ރަތް ކަނޑުން ދަތުރުކުރާ މުދާ އުފުލާ އުޅަންދުތައް ރައްކާތެރި ކުރުމަށް އެމެރިކާ އިސްވެ ހިންގާ އަސްކަރީ އޮޕަރޭޝަންގައި ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަނަށް ނިސްބަތްވާ އެކި ގައުމުން އެކި ވަރަށް ބައިވެރިވަމުން އަންނައިރު، ޗެކް ރިޕަބްލިކުން ވަނީ އެ އިއްތިހާދުގައި ބައިވެރިވުމަށް ދެ ސިފައިން ފޮނުވާނެ ކަމަށް ބުނެފަ އެވެ.
ޗެކް ރިޕަބްލިކްގެ އަސްކަރިއްޔާ އިން މިކަން ބަޔާންކޮށް ނެރުނު ބަޔާނުގައި ބުނެފައި އޮތް ގޮތުން އަންނަ މާޗް މަހު ކުރީ ކޮޅު ދެ ސިފައިން ފޮނުވާނެ އެވެ. އަދި މި ދެ ސިފައިން މަސައްކަތްކުރާނީ ގުރީކުގައި ހުންނަ އަސްކަރީ ހެޑްކުއާޓަރުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.
ހޫސީންނާ ދެކޮޅަށް އަސްކަރީ އިއްތިހާދުގައި ބައިވެރިވުމަށް ސްވިޑަން އިން ހަތަރު ސިފައިން ފޮނުވަންވެސް ވަނީ ނިންމާފަ އެވެ. ޑެންމާކުން ބުނީ އެ މީހުންނަށް ފޮނުވެން އޮތީ ސިފައިންގެ އެންމެ މީހެއް ކަމަށެވެ.
މި ގޮތުން ގައުމުތަކުން ފޮނުވާ ސިފައިން، ހޫސީންނަށް ހަމަލާދިނުމުގައި ބައިވެރި ނުވާނެ ކަމަށް އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވިދާޅުވި އެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންނަށް ހަމަލާދިނުމުގައި ބައިވެރިވާނީ ހަނގުރާމައަށް ތައްޔާރުކޮށްފައި ތިބި ވަކި ބަޔަކު ކަމަށް ސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަތް ކަނޑަށް ސިފައިން ޖަމާކޮށް އިއްތިހާދު ހެދިއެއް ކަމަކު ހޫސީން ބަލިކަށިވާ ގޮތެއް ނުވެ އެވެ. އޭގެ ބަދަލުގައި ހޫސީންގެ ފަރާތުން ފެންނަނީ އާ ވައްތަރުތަކުގެ ހަތިޔާރެވެ.
ހޫސީން ކަނޑު އަޑީގައި ޑްރޯން ބޭނުންކޮށްގެން އެމެރިކާ އަށާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް މި ފަހުން ވަނީ ހަމަލާ ދީފަ އެވެ. އެ ޖަމާއަތުން ބުނާ ގޮތުން ޔަމަނުގައި ހުރި އެ ޖަމާއަތުގެ މައިދާންތަކާށް ހަމަލާދޭނަމަ -- އެ ޖަމާއަތުން ވެސް ހަމަލާތައް ވަރުގަދަ ކުރާނެ އެވެ.
މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން ހޫސީން މިހާރު ހަމަލާ ދެނީ ވަރަށް ބޮޑަށް ފިލާ ތިބެގެންނެވެ. މިގޮތަށް ފިލާ ތިބުމުން އެ މީހުން ތިބި ތަންތަނަށް ހަމަލާދިނުން އެމެރިކާއަށް ދަތި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އެމެރިކާގެ އޮފިޝަލުންވެސް ވަނީ ހޫސީންނަށް އެމެރިކާއިން ދެމުން ގެންދާ ހަމަލާތައް ހުއްޓާލާފައި މަޝްވަރާއަށް ދިއުން މާބުއްދިވެރި ކަމަށް ބުނެފަ އެވެ. އެ ނޫން ގޮތެއްގައި ހޫސީންނަށް ވުރެ ބޮޑު ގެއްލުން، ގުޅިފައި އޮތް އަސްކަރީ ބާރުތަކަށް ބޮޑުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.