ޖީމެއިލްއަށް އޮތް ތާއީދު އެ ގޮތުގައި ދެމިއޮތުމަކީ ލާޒިމުކަމެއް ނޫން ކަމަށް ސްޕޭސްއެކްސް އަދި ޓެސްލާގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
މަސްކް އޭނާގެ އެކްސް އެކައުންޓްގައި ޕޯސްޓްކުރައްވައި ވިދާޅުވީ -- އޭނާ ގެންގުޅުއްވާ މަރުކާއަށް ނިސްބަތްކުރައްވައި -- މުޅިން އާ އީމެއިލް ހިދުމަތެއް، އެކްސްމެއިލްގެ ނަމުގައި ތައާރުފުކުރައްވާނެ ކަމަށެެވެ.
އެކްސްމެއިލް ތައާރަފް ކުރައްވާނެ ތާރީޚެއް މަސްކް ވިދާޅެއް ނުވެ އެވެ. އެކަމު ވިދާޅުވީ "އަންނާނެ" ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީލޮން މަސްކްގެ "އެކްސް" މަރުކާއަށް ފައްތައި، އީމެއިލް ހިދުމަތެއް ތައާރުފުކުރަން އޭނާ މަސައްކަތްކުރައްވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ރޭވުންތައް އަދި އޮތީ އޭނާގެ އިންޖިނޭރުންނާ ހިސާބުގައި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އީލޮން މަސްކްގެ ވިޔަފާރީގައި "އެކްސް" އަކީ އޭނާ ވަރަށް ލޯބިކުރައްވާ މަރުކާ އެކެވެ. ޓްވިޓާ ބައްލަވައިގަތުމުގެ ކުރިންވެސް އެ ނެޓްވޯކްގެ ނަން އެކްސްއަށް ބަދަލުކުރައްވާނެ ކަމަށް މަސްކް ވިދާޅުވި އެވެ.
މަސްކްގެ ވިޔަފާރީގައި ހިމެނޭ އެކްސްއަށް ނިސްބަތްވާ އެހެން ނަންތަކަކީ ސްޕޭސްއެކްސް، އެކްސް (ޓްވިޓާ) އަދި ސްޓާލިންކްގެ ލޯގޯ ހިމެނެ އެވެ.
އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތީ 2022 ގައެވެ. އެއަށް ފަހު އެކްސްއަށް ނަން ބަދަލުކުރައްވައި ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފަ އެވެ. މައިގަނޑު ގޮތެއްގައި ހުރިހާ ބަދަލުތަކެއް އަމާޒުކޮށްފައި ވަނީ ވިޔަފާރިއަށް -- ފައިދާވާ ގޮތަށެވެ.
ގޫގުލް އިން ހިންގާ ޖީމެއިލް ބޭނުންކުރާ މީހުން -- އެކްޓިވް ޔޫޒާގެ އަދަދު 1.8 ބިލިއަނަށް ވުރެ ގިނަ އެވެ. ޖީމެއިލް އަކީ އެންޑްރޮއިޑް ފޯނުތަކާ ގާތް ގުޅުމެއް އޮން ހިދުމަތަކަށް ވުމަކީ ވެސް، ޖީމެއިލްގެ މަގުބޫލްކަން އިތުރުވި ސަބަބެކެވެ.
ފޯބްސް ބުނާ ގޮތުން އީމެއިލް މާކެޓްގެ 30 ޕަސެންޓް ހިއްސާ އޮތީ ޖީމެއިލް އަށެވެ.
އީލޮން މަސްކް އެކްސްމެއިލްގެ ނަމުގައި އީމެއިލް ހިދުމަތެއް ތައާރަފް ކުރި ނަމަވެސް ޖީމެއިލް ދޫކޮށްލާފައި ދާ ވަރުގެ މޮޅުކަމެއް ނެތް ނަމަ ގިނަ ބަޔަކު އެކްސްމެއިލްއަށް ނުދާނެ އެވެ. ޖީމެއިލް އަކީ އީމެއިލް ބޭނުންކުރާ މީހުން ބޭނުން -- ގާތްގަނޑަކަށް ހުރިހާ ފަސޭހައެއް ހިމެނޭ ޚިދުމަތެކެވެ.
ޖީމެއިލަށް އޮތް އަނެއް ފައިދާ އަކީ ގޫގުލްގެ ހިދުމަތްތަކާ ލާމެހުމެވެ. ގޫގުލްގެ އިންޓަނެޓް ބްރައުޒާ -- ކްރޯމްވެސް ޑިޒައިންކޮށްފައި ވަނީ ޖީމެއިލް ބޭނުންކުރަން ފަސޭހަވާ ގޮތަށެވެ.