވެސް،، ޔަހޫދީންގެ ހަމަލާތައް ކުށްވެރިކޮށް ބަޔާންތައް ވަނީ ނެރެފަ އެވެ.

ޣައްޒާއަށް އަސްކަރީ ގޮތުން ވޭންގަދަ ހަމަލާތައް ދިނުމުގެ އިތުރުން ޣައްޒާއިން ފެނާއި ކަރަންޓް ވަނީ ކަނޑާލާފަ އެވެ. އަދި ކާބޯތަކެތި އެތެރެކުރެވެން ހުރި ދޮރުތައް -- ބޯޑަރުތައް ވެސް ވަނީ ޔަހޫދީ ދައުލަތުން ބަންދުކޮށްފަ އެވެ.

ޣައްޒާއަށް އެހީ ހިފައިގެން ގޮސް ތިބި ލޮރީތައް މިސްރުގެ ރަފާހް ބޯޑަރު ކައިރީގައި މިހާރު ވެސް ތިބީ ކިޔޫގަ އެވެ. ނަމަވެސް، ޔަހޫދީ އަސްކަރީ ޖެޓުތަކުން ހަމަލާދޭ ވަރުން ޣައްޒާއަށް ދަތުރުނުކުރެވި މަޑުކުރަން މަޖުބޫރުވެފައި ތިބީ އެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް އަދި އދ އަށް ވެސް ޣައްޒާއަށް އެހީ ވެއްދޭނެ ގޮތެއް ނެތެވެ. އެއަށް ވުރެ ޔަހޫދީންގެ ނުބައިކަމާއި ބާރު މާގަދައީ އެވެ.

ހަގީގަތުގައި ހުރިހާ ނުބައެއް ހަދަނީ އެމެރިކާ އާއި އިނގިރޭސިންނެވެ. ފަރަންސޭސިންނަކީ ވެސް ޔަހޫދީންނަށް ޖާސޫސްކޮށްދިނުން ފަދަ ފަލަސްތީނަށް ދެރަގޮތް ވުމަށް ޔަހޫދިންނަށް ވާގިވެރިވާ ގައުމެކެވެ.