ހަބަރު

ޖެންސާގެ ރިޕޯޓަށް ރައްދުދީ، މުބީން ރިޕޯޓެއް އެކުލަވާލައިފި

ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްލަގުވާމީ ވަކީލު ޖެރެޑް ޖެންސާ ވަައިޓް ހައުސް އަށް ހުށަހެޅި ލިޔުން ހަދައިފާ ވަނީ ހަމަ އެކަނި އިދިކޮޅު ފަރާތްތައް ދައްކާ ވާހަކަޔަށް ބަލާފައި ކަމަށް ވިދާޅުވެ ހަގީގަތް ހާމަކޮށްދީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ރިޕޯޓެއް ނެރެފި އެވެ. އެ ރިޕޯޓް މީޑިއާތަކާ ހިއްސާކޮށްފައިވާއިރު، ފޮރިން މިނިސްޓްރީއަށް މި ރިޕޯޓް ފޮނުވާނެ ކަމަށް މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތަކާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދާ ފަރާތްތަކެއް ކަމަށް ބުނެ ދައުލަތުގެ އިސްވެރިންގެ ލިސްޓެއް ހިމެނޭ ގޮތަށް 30 ސަފުހާގެ ރިޕޯޓެއް ތައްޔާރުކޮށް އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ޖެންސާ ފޮނުވުމުންނެވެ. މި ރިޕޯޓު ފޮނުވާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގަ އެވެ.

އެކަމާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން މުބީން ވިދާޅުވީ ނަޝީދުގެ ބައިނަލްލަގުވާމީ ވަކީލު ވައިޓް ހައުސްއަށް ހުށަހެޅި މި ލިޔުމުގައި ފާހަގަ ކޮށްފައި ހުރި މައްސަލަތައް ބެލުމަށް ކަމާ ބެހޭ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށާއި އެގޮތުން ޖެންސަން އެމެރިކާ ސަރުކާރަށް ހުށަހަޅާފައިވާ ލިޔުމުގި ހަގީގަތާއި ހިލާފު ގިނަ ވާހަކަތަކެއް ހިމަނާފައިވާ ކަމަށެވެ.

މުބީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދައްކަމުން ދާނީ ސަރުކާރުގެ ހުރި ލޫޕް ހޯލްސްތަކަށް ކަމަށާއި އަދި ޖެންސާ ހަދާފައިވާ ލިޔުމަކީ އެމައްސަލަތަކަށް އެކަނި ރިޔާއަތްކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށެވެ.

"މުޅި ލިޔުމުގައި ދައްކާފައިވާ ކޮންމެ ރިފަރަންސް އެއްވެސް ގޮސް މި ހުއްޓެނީ ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކުގައި އަދި އިދިކޮޅު މީޑިއާތަކުން ދައްކާފައި ހުރި ވާހަކަތަކަށް. އެހެންވީމަ ގަބޫލު ކުރެނީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިގެން އެއްދިމާލަކުން މައުލޫމާތު އެއްކޮށްގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަން މިއީ،" މުބީން ވިދާޅުވި އެވެ.

އެގޮތުން މި ލިޔުމުގައި ސިޔާސީ ހަރަކާތްތަށް ހުއްޓުވަމުންދާ ކަމަށް ބުނެފައިވާ ވާހަކަތަކަކީ ތެދުވާހަކަތަކެއް ނޫން ކަމަށާއި ސިޔާސީ ހަރަކާތްތަށް މިނިވަން ކަމާއެކު ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ޖާގަދޭ ކަމަށެވެ. އެހެން ނަމަވެސް ހެދިފައި ހުންނަ ގާނޫނުގެ ތެރެއިން ޖާގަ ނުދެވޭ ބައެއްކަން ކޮންމެ ގައުމެއްގައި ވެސް ހުންނާނެ ކަމަށް މުބީން ވިދާޅުވި އެވެ.